ބޭރު ކުޅިވަރު

11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް

ސްޕޭނުގެ ވާދަވެރި އެތްލެޓިކޯ މެޑްރިޑް ޕެނަލްޓީ ޖަހައިގެން 5-4އިން ބަލިކޮށް 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

އިޓަލީގެ ސެންސީރޯގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އެތްލެޓިކޯ އަށް އެއްވަރުކޮށްދިނީ ފަހު ހާފުގައި ޔަނިކް ކަރަސްކޯ އެވެ. މީގެ ކުރިން ފެނާންޑޯ ޓޮރޭޒް ޕެނަލްޓީ އޭރިޔާ ތެރެއަށް ވައްޓާލުމުން އެތްލެޓިކޯ އަށް ލިބުނު ޕެނަލްޓީ އެންޓޯނިއޯ ގްރިއެޒްމަން ޖެހުމުން ގޯލަށް ނުވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. ނަމަވެސް ޝޫޓް އައުޓްގައި ގްރިއެޒްމަން ޖެހި އެތްލެޓިކޯގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބިވި އެވެ. އެ ޓީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ޖައުފަރަން ޖެހި ޕެނަލްޓީ އެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑި އަށެވެ.
ރެއާލްއިން ލޫކަސް އާއި ގެރެތް ބޭލް އަދި މާސެލޯ އާއި ރާމޯސްގެ އިތުރުން ފަހު ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބު ކުރި އެވެ.

މި މެޗުގައި ރާމޯސް ލަނޑު ޖެހުމުން އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ދެ ފައިނަލެއްގައި ލަނޑު ޖެހި ފަސް ވަނަ ކުޅުންތެރިޔާ އަށެވެ. އަދި މިއީ 90 މިނިޓްގައި އެއްވަރުވެގެން އިތުރު ވަގުތު ކުޅެގެން ނަތީޖާ ނެރެންޖެހުނު އަށް ވަނަ ފައިނަލެވެ.

ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. އެމީހުން 11 ފަހަރު ތަށި ހޯދިއިރު ދެން އެންމެ ގާތް ކުރަނީ އިޓަލީގެ އޭސީ މިލާނެވެ. އެ ޓީމު ތަށި ހޯދާފައިވަނީ ހަތް ފަހަރު އެވެ.
ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ނާކާމިޔާބުވި ނަމަވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުމުން ރެއާލް އަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.