ބޭރު ކުޅިވަރު

ތައްޓާއެކު ޒިދާން ތާރީހުގެ ތެރެއަށް

ޗެމްޕިއަންސް ލީގު ތައްޓާއެކު ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން މުބާރާތުގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

ސްޕޭނުވެ ވާދަވެރި އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް އަށް ރޭ ތަށި ހޯދައިދިނުމުން އޭނާ ވެފައިވަނީ ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުގައި މި ތަށި ހޯދި ހަތް ވަނަ ފަރާތަށެވެ.

ޒިދާން ވަނީ 2002 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް އަށް ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ. ފައިނަލް މެޗުގައި ޖަރުމަނުގެ ބަޔާން ލެވަކޫސަން ކޮޅަށް ލަނޑު ޖެހީ ވެސް އޭނާ އެވެ.

ފްރާންސަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ޒިދާން އަކީ ފްރާންސްގެ ކުރީގެ ކެޕްޓަަނެވެ. އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ތިން ފަހަރު ހޯދައިފަ އެވެ. ކޯޗިންގެ މާބޮޑު ތަޖުރިބާއެއްނެތި އޭނާ މި އަހަރު ރެއާލްގެ ކޯޗުކަމާ ހަވާލުވީ ރަފާ ބެނީޓޭޒް މަގާމުން ދުރުކުރުމުންނެވެ. ޒިދާނަކީ ރެއާލް އަށް ޗެމްޕިއަންސް ލީގު ހޯދައިދިން ހަތްވަނަ ކޯޗެވެ. އަދި އޭނާ އަކީ ރެއާލްގެ ކޯޗެއްގެ ގޮތުގަ އާއި ކުޅުންތެރިއެއްގެ ގޮތުގައި މި ތަށި ކާމިޔާބު ކުރި ދެ ފަރާތެވެ. މީގެ ކުރިން މި ރެކޯޑް އޮތީ މިގުއެލް މުނޯޒްގެ އަތުގަ އެވެ.

ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުން މިހާތަނަށް މި ތަށި ހޯދާފައިވަނީ މެންޗެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވާ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ބާސެލޯނާގެ ކުރީގެ ދެ ކޯޗުން ކަމަށްވާ ފްރޭންކް ރައިކާޑާއި ޔޯހަން ކްރައިފް އަދި ރެއާލް އާއި އޭސީ މިލާނުގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ އާއި ރެއާލްގެ ކުރީގެ ކޯޗު މިގުއެލް މުނޯޒް އާއި ޖިއޮވާނީ ޓްރަޕަތޯނީ އެވެ.

ތަށި ލިބުނު ނަމަވެސް އަންނަ ސީޒަނުގައި ރެއާލްގެ ކޯޗަކަށް ޒިދާން ހުންނާނެކަން އަދި ޔަގީނެއްނޫނެވެ.