ބޭރު ކުޅިވަރު

އަހަރުމެން ތިބީ 11 ވަނަ ތަށި ހޯދަން ކެތްމަދުވެފައި: ބޭލް

ރެއާލް މެޑްރިޑުގެ ކުޅުންތެރިން ތިބީ 11 ވަނަ ތަށި ހޯދަން ކެތްމަދުވެފައި ކަމަށާއި ތަށި ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ޓީމުގެ ގެރެތް ބޭލް ބުނެފި އެވެ.

އިޓަލީގެ ސެންސީރޯގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް ޕެނަލްޓީ ޖަހައިގެން 5-4އިން ބަލިކުރުމަށްފަހު ބޭލް ބުނީ މިއީ "ކިޔައިދޭން އުނދަގޫ އުފާވެރި އިހުސާސްތަކެއް ކުރުވާ ވަގުތެއް،" ކަމަށެވެ.

"އިތުރު ވަގުތުގައި ވެސް އަހަރުމެން ދައްކައިދިނީ އަހަރުމެން ތިބީ ތަށި ހޯދަން ބޭނުންވެފައިކަން. އެތްލެޓިކޯގެ ބައެއް ކުޅުންތެރިން ތިބީ ވަރުބަލިވެފައި. އަހަރުމެން ކުޅުނީ މޮޅުވާން. އެމީހުން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު އަހަރުމެންނަށް މިއޮތީ އުފާފާޅު ކުރަން ފުރުސަތު ލިބިފައި،" ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ބުންޏެވެ.

ބޭލް ބުނީ އޭނާގެ އަމާޒަކީ އަންނަ މަހު 10ގައި ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބު ކުރުން ކަމަށެވެ.

އޭނާ ބުނީ ޕެނަލްޖީ ޖެހި ވަގުތު ހިތްތެޅުނު ކަމަށާއި ނަމަވެސް މޮޅުވާނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.

ބޭލްއެކޭ އެއްފަދައިން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ބުނީ ޕެނަލްޓީ ޖެހި ވަގުތު މޮޅުވާން އުއްމީދު ކުރި ނަމަވެސް ހާސްވި ކަމަށެވެ.

"ޕެނަލްޓީގައި މޮޅުވާނީ ކޮން ބައެއްކަން އެކަކަށް ވެސް ނޭނގޭނެ. އެކަމަކު އަހަރުމެންގެ ހުރިހާ ކުޅުންތެރިން ޕެނަލްޓީ ކާމިޔާބުކުރި. މިއީ އަހަރުމެން މޮޅުވާން ބޭނުންވެފައިތިބި ކަން ސާބިތުވާ ކަމެއް. މިހާރު މިއޮތީ ފިޓްނޫން މީހުންނަށް ސީޒަން ނިމިފައި. އަރާމު ކުރުމަށްފަހު އަހަރުމެން ދާތީ ޔޫރޯ އަށް،" ޕޯޗުގަލްގެ ކެޕްޓަން ބުންޏެވެ.