ހަބަރު

ސަރުކާރުން އަންހެނުންނަށް ހާއްސަ 200 މިލިއަން ރުފިޔާގެ ލޯނު ސްކީމް!

އިގްތިސޯދީ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި މިދިޔަ އަހަރު އެކަނިވެސް އަންހެނުންނަށް ހާއްސަކޮށްގެން 200 މިލިއަން ރުފިޔާގެ ލޯނު ޕްރޮޑަކްޓް ބާޒާރަށް ނެރުނު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހިންގުމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނުންނަށް އެވޯޑު ދިނުމަށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ވިމެން އޮން ބޯޑްސް (ވޮބް) އިން ބޭއްވި އެވޯޑު ހަފްލާއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އަންހެނުން ބާރުވެރި ބަޔަކަށް ވާނީ ގައުމުގެ އިގްތިސޯދީ ދާއިރާގެ ކުރީ ސަފަށް އަންހެނުން އިތުރުކޮށްގެން ކަމަށެވެ. މި ސަރުކާރުން މަސައްކަތް ކުރަނީ އެ މަގުސަދުގައި ކަމަށާއި މިހާތަނަށް ވެސް އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ގިނަ ލޯނުތަކެއް ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.

"މިދިޔަ އަހަރު އެކަނިވެސް 200 މިލިއަން ރުފިޔާގެ ލޯނު ޕްރޮޑަކްޓް ބާޒާރަށް ނެރުނު،" ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދެކުނު އޭޝިއާގައި، ބޮލަކަށް އެންމެ ބޮޑު އާމްދަނީއެއް ޖެހޭ ގައުމުގެ ގޮތުގައި މިއަދު ރާއްޖެ ވެފައިވާ އިރު، އެ ކާމިޔާބީގެ ފަހަތުގައި ދިވެހި އަންހެނުން އަދާކޮށްފައިވާ ޒިންމާ ބޮޑު ކަމަށެވެ. ރާއްޖޭގެ އިގްތިސޯދަށް އެންމެބޮޑު ކުރިއެރުމެއް ގެނެސްދޭ އެއް ދާއިރާއަކީ މަސްވެރިކަމަށް ވާއިރު، އެ ދާއިރާގައި ދިވެހި އަންހެނުން ކުރި އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ދުވަހަކުވެސް އަގުކުރެވޭނެ މަސައްކަތްތަކެއް ނޫން ކަމަށެވެ.

"މީގެ ތަންކޮޅެއް ކުރިއަށް ބަލާއިރު، މަހަށް ދަނީ ފިރިހެން ބޭފުޅުން ކަމަށްވީ ނަމަވެސް، އެ މަސް ހިއްކުމާއި ކެއްކުމަކީ ކާބަފައިންގެ ޒަމާނުއްސުރެ އަންހެނުން ކުރަމުން އައި ކަމެއް. އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިވާ އިގްތިސޯދީ ތަރައްގީގެ ފަހަތުގައި ދިވެހި އަންހެނުންގެ ހިއްސާ ބޮޑު،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އަންހެނުންނާއި ނުލައި ގައުމަކަށް ހަގީގީ ތަރައްގީ ނުހޯދޭނެ ކަމަށެވެ. އެހެންކަމުން ތަރައްގީ މުޅިން އާ ޒަމާނަކަށް ބައްޓަންވަމުން ދާއިރު ތައުލީމީ އަންހެނުންގެ ވިސްނުމަކަށް ވާންޖެހޭނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުން ކަމަށެވެ.

ތަރައްގީގެ ދުވެލި މުޅިން ބަދަލުކޮށްލާވަރުގެ ބޮޑެތި މަޝްރޫއުތައް ފެށުމަށް ސަރުކާރުން ތައްޔާރުވެ މަސައްކަތް ފަށާފައިވާއިރު، އެ މަޝްރޫއުތަކުގެ ތެރެއިން ހުޅުވިގެން އަންނަ ފުރުސަތުތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ސައީދު ވަނީ ދިވެހި އަންހެނުންނަށް ގޮވާލައްވާފަ އެވެ.

"ރައީސް އަބްދުﷲ ޔާމީން މަސައްކަތްފުޅު ކުރައްވަމުންގެންދަވަނީ ރާއްޖެ ތަހުޒީބީ މުޖުތަމައަކަށް ހެދުމަށް. އެކަން ކާމިޔާބު ކުރެވެން އޮތީ، އިގްތިސޯދީ ދާއިރާގައި އަންހެން ބޭފުޅުންގެ ހިއްސާ އިތުރުކުރުކޮށްގެން. ވުމާއެކު ގައުމުގެ ތަރައްގީއާ ގުޅުވާލެވިގެން ފަށާ ބޮޑެތި މަޝްރޫއުތަކުން ހުޅުވިގެން އަންނަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރާއްޖޭގެ އަންހެން ކަނބަލުންނަށް އަޅުގަނޑު ގޮވާލަން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.