ބޮލީވުޑް

ކެޓްރީނާގެ ރުޅިގަނޑުގެ އަމާޒަކަށް އަނެއްކާވެސް ނޫސްވެރިން!

May 30, 2016

އެކްޓަރު ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ހިސާބުން މިދެތަރިން އުޅެފައިވަނީ މީޑިއާ އާ ވަރަށް ދުރުންނެވެ.

ވަކިން ހާއްސަކޮށް ރަންބީރާ ރުޅިވިފަހުން މިދެތަރިން ރުޅިވި ސަބަބު ނޫސްވެރިން ކެޓްރީނާ ކުރެން އަހަމުން އަންނާތީ އޭނާ ހުންނަނީ ނިކަން ރުޅިއައިސްފަ އެވެ.

ރަންބީރާ އެކު ކެޓްރީނާ ކުޅެމުން އައި ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ "ޖައްގާ ޖާސޫސް" ގެ ޝޫޓިން މޮރޮކޯގައި ނިންމާލުމަށްފަހު އެނބުރި އިންޑިއާ އަށް އައިރު އޭނާ އަށް މަރުހަބާކިޔަން އެތަކެއް ނޫސްވެރިން ވަނީ ޖަމާވެފަ އެވެ.

ހައަހަރުވީ ލޯބީގެ ގުޅުން އެހެން ހަރުފަތަކަށް ގެންދަން ކެޓްރީނާ ކެތްމަދުވެފައި ހުއްޓައި ރަންބީރާ ރުޅިވެ ކެޓްރީނާ ޒަހަމްވި ހިތަށް އަދިވެސް ފަރުވާއެއް ނުލިބޭއިރު ދޭތެރެ ދޭތެރެއިން ނޫސްވެރިން މިދެތަރިން ރުޅިވި ސަބަބު ހޯދަން ފަސްފަހަތުން ދުވާތީ ކެޓްރީނާ އިންތިހާ ރުޅި އައިސްފަ އެވެ.

މުމްބައި އެއާޕޯޓަކީ އަބަދުވެސް އެތަކެއް ތަރިންތަކެއް އައިސް އަދި ފުރައިގެންދާ ތަނަކަށްވީައިރު، ނޫސްވެރިން ތިބެނީ މަޝްހޫރުތަރިންގެ ވާހަކަތައް ހޯދަން އެއާޕޯޓްގައި ގެ އަޅައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިފަހަރުވެސް ކަންތައްވީ އެހެންނެވެ.

ކެޓްރީނާ ފެނުމުން އޭނާއާ ރަންބީރުގެ ލޯބީގެ ނިމުން އައި ވާހަކަ އަހަން ކެތްމަދުވެފައި ތިބި ނޫސްވެރިންނަށް އެފުރުސަތު ވަނީ ނުލިބިފަ އެވެ. ކެޓްރީނާ އެއާޕޯޓުން ނިކުމެ ކާރަށް އަރަންދެން ނޫސްވެރިންނާިއ ފޮޓޯގްރާފަރުން އޭނާގެ ފަހަތުން ގޮސްފައިވާއިރު، ކެޓްރީނާ ވަނީ ބޮޑީ ގާޑުންގެ އެހީގައި ނޫސްވެރިންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ކާރަށް އަރަން މަސައްކަތްކޮށްފަ އެވެ.

ނަމަވެސް ކެޓްރީނާގެ ކެތްތެރިކަން ކޮޅުން ލަައިގެން ދިޔައީ ކާރަށް އަރަން އުޅެނިކޮށް ނޫސްވެރިޔަކު ވަރަށް ރުޅިއައިސްފައި ހުރެގެން އެމީހުންގެ ސުވާލުތަކަށް ޖަވާބު ދޭން ބޭނުންނުވާ ނަމަ މީޑިއާތަކަށް ދައުވަތުދެނީ ކީއްކުރަންތޯ އަހާފަ އެވެ. ރުޅި ގަދަވެފައި ހުރި ކެޓްރީނާ ވަނީ "އަހަރެން ކަލޭމެންކުރެން އަންނާކަށް ނުބަމުން" މިހެން ބުނެ ކާރަށް އަރައިގެން ގޮސްފަ އެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވުމުގެ ކުރިން މިދެތަރިން ދިރިއުޅުމުން އައިސްފައިވަނީ އެކުގަ އެވެ. ދެމީހުން ރުޅިވުމުން ރަންބީރު ގެއިން ނިކުމެގެން ދިއުމުން ކެޓްރީނާ ވެސް ވަނީ އެހެން ގެއަކަށް ބަދަލުވުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ކެޓްރީނާ ގެއެއް ހޯދަން ސަލްމާންގެ މެނޭޖަރާ އެކު ނިކުމެ އުޅެނިކޮށް ނޫސްވެރިންނަށް ފެނިގެން އެމީހުން ފަހަތުން ދާން ފެށުމުން ކެޓްރީނާ ވަނީ އޭނާ ދާހާތަނަކަށް ފަހަތުން ނައުމަށް އެދިފަ އެވެ. އަދި އޭނާގެ ފަސްފަހަތުން އަންނަ ނަމަ ފުލުހުންނަށް މައްސަލަ ރިޕޯޓްކުރާނެ ކަމަށް ބުނެފަ އެވެ.