ވިޔަފާރި

އެފްއެންބީ ޝޯ ބުރާސްފަތި ދުވަހު ފަށަނީ

May 30, 2016
1
  • ފެއާގައި އިނާމުތަކެއް ދޭ
  • އެފްއެންބީ ޝޯ ފަށާނީ ބުރާސްފަތި ދުވަހު
  • ގިނަ ކުންފުނިތަކުން ބައިވެރިވޭ

ކެއުމުގައި ބޭނުންކުރާ ސާމާނާއި އާލާތްތައް ވިއްކާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖް (އެފްއެންބީ) ޝޯ ބުރާސްފަތި ދުވަހު ހުޅުވާނެ ކަމަށް ހައިރައިޒްއިން ބުނެފި އެވެ.

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއާ ކުރިއަށްދާނީ މިމަހުގެ ދޭކުން ހަތަރަކަށް ނޭޝަނަލް އާޓްގެލަރީގަ އެވެ.

ރާއްޖޭގައި ގިނަ ފެއާތަކެއް އިންތިޒާމު ކުރަމުން ގެންދާ ހައިރައިޒްއިން ބުނި ގޮތުގައި މި ފެއާގައި ރާއްޖެއަށް ކާބޯތަކެތި އެތެރެކޮށް ވިއްކާ ގިނަ އަދަދެއްގެ ކުންފުނިތަކުން ބައިވެރިވާނެ އެވެ. މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތެއް ނަގައި ގިނަ އިނާމު ތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ފެއާއަށް ޒިޔާރަތް ކުރުމުގެ ލިބޭ އިނާމުތަކުގެ ތެރޭގައި އުނދުން، މިކްސްޗަރު އަދި ފެއާގެ ޕާޓްނަރު ކޮކާކޯލާގެ ފަރާތުން ކޮންމެ ދުވަހު ފަސް ކޭސް ކޮކާކޯލާ ލިބޭނެ އެވެ.

"އެފްއެންބީ ޝޯވް" ހުޅުވިފައި ހުންނާނީ ދެވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު މެންދުރު ފަހު ދޭކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން 11 އަށެވެ. އަދި ތިންވަނަ ދުވަހު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން 11 އަށެވެ.