ވިޔަފާރި

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓް މިއަހަރުވެސް ރާއްޖޭގައި

May 30, 2016

ޓޫރިޒަމްގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނޭލޭ ނައިޓް އަނެއްކާ ވެސް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މީގެ ކުރިން އެއްފަހަރު އެ އެވޯޑް ހަފްލާ ވަނީ ރާއްޖޭގައި ބާއްވައިފަ އެވެ.

ޓްރެވަލް އެވޯޑްސް ގްރޭންޑް ފިނާލޭ ރާއްޖޭގައި ބާއްވާނެކަން ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު އެމްއެމްޕީއާރުސީ އިން ބުނީ، އެ ހަފްލާ ބާއްވާނީ އޮޅުވެލި ބީޗް ރިސޯޓްގައި މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ޓޫރިޒަމާ ގުޅޭ ހަތް ދާއިރާއަކަށް ބަހާލައިގެން 33 އެވޯޑް ދޭ އިރު، ގްރޭންޑް ފިނޭލާ އަކީ މި އެވޯޑްތަކަށް ނޮމިނޭޓްވި ފަރާތްތަކުގެ ތެރެއިން އެވޯޑް ލިބޭ ހުރިހާ ފަރާތްތަކަށް އެވޯޑް ހަވާލު ކުރުމަށް ބާއްވާ ކުލަގަދަ ހަފްލާ އެކެވެ. މި ހަފްލާގައި ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ އިސް ފަރާތްތަކުން ބައިވެރިވެ އެވެ.

ކޮންމެ އަހަރަކު ވެސް އެ އެވޯޑްގައި ރާއްޖެއިން ގިނަ އެވޯޑްތަކެއް ހޯދަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ އެންމެ ރޮމޭންޓިކް ރިސޯޓްގެ އެވޯޑް ވެސް ލިބިފަ އެވެ. މިއަހަރު ވެސް އެންމެ ގިނަ ކެޓަގަރީތަަކަށް ނޮމިނޭޓްވި ގައުމެއްގެ ގޮތުގައި އޮތީ ރާއްޖެ އެވެ. ރާއްޖެ ނޮމިނޭޓްވެފައިވާ އެވޯޑް ކެޓަގަރީ ތަކަކީ، ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލް މަންޒިލް އަދި އެންމެ މަގުބޫލު ޑައިވް، ހަނީމޫން، އަދި ކްރޫޒް ޑެސްޓިނޭޝަން އެވެ.