މީރާ

"މުވައްޒަފުންގެ ސްކީމް"ގައި މީރާއިން ވެސް ބައިވެރިވެއްޖެ

ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހައްޖަށާއި އުމްރާއަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެކުލަވާލާފައިވާ ސްކީމުގައި މޯލްޑިވްސް އިންލޭންޑް ރިވިނިއު އޮތޯރިޓީ (މީރާ)އިން ބައިވެރިވެއްޖެ އެވެ. މީރާއިން މި ސްކީމްގައި ބައިވެރިވި އިރު މިހާތަނަށް ސަރުކާރުގެ 19 އިދާރާއަކުން ވަނީ މިސްކީމްގައި ބައިވެރިވެފަ އެވެ.

މީރާގައި މިއަދު ބޭއްވި ކުޑަ ހަފްލާގައި ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދުރީސް ވިދާޅުވީ މުވައްޒިފުންގެ ސްކީމްއަކީ ލުއި ފަސޭހަ ގޮތަކަސް ހައްޖަށާއި އުމުރާއަށް ދިޔުމަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސޭނެ ސްކީމެއް ކަމަށާއި އެގޮތުން މުވައްޒިފަކު އެދޭވަރަށް މުސާރައިން އުނި ކުރުމަށް ފަހު ހައްޖަށް ދާން 75 ޕަސަންޓު ފައިސާ ހަމަވުމުން އެމީހަކު ހައްޖަށް ދެވޭނެ އަހަރު ކަނޑައެޅޭނެ ކަމަށެވެ.

"މީރާގެ ހުރިހާ މުވައްޒިފުންވެސް މި ސްކީމްގެ ބޭނުން ވީހާވެސް ރަނގަޅު ގޮތުގައި ބޭނުންކޮށްގެން މިހާރުއްސުރެއް ހައްޖައް ދާން ފައިސާ އެއްކުރަން. އެއީ ހައްޖުގެ އަޅުކަމަކީ ޒުވާން އުމުރުގައި ކޮންމެހެން ވެސް ކުރަން ޖެހޭ އަޅުކަމެއް. މުސްކުޅިވުމުން އެކަން ކުރަން އިތުރަށް އުނދަގޫވާނެ. އެކަން އެގޮތަށް ނުވެ ވާނީ މިހާރުއް ސުރެއް ފެށިގެން ފައިސާ އެއްކުރަމުންދާ ކަމަށް ވަނީނަމަ،" އިދުރީސް ވިދާޅުވި އެވެ.

މި ސްކީމްގެ ދަށުން އުމްރާއަށް ދިއުމަށް ވެސް ފުރުސަތު ލިބެއެވެ. މީގެ އިތުރުން މުވައްޒިފުންގެ އާއިލާ މީހުންނަށްވެސް މި ސްކީމްއަށް ލާރި ދެއްކޭނެ އެވެ.