ވިޔަފާރި

މިފްކޯއިން މަސް ގަންނަ އަގު 13 ޕަސެންޓް ބޮޑުކޮށްފި

May 30, 2016

މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑު ކުރަން ގައުމީ މަސް ކުންފުނި، މިފްކޯއިން ނިންމައިފި އެވެ. މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރަން މިއަހަރު ނިންމި މިއީ ފުރަތަމަ ފަހަރެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް މިއަދު، "އަވަސް" އަށް ވިދާޅުވީ، މިއަދުން ފެށިގެން 1500 ކިލޯ އިން މަތިވެއްޖެ ނަމަ މަސް ކިލޯއެއް ގަންނާނީ 21.50ރ. އަށް ކަމަށެވެ. މީގެ ކުރިން 1500 ކިލޯއިން މަތިވެއްޖެ ނަމަ މަސް ކިލޯއެއް ގަންނަނީ، 19ރ. އަށެވެ. ކިރުވާ މަހުގެ ބަރުމިން 1500 އަށް ވުރެ ދަށްނަމަ މަސް ގަންނަ އަގަށް ބަދަލެއް ނާންނާނެ އެވެ.

އެހެން ކަމުން މަސް ގަންނަ އަކު މިފްކޯ އިން މި ވަނީ 13.2 ޕަސެންޓް ބޮޑުކޮށްފަ އެވެ.

އަދުލީ މިއަދު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ މި ދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވާތީ، މަހަށް ނިކުންނަން މަސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގު ބޮޑު ނުވި ނަމަވެސް ރާއްޖޭގައި އަގު ބޮޑު ކުރީ އަދުލީ ވިދާޅުވި ގޮތުގައި ދިވެހި މަސްވެރިންނަށް ފަސޭހަތައް ހޯދައި ދިނުމަށް މިފްކޯ އިން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

"މިއީ މަސްވެރިން އިތުރަށް މަހަށް ނިކުންނަން ދޭ ހިތްވަރެއް،" މިފްކޯގެ އެމްޑީ ވިދާޅުވި އެވެ.

މީގެ އިތުރަށް މިއަހަރުގެ ތެރޭގައި މިފްކޯ އިން ވަނީ މަސްވެރިންނަށް ތެލާއި އައިސް ވިއްކާ އަގު ހެޔޮކޮށްފަ އެވެ. މީގެ އިތުރަށް އާންމުކޮށް މަސްކިރަން މިފްކޯޔަށް އަންނަ މަސްވެރިންނަށް ހިލޭ އައިސްދޭން ވަނީ ނިންމައިފަ އެވެ. އަދި މިފްކޯ މަސްދަޅު ބަންދު ކުރާ ފެލިވަރު ފެކްޓްރީ ބޮޑުކޮށް، 200 އެއްހާ އާ ވަޒީފާތައް މިފްކޯއިން ވަނީ މިއަހަރުގެ ތެރޭގައި ހުޅުވާލައިފަ އެވެ.