ބޮލީވުޑް

"އޯކޭ ޖާނޫ"ގެ ޝޫޓިން މަހެއްހާ ދުވަސްތެރޭ ނިންމާލައިފި

May 30, 2016

"އާޝިގީ 2" އިން ވިދާލި ޒުވާން ދެތަރިން ކަމަށްވާ އަދިތްޔަ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރުގެ އާފިލްމު "އޯކޭ ޖާނޫ" ގެ ޝޫޓިން ނިންމާލައިފި އެވެ.

ތިރީސް ފަސް ދުވަހުގެ ތެރޭގައި ޝޫޓްކޮށް ނިންމާލި މިފިލްމަކީ މަނީ ރަތުނަމް ޑައިރެކްޓްކޮށްފައިވާ "އޯކޭ ކަންމަނީ" ކިޔާ ތަމަޅަ ފިލްމެއްގެ ރިމޭކް އެކެވެ.

ޝާދް އަލީ ޑައިރެކްޓްކޮށް، ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑީއުސްކުރާ މި ފިލްމުގެ ޝޫޓިން ހޮނިހިރު ދުވަހު ނިންމާލާފައިވަނީ އަހްމަދުއާބާދްގެ ކޮލެޖެއްގައި ނެގި މަންޒަރުތަކަކާ އެކު އެވެ. ފިލްމުގެ ޝޫޓިން ނިމުނުކަން ބަތަލާ ޝްރަދާ ކުރި ޓްވީޓަކުން ޔަގީންކޮށްދީފައިވާއިރު، ކަރަން ޖޯހަރުވެސް ވަނީ ފިލްމުގެ ލީޑްދެތަރިންގެ ފޮޓޯއަކާ އެކު ކުރި ޓްވީޓެއްގައި "އޯކޭ ޖާނޫ" ގެ ޝޫޓިން ނިމުނުކަމަށް ބުނެފަ އެވެ.

ފިލްމުގެ ޝޫޓިން ނިމުން ފާހަގަކުރުމަށް ފިލްމުގެ މުޅި ކްރޫ ވަނީ ހޮނިހިރު ދުވަހުގެ ރޭ ޕާޓީއެއް ވެސް ބާއްވާފަ އެވެ.

"އޯކޭ ޖާނޫ" އަކީ ކައިވެނިކުރަން ބޭނުންނުވާ ޒުވާން ދެލޯބިވެރިއެއްގެ ދިރިއުޅުމުގެ ހާދިސާތައް ފެނިގެންދާނެ ފިލްމެކެވެ. މިފިލްމުގެ ޝޫޓިން ޝްރަދާ އާއި އަދިތްޔަ ފެށި ހިސާބުން ބެލުންތެރިން އުންމީދުކުރަމުން ދަނީ "އާޝިގީ 2" ގައި މިދެތަރިންގެ ފަރާތުން ފެނިގެންދިޔަ ކެމިސްޓްރީ އަށް ވުރެން ފުރިހަމަ ކެމިސްޓްރީއެއް މިފިލްމުން ފެނިގެންދާނެ ކަމަށެވެ.

"އޯކޭ ކަންމާނީ" މިދިޔަ އަހަރު ނިކުތް އެންމެ މޮޅު ތަމަލަ ފިލްމަށް ވެގެން ގޮސްފައިވާއިރު، "އޯކޭ ޖާނޫ" ވެސް މިހާ ބޮޑު ކާމިޔާބެއް ލިބިގެންދާނެ ފިލްމަކަށްވާނެ ކަމަށް އުންމީދުކުރެވެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ އޭ.އާރް. ރަހްމާން އެވެ.