ބޮލީވުޑް

އަދިތްޔަ އާއި ފަރްހާންއާ ލޯބީގެ ގޮތުން ގުޅުނުތޯ އެހުމުން ޝްރަދާ ރުޅިގަދަވެއްޖެ

May 31, 2016

މިދިޔަ ތިން އަހަރުގެ ތެރޭގައި ޖެހިޖެހިގެން ރިލީޒްވި ޝްރަދާ ކަޕޫރުގެ ފަސް ފިލްމުވެސް ހިޓަކަށްވެ، އޭނާއަށް ގިނަ ފިލްމުތަކަކުން އަންނަނީ ހުށަހެޅުންތެއް ލިބެމުންނެވެ.

ޝްރަދާގެ ފިލްމުތައް ހިޓްވެ މަޝްހޫރުކަން ބޮޑުވި ވަރާ އެއްވަރަށް އޭނާއާ އެކި އެކްޓަރުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަތައް ވަނީ ދެކެވިފަ އެވެ.

އެގޮތުން "އާޝިގީ 2" އިން ޝްރަދާ އާއެކު ފެނިގެން ގޮސްފައިވާ އަދިތްޔަ ރޯއި ކަޕޫރާ ޝްރަދާ އެފިލްމު ކުޅެމުން ދިޔަ އިރު ގާތްގުޅުމެއް އުފެދި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވާހަކަތަކަކީ އެންމެ ގަދަޔަށް ދެކެވިގެން ގޮސްފައިވާ ވާހަކަތަކެވެ.

އެފިލްމު ރިލީޒްވިފަހުން މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވި ފަހުން ޝްރަދާ އެކްޓަރު އަދި ފިލްމު ޑައިރެކްޓަރު ފަރްހާން އަކްތަރުއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. ފަރްހާން އާއި ޝްރަދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަތަކެއް ދެކެވިފައިވަނީ ފަރްހާން އާއި އަންހެނުން އަދޫނާ ބަބާނީ މިއަހަރުގެ ކުރީކޮޅު ވަރިވުމުންނެވެ.

މިފަހުން ނިކުތް ފިލްމުފެއާގެ މަޖައްލާ އަށް ޝްރަދާ ދިން އިންޓަވިއުއެއްގައި ވަނީ އޭނާއާ އަދިތްޔަ އަދި ފަރްހާންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަތައް ދައްކަމުން އަންނަތީ އެކަމާ މެދު ހިތްހަމަނުޖެހިގެން ވާހަކަދައްކާފަ އެވެ.

"ރޮކް އޮން 2" ގައި ފަރްހާން އާއެކު ފެނިގެންދާ ޝްރަދާ ވަނީ އެދެމީހުންނަކީ ލޯބިވެރިން ކަމަށް ބުނެ ތަފާތު ދޮގު ވާހަކަތައް ނޫސްތަކުގައި ލިޔަމުން އަންނާތީ ކޮންމެ ކަމެއްގައި ވަކި ހައްދެއް އޮންނަން ޖެހޭނެ ކަމަށާއި ކޮންމެ ކަހަލަ ވާހަކައެއް ވިޔަސް ނޫސްތަކުގައި ލިޔުމުގެ ކުރިން އޭގެ ތެދު ދޮގު ބަލަންޖެހޭނެ ކަމަށް ބުނެފަ އެވެ.

"އެހެންމީހުންގެ އިހުސާސްތައް ވެސް ދެނެގަންނަން ޖެހޭނެ. މިފަދަ ވާހަތަކުން އެހެންމީހުނާއި އެމީހުންނާއި ގުޅުންތިބޭ މީހުންނަށް ވެސް އެކަމުގެ އުނދަގޫތައް ވާނެކަން އެނގެންޖެހޭ،" ޝްރަދާ ބުނެފައިވެ އެވެ.

އަދިތްޔައާ އޭނާގެ ގުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން ޝްރަދާ ވަނީ އޭނާއާ އަދިތްޔަގެ ދެމެދުގައި ދުވަހަކުވެސް އެފަދަ ގުޅުމެއް ނެތް ކަމަށާއި "އާޝިގީ 2" ގައި އެދެމީހުންގެ ފަރާތުން ފެނިގެންދިޔަ ކެމިސްޓްރީ އާއި ބެލުންތެރިންނަށް އެޖޯޑު ކަމުދިޔުމުން އެފަދަ ގޮތަކަށް ހީވީ ކަމަށް ބުނެފަ އެވެ.

ޝްރަދާ ވަނީ އަދިތްޔަ އާއެކު އޭނާ ކުޅުނު ދެވަނަ ފިލްމު 'އޯކޭ ޖާނޫ"ގެ ޝޫޓިން ހޮނިހިރު ދުވަހު ނިންމާލާފަ އެވެ. ދެން އެންމެ އަވަހަށް ޝްރަދާ ކުޅޭނީ "ހާލްފް ގާލްފްރެންޑް" އެވެ.