ރައީސް މުހައްމަދު ނަޝީދު

މި އުފައްދަނީ ދުނިޔެ ގަބޫލުކުރާނެ، ވަރުގަދަ ކޯލިޝަނެއް: ނަޝީދު

  • މިއީ ސަރުކާރަށް ދޭ ވަރުގަދަ އިންޒާރެއް
  • މި ކޯލިޝަނުގެ ލީޑަރަކަށް ޖަމީލުވުން ގާތް
  • މަގުސަދަކީ ރާއްޖެ ހަމަ މަގަށް އެޅުވުން

އިދިކޮޅު ލީޑަރުން ގުޅިގެން އުފައްދާ ކޯލިޝަނަކީ ދުނިޔެ ބަލައިގަންނާނެވަރުގެ ވަރުގަދަ ކޯލިޝަނަކަށް ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ދަ ހިންދޫ" އަށް ދެއްވާފައި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މިހާރު އިދިކޮޅުގައި ތިއްބެވި ލީޑަރުންނަކީ 2004 ގައި އިސްލާހީ އެޖެންޑާއަށް މަސައްކަތްކުރެއްވި ލީޑަރުންނަށްވުރެ ވަރުގަދަ ގާބިލު ލީޑަރުން ކަމަށެވެ. ނަޝީދު ވިދާޅުވީ، މިހާރު އިދިކޮޅުގައި ތިބި ލީޑަރުން ގުޅިގެން ސަރުކާރު ޒިންމާދާރުކުރުމަށް ވަރުގަދަ ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަރުގަދަ ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އެ ކޯލިޝަން އުފެއްދުމަށް ޖުމްހޫރީ ޕާޓީ އާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ލީޑަރަކަށްވެ ވަޑައިގެންނެވުމަށް ޖަމީލު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުން އިދިކޮޅު ލީޑަރުންނަށް ދައުވާތައްކޮށް ޖަލަށްލަމުންދާ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުގައި ތިބެގެން ނޫނީ ރާއްޖެ ހަމަ މަގަށް އަޅުވަން މަސައްކަތް ކުރެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކޯލިޝަން އުފައްދައިގެން ބޭރުގެ ފޯރަމްތަކުގައި ރާއްޖެ ހަމަ މަގަށް އަޅުވަން މަސައްތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން އދ. އާއި އިންޓަނޭޝަނަލް ޖުޑީޝަލް ފޯރަމްތަކުގައި ރާއްޖެއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވަކިވަކި ގައުމުތަކުގެ ސަރުކާރުތަކާ ވެސް ވާހަކަ ދައްކަވާނެ ކަމަށާއި ހާއްސަކޮށް އިންޑިއާ ކަނޑުގެ ގައުމުތަކާ ވާހަކަ ދައްކަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މި ކޯލިޝަން އުފެއްދުމަށްޓަކައި ބާއްވާ ފުރަތަމަ ރަސްމީ ބައްދަލުވުމަށް މާލެއިން ވެސް ޓީމެއް ވަނީ ލަންޑަނަށް ގޮސްފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވަނީ އިނގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނެވި މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އަދި އަދާލަތު ޕާޓީ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޮންމެ ފަރާތެއް ތަމްސީލް ކުރައްވާ މަންދޫބެކެވެ. މީގެ އިތުރަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ބައިވެރިވާނެ އެވެ.

އެ ބައްދަލުވުން އޮންނާނީ ލަންޑަންގެ ގްރީން ޕާކުގައި ހުންނަ ރޯޔަލް އޯވާސީސް ލީގުގައި އަންނަ ބުދަ ދުވަހު ކަމަށް ވެސް ރާއްޖެ ޓީވީ އިން ބުންޏެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ތަގުރީރު ކުރެއްވުމުގެ އިތުރަށް، ހުރިހާ ލީޑަރުން އެއްބަސްވާ ގަރާރެއްގައި ސޮއިކޮށް އިންޓަނޭޝަނަލް މީޑިއާޔާ އެބޭފުޅުން ނޫސްކޮންފަރެންސެއް ދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ސަރުކާރު ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށާއި ސަރުކާރު އިސްލާހު ކުރުމަށް ގާނޫނީ ގޮތުން ކުރެވޭނެ މަސައްކަތްތަކާ މެދު އެވެ. އަދި އެކަމަށް ކުރާނެ މަސައްކަތްތައް ނިންމުމަށް އެ ބައްދަލުވުމުގައި ލީޑަރުން އެއްބަސްވާނެ ކަމަށް ވެސްވެ އެވެ.