ލައިފްސްޓައިލް

ބިނާކުރަނިވި ފާޑުކިޔައިގެން ދަރިން ތަރުބިއްޔަތުކުރާނީ ކިހިނެތް؟

May 31, 2016

އަމިއްލަ ދަރިއަށް ވިޔަސް ފާޑުކިޔަން ޖެހޭނެ އެވެ. ހުރިހާ ކަމެއް އެންމެ ރަނގަޅަކަށް ނުދާނެ ނޫން ހެއްޔެވެ؟ އެހެންވީމަ ގޯސްކޮށް ކަމެއް ހިނގާއިރު އެކަމެއް ފާހަގަނުކޮށް ތައުރީފުން ފޮރުވައިލާ ނަމަ ކުއްޖާ އަށް އެ ދަސްކޮށްދެވެނީ ނުވަތަ ދެއްކެނީ މުޅިން ނުބައި ނަމޫނާއެކެވެ.

އެކަމަކު ފާޑުކިޔަންބަލާއިރު އެކަން ވެސް ކުރަން ޖެހޭ ގޮތްތަކެއް އެބަހުއްޓެވެ. ވަކިން ހާއްސަކޮށް ކުޑަކުއްޖަކު ކުރާ ކަމަކަށް ނުވަތަ ބަހައްޓާ އަމަލަކަށް ފާޑުކިޔާއިރު ނިކަން ވިސްނަން ޖެހެ އެވެ. އެއީ އޭގެ އަސަރު ނިކަން ބޮޑަށް އެ ކުއްޖާ އަށް ކުރާނެތީ އެވެ.

ބިނާކުރަނިވި ފާޑުކިޔުން މުހިންމުވަނީ ވެސް މި ސަބަބާ ހެދި އެވެ.

ކުޑަކުދިން، ވަކިން ހާއްސަކޮށް އުމުރުން ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަކީ އެހާ ފަސޭހައިން މީހަކު ދައްކާ ވާހަކައެއް ގަބޫލުކޮށް ބަސްއަހައިފާނެ ކުދިންތަކެއް ނޫނެވެ. މި އުމުރުގެ ކުއްޖަކާ ދިމާއަށް އެއްޗެއް ބުނެގެން ވަރަށް ނުބައި ނަތީޖާއެއް ވެސް ނުކުމެދާނެ އެވެ. ގިނަ ކުދިން އާންމުކޮށް ރިއެޓްކުރާނީ ވަރަށް ވެސް ނެގެޓިވްކޮށެވެ.

އެއީ އެ ކުދިން ވަރަށް ވެސް ނާޒުކު ނަފުސުތަކަކަށްވީމަ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ބިނާކުރަނިވި ފާޑުކިޔުމަކުން މި ކުދިން ވެސް މައިތިރިކޮށްލެވިދާނެ އެވެ.

ބިނާކުރަނިވި ފާޑުކިޔުމަކީ ކޮބައި ހެއްޔެވެ؟

އެއީ ވަކި ގޮތަކަށް ވަކި ކަމެއް ނިންމާނުލައި، އެކުވެރި ނުވަތަ ރައްޓެހި ރާގެއްގައި ދޭ ހިޔާލެވެ. ގަބޫލުކުރާ ކުއްޖާ އަށް ފަސޭހަވާ ފަދަ ގޮތަކަށް އިބާރާތްކުރެވި ހަމަޖެހޭ އުސޫލަކުން ހެކި ދެއްކި އޭގެ ފައިދާ ކުރާކަން ކުއްޖާ އަށް އިހްސާސްވާ ގޮތަށް ދެވޭ ނަސޭހަތެވެ.

މިގޮތަށް ފާޑުކިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ނަތީޖާ ރަނގަޅުކުރުމެވެ. ކުއްޖާ ކުރާ ކަމަކުން ނުކުންނަ ގޯސް ނަތީޖާއެއް ރަނގަޅުކޮށްލުމަށް މިގޮތަށް ހިތްވަރު ދެވިދާނެ އެވެ.

މިސާލަކަށް ތިމާ މީހާ ވެސް އަމިއްލަ އަށް ފުރަތަމަ ފަހަރަށް އެއްޗެއް ކައްކައި ތައްޔާރުކުރާއިރު އުއްމީދުކުރެވެނީ ކޮން ކަހަލަ ފާޑުކިޔުމަކަށް ހެއްޔެވެ؟ މިއީ ހާދަ މީރުކޮށް ތައްޔާރުކޮށްލާފައި ހުރި ކާ އެއްޗިހިތަކެކޭ މީހަކު ބުނުމުގެ ބަދަލުގައި ހިތް އެދެނީ އެއަށް ވުރެ ތަފްސީލަށް ދާ ހިޔާލަކަށް ނޫން ހެއްޔެވެ؟ ސަބަބަކީ އެ ހިޔާލު ހޯދައިގެން ދެން ފަހަރަކުން މިއަށް ވުރެ މީރު ކާ އެއްޗެހި ތައްޔާރުކޮށްލެވޭނެތީ އެވެ.

ހަމަ މިގޮތަށް ކުދިންގެ ހިޔާލާއި ކްރިއޭޓިވިޓީ މުއްސަނދިކުރުމަށް ވެސް ދެން ތިބި މީހުންގެ ހިޔާލު ބޭނުންވެ އެވެ.

އެހެންވީމަ އެގޮތަށް ފާޑުކިޔާނީ ކިހިނެތް ހެއްޔެވެ؟

ކުއްޖަކު ގޯސްކަމެއް ނުވަތަ ނުރައްކާތެރި ކަމެއްކުރަނިކޮށް ފެންނައިރަށް ވަރަށް ގިނަ ބެލެނިވެރިންނަށް އާދަވެފައިވާ ރެސްޕޮންސަކީ ރުޅިއެވެ. ނުވަތަ ހަޅޭލަވައިގަނެ އެ ކުއްޖާ ބިރު ގަންނަވާލެވެނީ އެވެ. އެކަމަކު މި ވާހަކަ ހަނދާނުގައި ބަހައްޓައްޗެވެ.

ކުދިން ތަރުބިއްޔަތުކުރަން ޖެހޭ ގޮތަކީ އެއީއެއް ނޫނެވެ. އެ ކުދިންނާ ދިމާލަށް އަޑުގަދަކޮށްގެން ނުވަތަ ވަކި ނަމަކުން ގޮވައިގެން ނުވަތަ ބިރު ދައްކައިގެން ހަމަ އެއް ކަމެއް ވެސް ރަނގަޅެއް ނުކުރެވޭނެ އެވެ. ކުއްޖާ އަށް ކުރާނީ އޭގެ ނޭދެވޭ އަސަރެވެ. ވަކިން ހާއްސަކޮށް އޭގެ ސަބަބުން ކުއްޖާ އާއި ބެލެނިވެރިޔާއާ ދެމެދު އޮންނަ ގުޅުން ގޯސްވެއްޖެ ނަމަ ވަރަށް މައްސަލަ ބޮޑުވާނެ އެވެ.

އެހެންވީމަ ކުއްޖާ ގޯސްކަމަކަށް މަގުފަހިވާ ފަދަ ކަމެއްކުރަނިކޮށް ފެނިއްޖެ ނަމަ އެ ކުއްޖަކާ ދިމާލަށް ހަޅޭލަވައި ބިރު ގަންނަވާލުމުގެ ބަދަލުގައި އެންމެ ރަނގަޅުވާނީ ލޯބިން، އަޅާލުމާ އެކު ގޮސް އެ ކުއްޖަކާ ކުރިމަތިލުމެވެ. ދަރިފުޅު ދެކެ މަންމަ ނުވަތަ ބައްޕަ ލޯބިވާވަރު ބުނެދީ އެ ކުރާ ގޯސްކަމަކުން ނުކުމެދާނެ ނުބައި ނަތީޖާ ދަރިފުޅަށް އެންމެ ރީތި ގޮތުގައި ވިސްނައިދޭންވީ އެވެ.

ދެން އުފެދޭނެ ސުވާލަކީ ކުއްޖާއާ މިފަދަ ގޮތަކަށް މުހާތަބުކޮށްގެން އެދެވޭ ނަތީޖާއެއް ނުކުމެދާނެތޯއާ މެދު ކުރެވޭ ސުވާލެވެ. ޔަގީނަށް ވެސް މިއީ ކުދިން ނަމޫނާ ބަލައި އެއިން އިބްރަތް ހާސިލުކޮށް ފިލާވަޅުތަކެއް ދަސްކުރާނެ ކަމެކެވެ. ކުޑަކުދިންނަކީ ވަރަށް އަވަހަށް ކަންކަން ދަސްކުރާ ބައެކެވެ.

މި އުމުރުފުރައިގެ ކުއްޖަކަށް ރިވެތި އަހުލާގާއި ނަމޫނާ ދެއްކުމަށް ވުރެ ވަކި ރަނގަޅު ތަރުބިއްޔަތެއް އެ ކުއްޖަކަށް ހޯދައިދެވިދާނެ ހެއްޔެވެ؟

ހަރުކަށިކަން ނުދައްކައި އެ ކުދިންނަށް ލޯބިން ކިޔައިދޭށެވެ.

ހަރުކަށިކަން ދައްކައިގެން ބިރުދައްކައިގެން ކުރާނެ ފައިދާއެއް ނެތެވެ. އިރުކޮޅަކަށް ކުއްޖާ، ބިރުން މައިތިރިވެދާނެ އެވެ. ނަމަވެސް އޭގެ ދުރު މުސްތަގުބަލަށް ކުރާ ނޭދެވޭ އަސަރު ހަގީގަތުގައި ވަރަށް ބޮޑުވެ އެވެ. މިސާލަކަށް ބައްޕައަކު އޭނާގެ ކުދިން ތަރުބިއްޔަތުކުރާ ގޮތަކީ ހަށުކަށިކަން ދައްކައިގެން ބިރުދައްކައިގެން ކަމުގައި ވަނީ ނަމަ އެ ބައްޕައަކު ފެންނަ ކޮންމެ ވަގުތަކު ކުއްޖާ އަށް ނަފުސާނީ ގޮތުން އަސަރުތަކެއްކުރުމުގެ ފުރުސަތު އޮވެ އެވެ. ހާއްސަކޮށް ބައްޕަ ދެކެ ނުގަންނަން ޖެހޭ ބިރު ގަނެ، ބައްޕަ އާއި ކުއްޖާއާ ދެމެދު އޮންނަން ޖެހޭ ގުޅުން އުފަންނުވެ ވެސް ދެ އެވެ.

މި ހުންނަނީ، ދަރިއަކު ތަރުބިއްޔަރުކުރާއިރު ނިކަން ވިސްނަން ޖެހޭ ކަންކަމެވެ. އެހެންވީމަ ކުއްޖަކު ގޯސްކަމެއް ކުރިޔަސް އޭނާ އަށް ބިރު ދައްކައިގެން އެ ކަމެއް ރަނގަޅުކުރަން ހަދާނެ ކަމެއް ނެތެވެ.

ބުނެދޭންވީ ގޯސްވި ކަމެވެ. ރަނގަޅުކުރަންވީ ކަމެވެ. ރަނގަޅުވާނީ ކިހިނެތް ހެދީމަ ކަމެވެ. އަދި މައިންބަފައިން އެ ކުއްޖަކު ދެކެ ބޮޑަށް ލޯބިވާނީ އެ ކުއްޖަކު ކިހިނެތް އުޅުނީމަކަމެވެ.

މިސާލަކަށް ދަރިފުޅު ޓެސްޓެއްގައި ފާސްނުވެގެން ވެސް ހަގީގަތުގައި އެ މައްސަލައެއް މާ ބޮޑުކޮށްގެން އެ ކުއްޖާއާ ދިމާލަށް ހަޅޭލެވުމުގެ ބޭނުމެއް ނެތެވެ. ނުވަތަ ލަދުގަންނުވާލުމުގެ ބޭނުމެއް ވެސް ނެތެވެ. އޭނާ އަށް ވެސް އިތުބާރު ލިބޭނެ ފަދަ ގޮތަކަށް ހިޔާލާއި ވާހަކަ ބަހައްޓައިގެން ކުރިއަށް ދާންވީ އެވެ.

މިފަދަ ފާޑުކިޔުންތަކުގެ ނަތީޖާ ފޮނިކަމަށް ދިރާސާތަކުން ދައްކަ އެވެ.