ރައީސް އަބްދުﷲ ޔާމީން

ހިޔާނާތާ ގުޅިގެން ރައީސްއާ ސުވާލުކޮށްފިން، އެއްބާރުލުންދެއްވި: އޭސީސީ

ރާއްޖޭގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންއާ އެންޓި ކޮރަޕްޝަން ކޮމިޝަނުން ސުވާލުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތައި އެ ކޯޕަރޭޝަނުގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގުޅިގެން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ދަނީ ރައީސް ޔާމީން ވެސް މި ހިޔާނާތުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބުނެ ތުހުމަތުތައްކުރަމުންނެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު "އަވަސް"އަށް ވިދާޅުވީ، މިދިޔަ މަހުގެ ތެރޭގައި އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންއާ ސުވާލުކޮށްފައިވާނެ ކަމަށެވެ. މުއައްވިޒް ވިދާޅުވީ، ތަހުގީގަށް ރައީސް ޔާމީން ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށެވެ. ނަމަވެސް ރައީސްއާ ސުވާލުކޮށްފައިވަނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް މުއައްވިޒް ވިދާޅެއް ނުވެ އެވެ.

"އެ މައްސަލާގައި ތަހުގީގަށް ރައީސް ޔާމީނާ ސުވާލުކުރެވިފައިވަނީ، އެމަނިކުފާނުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނު،" މުއައްވިޒް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީންއާ ސުވާލުކޮށްފައިވަނީ އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވާ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްއިން ގިނަ އަދަދެއްގެ ފައިސާތަކެއް ޖަމާކުރި ކަމަށް ބުނާ މައްސަލާގަ އެވެ. މި ފައިސާތައް ރައީސްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ ޗެކްތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

"ހިޔާނާތުގައި ރައީސް ބައިވެރިވާކަމުގެ ހެއްކެއް ނެތް"

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ކުރާ ތުހުމުތުތައް ރައީސް ދެއްވި ރައްދަކީ މިއީ އެވެ. އެމްއެމްޕީއާރްސީގެ ފައިސާތައް ރައީސް އާއި މެޑަމް ފާތުމަތު އިބްރާހިމްގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ތުހުމަތުކުރާއިރު، އެކަން އެނގޭ އެއްވެސް ލިޔުމެއް ފެންނަން ނެތް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ ފައިސާ ރައީސްގެ ދެކަނބަލުންނަށް ހަވާލު ކުރި ނަމަ ނޫނީ އެހެން ގޮތަކުން ވެސް ޕީޕީއެމްއާ ހަވާލު ކުރި ނަމަ އެ ފައިސާ އެއް ހަވާލު ކުރި ގޮތެއް އޮންނަން ވާނެ ކަމަށެވެ. އަދި އެކަމަށް ހެކިދޭ ލިޔެކިޔުމެއްހާ ހިސާބު ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެހުރީ އެބޭފުޅުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައި، ދެން އެ ފައިސާއަކީ އަޅުގަނޑަށް ލިބުނު ފައިސާ ކަމާއި އަޅުގަނޑުގެ އަންހެނުންނަށް ދިން ފައިސާ ކަމާއި ޕީޕީއެމްއަށް ދެއްވި ފައިސާ ކަމަށް ވިދާޅުވި ނަމަވެސް އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށަށް ދަންނަވާލަން ބޭނުންވަނީ އޭގައި ހަމަ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނެތޭ، އެ ފައިސާ އަޅުގަނޑުމެންނާ ހަވާލުކުރެއްވިނަމަ އެ ފައިސާ އަޅުގަނޑުމެންނާ ހަވާލުކުރި ގޮތްތަކެއް އޮންނާނެ، އަދި އޮޑިޓް ރިޕޯޓަކުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލާއިރު އެ ފައިސާ އަޅުގަނޑުމެންނާ ހަވާލުކުރިނަމަ އެ ފައިސާ އަޅުގަނޑުމެންނާ ހަވާލުކުރިކަމުގެ ލިޔުންތަކެއް އޮންނަންވާނެ،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ބޮޑު ހިޔާނާތެއް ހިނގަން މެދުވެރީ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީއަކީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބެލުމުގެ ދަށުގައިވާ ދެން ތަން ކަމުން ފާރަލުމަށް ތިބޭ މުއައްސަސާތަކަށް ހުރަސްތަކެއް ކުރިމަތިވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.