އެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީ މައްސަލާގައި ހިމެނޭ ފުއްގިރި ވިއްކާލައިފި

Mar 31, 2022

އެމްއެމްޕީއާރުސީގެ "ވައްކަމުގެ" މައްސަލާގައި ހިމެނޭ ޑީލްތައް ހިންގި ކަމަށް ތުހުމަތުކޮށްފައިވާ އެ ރަށް ކަމަށްވާ ރ. ފުއްގިރި ވިއްކާލަން ދަރަންޏެއް އޮތް ތޯ ބަލަން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ ރ. ފުއްގިރި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށްހިފާފައިވާ ފަރާތައް ލިބިދީފައިވާ އެންމެހާ ހައްގަތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދި އިއުލާނުކޮށްފަ އެވެ.

މިގޮތަށް ރަށެއް ނުވަތަ ފަޅެއް ވިއްކާލަން އިއުލާނު ކުރަނީ އާއްމުކޮށް ވިއްކާލުމުގެ ޕްރޮސެސް ހިންގަން ފެށުމުންނެވެ. ނޫނީ ޑީލްފައިނަލްވުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވިއްކާލަން އިއުލާނުކޮށްފައިވާ ފުއްގިރިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއް މިލިއަން ޑޮލަރު ނަންގެވިކަމަށް ތުހުމަތުކޮށްފައިވާ ރަށެކެވެ. މި މައްސަލައިގެ އަޑުއެހުންތައް ވަނީ ކޯޓުގައި ކުރިއަށް ދެ އެވެ.

ފުއްގިރިއަކީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަކާއެކު ބިޑަށް ލުމަކާނުލައި 1.55 މިލިއަން ޑޮލަރަށް ދުބާއީގެ "ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑަށް" ކުއްޔަށް ދިން ރަށެކެވެ. މި ރަށުގެ "ޑީލް" ގެ ވާހަކަތައް ފެންޑޯރާ ޕޭޕާސް އިން ފަޅާ އަރުވާލާފައިވެ އެވެ.

ޕެންޑޯރާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި މި ރަށުގެ ޑީލްގައި ރިޝްވަތު ދިނުމުގެ ފަހަތުގައި އޮތީ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ބަޔަކާއި އިންޑިއާގެ ނުފޫޒު ގަދަ ޕްރޮޕަޓީ ޑިވެލޮޕަރުގެ ބައެކެވެ. އަދި މި ރަށުގެ ރިޝްވަތަށް 1.17 މިލިއަން ޑޮލަރު "ބްރިޓިޝް ވާޖިން" އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވަނީ "އޭ އެންޑް އޭ ހޯލްޑިންސް ގްރޫޕް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކުވެރިއަކަށް ކަމަށް ވެސް ޕެންޑޯރާ ޕޭޕާސް އިން ކުރިން އާއްމުކުރި ލިޔުންތަކުގައިވެ އެވެ.