ރައީސް ޔާމީންގެ ޝަރީއަތް

އާ ހެކިތަކެއް ލިބުނީ ސިއްރުކުރި އަދީބުގެ ބަޔާނުން

ސުޕްރީމް ކޯޓުގައި މިހާރު ފަށައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަހުގީގަށް ދީފައިވާ ބަޔާނުން ފާހަގަވެފައިވާ އާ ހެކިތަކެއް ހުށަހަޅައިފި އެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް އިއްޔެ ފަށައިފައިވާއިރު ދެ ފަރާތުން ވެސް އާ ހެކިތަކެއް ހުށަހަޅާފައިވާ ކަމަށް ޝަރީއަތުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެ ހެކިތައް ބަލައިގަތުމާމެދު ވަކި ގޮތެއް ނުނިންމަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަލީ ޝާހު ވަނީ ހައިކޯޓުން މި މައްސަލަ ނިންމި ފަހުން ލިބުނު ރިޕޯޓަކާ ގުޅިގެން އާ ހެކިތަކެއްގެ ވާހަކަ ދައްކަވާފަ އެވެ. އެއީ އަދީބުގެ ހިޔާނާތު މައްސަލަ ކްރިމިނަލް ކޯޓުން ނިމުނު ގޮތުގެ ރިޕޯޓެވެ.

އެގޮތުން އެ ރިޕޯޓުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ މެދުވެރިކޮށް މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވަރަށް ގިނައިން ފައިސާ ދީފައި ހުންނާނެ ކަމަށް އަދީބުގެ ބަޔާނުގައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދަށް ވެސް ވަރަށް ގިނައިން ފައިސާ ދީފައި ހުންނާނެ ކަމަށް އަދީބު ބަޔާނުގައި ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބަހަން އުޅުނު ކަމަށް ބުނާ އޮއިއްޓެއާއި އަދީބާ ދެމެދު ކޮށްފައިވާ އެސްއެމްއެސްތަކެއްގެ މައުލޫމާތު ވެސް ފޯނު ނަންބަރުތަކާ އެކީ ޝާހު ވަނީ ހާމަކޮށްފަ އެވެ. އެގޮތުން މުއައްވިޒަށް ހަތަރު ލައްކަ ދިނުމަށް އޮއިއްޓެއަށް އަދީބު ކޮށްފައިވާ މެސެޖެއްގެ ވާހަކަ ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ ހަތަރު ލައްކަ ރުފިޔާ ކަމެއް ނުވަތަ ޑޮލަރުކަން އެ މެސެޖުން ސާފު ނުވާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ ރައީސް އަބްދުﷲ ޒިޔަތުގެ އިތުރުން އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒުގެ ހެކިބަސް ވެސް ނުނެގޭނެ ކަމަށް ވަނީ ޝަރީއަތުގައި ވިދާޅުފަ އެވެ. ސަބަބަކީ މި ހެކިތަކުން ވެސް މުއައްވިޒަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ މީހެއް ކަމަށް ޝާހު ވިދާޅުވި އެވެ.

އިތުރު ނުކުތާއެއްގެ ގޮތުގައި ހިޔާނާތުގެ މައްސަލައިގައި އަދީބާއި ދައުލަތާދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުން ހައިކޯޓުން މާނަކޮށްފައި ވަނީ ރަގަޅަށް ނޫން ކަމަށް ވެސް ޝާހު ވަނީ ފާހަގަކުރައްވާފަ އެވެ. ޝާހު ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުމުގެ ތަބީއަތަށް ބަލާއިރު ކުށްވެރިޔަކު ހެކިބަސް ދޭ ފަދަ މަގާމަކަށް ގެނައުމަށް އިއުތިރާފްގެ އެއްބަސްވުން ނުހެދޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ ދެވަނަ އަޑުއެހުމެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާއިރު މިހާތަނަށް ނުވަ ނުކުތާއެއް ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

އިސްތިއުނާފް ފޯމާއި އެކީ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ދެ ހުށަހެޅުމެއް ވެސް ހުށަހަޅާފަ އެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަން ރައީސް ޔާމީނަށް އިއްޔެ ވަނީ ދެ ދުވަސް ދީފަ އެވެ.

މި މައްސަލައިގައި ދެން ހުރި ނުކުތާތަކާއި އަދި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް އަންނަ ބުރާސްފަތި ދުވަހުގެ 9:00 ގައި ވަނީ އަޑުއެހުމެއް ތާވަލްކޮށްފަ އެވެ.