ހަބަރު

ގާނޫނަށް ކިޔަމަން ނުވާނަމަ ހަަމަޖެހުމެއް ނޯންނާނެ: ސީޕީ

ތަނެއްގައި ނުވަތަ ރަށެއްގައިވެސް ހަމަޖެހުން ގާއިމްވެ އަމާންކަން ދެމި އޮންނާނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތަކުން ގާނޫނަށް ކިޔަމަންވާ މިންވަރު އިތުރުވެގެން ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަން އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސީޕީ ވިިދާޅުވީ ގާނޫނަށް އަހުލުވެރި ވިޔަސް އަދި ގާނޫނީ ހޭލުންތެރިކަން ރައްޔިތުންގެ ތެރޭގައި އޮތަސް ގާނޫނަށް ކިޔަމަން ނުވާނަމަ އެތަނެއްގައި ހަަމަޖެހުން ދެމި ނޯންނާނެ ކަމަށެވެ. އެހެންވީމާ ހަމަ ކޮންމެ މީހަކުވެސް އެތަނެއްގައި އަމަލުކުރަން ހަދާފައިވާ ގާނޫނުތަކަށް ކިޔަމަންވުމުގެ އާދަ ދަމަަހައްޓަންޖެހޭ ކަމަށް ސީޕީ އަރީފް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތް އަތޮޅުތަކަށް ފުޅާކޮށް އަތޮޅުތަކުގެ ސްޓޭޝަންތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެެމުންދާ ކަމަށެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން ދ. މީދޫގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރެވިފައިވާ ކަމަށާއި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން އަންދާލުމުން ލިބިގެންދިޔަ ގެއްލުންތަައް މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަން ވަމުން ގެންދާކަމަށްވެސް ސީޕީ އަރީފް ވިދާޅުވިއެވެ. މިއާއެކު ތ. އަތޮޅުގެ ދެ ރަށެއްގައި އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ނިމި ކައިރި މުސްތަގުބަލެއްގައި އެތަންތަން ބޭނުން ކުރަން ފެށޭނެ ކަމުގައިވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ އަރީފް ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމްވެ އޮތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށެވެ. ސީޕީ އަރީފް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މި ގައުމު އަމާން ތަނެއްގެ ގޮތުގައި ގެންގޮސްދިނުމަަށް ކުރެވޭ މަސައްކަތް އެންމެން ގުޅިގެން ކުރަން ޖެހިފައިވާ ކަމަށެވެ.