މިއީ ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި އޭނާގެ ޓީމުން އުފައްދަމުން އަންނަ ބިރުވެރި ފިލްމު "ފޯފޯޓޫސިކްސް" ގައި މުހިންމު ރޯލެއް އަދާކުރާ އެކްޓަރު، އިބްރާހިމް ޖިހާދު (ޖިމީ) މި ފިލްމެއްގެ ބޮޑުބައެއްގައި ކަހަލަ ގޮތަކަށް ފެންނާނެ ގޮތެވެ. މިވަރުންވެސް، މިއީ އާދަޔާހިލާފަށް ލޭއޮހޮރުވުން ބޮޑު ފިލްމެއްކަން އެބަ އެނގެއެއް ނޫން ހެއްޔެވެ.
އެކަމަކު ދެރަ ޚަބަރަކީ، ފިލްމުގެ ޝޫޓިންގައި އުޅެނިކޮށް ޖިމީ އަށް އަނިޔާވުމެވެ. ފަހަރެއްގައި ބައެއް މީހުންނަށް މި އަނިޔާއެއް ނިކަން އާދަޔާހިލާފު އަނިޔާއަކަށް ވެސް ވެދާނެ އެވެ. އެންމެ ފުރަތަމަ ޖިމީ އަށް ވެސް ވީނުވީއެއް ނޭނގުނީތީ އެވެ.
ޖިމީ އަށް އަނިޔާވީ މީގެ ދެ ތިން ދުވަސްކުރިން، މި ފިލްމެއް ޝޫޓްކުރަންމުން އަންނަ އިމާރާތުގެ އެއް ފްލޯއިން އަނެއް ފްލޯއަށް އޭނާ ވެއްޓޭ މަންޒަރެއް ނެގުމުގެ ތެރޭގަ އެވެ. އެއަށް ފަހު އާ ދުވަހަކަށްއިރުއެރިއިރު އޭނާގެ އެއް ދަތް ވެސް މަދެވެ.
"އިމާރާތެއްގެ ދެ ވަނަ ބުރިން، ފުރަތަމަ ބުރިއަށް ވެއްޓެން ޖެހޭ މަންޒަރެއް އެއީ. ތަމްރީން ވެސް ހަދައިގެން އެ މަންޒަރު ޖެއްސީ. މާޝަލް އާޓްސް ފަރިތަކުރުންތައް ވެސް ގާތްގަނޑަކަށް އެއް މަސް ދުވަހަކަށް ކުރިއަށް ގެންދިޔައިން. ހުރިހާ ތަމްރީންތަކެއްގައި ސިފައިން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވޭ،" އަނިޔާވި ގޮތް ކިޔައިދެމުން ޖިމީ ބުންޏެވެ.
"ރާއްޖޭގައި ވާގޮތަކީ މިކަހަލަ މަންޒަރުތަކެއް، އެތައް އޭންގަލަކުން ގެނެސްދޭއިރު، ތިން ހަތަރު ފަސް ކެމެރާ އެއްފަހަރާ އަޅައިގެނެއް ނޫން މަސައްކަތްކުރަނީ. އެހެންވީމަ މި ޖެހެނީ އެއް ޝޮޓެއް އެތައް ފަހަރަކު ޖައްސައިގެން ނަގަން. އެގޮތަށް ގާތްގަނޑަކަށް 10 ޓޭކް ނަގަން ޖެހުނު އެ ފްލޯއިން ވެއްޓޭ މަންޒަރުގައި ވެސް."
"ވެއްޓިގެން ގޮއްސަ ޖެހުނު ގޮތަކުން ތަދު އެެރީ. ވެއްޓެނީ ފުރަގަހަށް. އެކި ޓޭކުތަކުގައި ނެގީ އެ މަންޒަރު. އެ ގޮތަށް ވެއްޓިގެން ގޮސް ޖެހުނު ފަހަރެއްގައި ދެ ދަތްޕިލަ ޖެހުނީ."
އަވަސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި "ފޯފޯޓޫފޯ" ގެ ތަޖުރިބާ ކިޔައިދެމުން ޖިމީ ބުނީ ލިބުނު އަނިޔާ އަށް ފަހު ދަތް ބިންދައިގެން ދިއުމުން އެންމެ ފުރަތަމަ އެ ވާހަކަ ކޯސްޓާރުން ގާތު ބުނަން ވެސް ނުކެރުނު ކަމަށެވެ.
"ގެއަށް ގޮސް ފެންވަރާލައިގެން ނިދަން އެރިއިރު ވެސް ގަޔަށް ތަދު އަރާފައި ހުރީ. ބެކްބޯންގައި ރިއްސާވަރުން އޭރު ދަތަށްވެފައި ހުރި ވަރެއް ނުވެސް އެނގޭ. ދެން ނިދަން އޮތްވައި ކުއްލިއަކަށް އަނެއްކާވެސް ތަދެއް އެރީ. ދަތެއް ބިންދައިގެން ދިޔަހެން ހީވެގެން ހޭލެވުނީ،" ޖިމީ ކިޔައިދިނެވެ.
"ހޭލައިގެން ގޮސް ބެލިއިރު އެއް ދަތް އޮތީ ބިންދައިގެން ގޮސް ވެއްޓިފައި. މަތީ ދަތްޕިލައިގެ، ވާތްފަރާތުން މެދު ދެ ދަތް ބައިންދާފައި ދެން ހުރި ދަތް ބިންދައިގެން ދިޔައީ."
"އަހަރެންގެ ދަތްޕިލަ އެހާ އެއްވަރެއްނުވާނެ. އެ ދަތް އިންނާނީ ތަންކޮޅެއް ދިގުކޮށް އެހެން ދަތްތަކަށްވުރެން. އެހެންވީމަ ހުރިހާ ބާރެއް އެ ލެވުނީ އެ ދަތަށް. މިހާރު ހީވަނީ އެތަނުގައި ދަތެއް ނެތްހެން. މިހާރު މި ވިސްނަނީ އެތަނުގައި ދަތެއް ޖަހަން."
"އެންމެ ފުރަތަމަ ލޯގަނޑު ކުރިމައްޗަށް އެރިއިރަކު އެ ދަތެއް ނެތް. ދެން އެ ވާހަކައެއް ބުނަން ނުކެރިގެން ވެސް ދެގަޑިއެއްހާއިރު ހުރިން. ނަހޫމެން ކައިރީގައި ވެސް ބުނީ އޭގެ ފަހުން."
ޖިމީ ބުނީ މިއީ އޭނާގެ ފިލްމީ ހަޔާތުގައި ތަފާތު ތަޖުރިބާއެއް ކަމަށާއި ނަހުލާ ފަދަ ޑައިރެކްޓަރަކާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއް ކަމަށެވެ.
"ނަހުލާއާ އެކު ފުރަތަމަ ފަހަރަށް ފިލްމެއްގައި މަސައްކަތް މިކުރަނީ. ނަހުލާ އަކީ މަސައްކަތްކުރަން ވަރަށް ފަސޭހަ ޑައިރެކްޓަރެއް. މަސައްކަތެއްކުރާއިރު އެކަމަކާ ގުޅޭ ތަޖުރިބާކާރުންގެ އެހީ ވެސް ހޯދައިގެން މަސައްކަތްކުރާ ޑައިރެކްޓަރެއް ކަމަށް ފާހަގަކުރެވޭ. އެކަމާ ވަރަށް ހިތްހަމަޖެހޭ އަސްލު،" ފޯނުން ވާހަކަ ދައްކަމުން ޖިމީ ބުންޏެވެ.
"އަޅުގަނޑު ބުނެލާނީ ނަހުލާ މީގެ ކުރިން ނަހަދާ ކަހަލަ ފިލްމެއް މިފަހަރު ބެލުންތެރިންނަށް ފެންނާނެއޭ. ނަހުލާގެ މުޅިން އާ މަސައްކަތެއް މިއީ. މުޅިން އެހެން އޭންގަލަކުން. އަޅުގަނޑު ބުނާނީ ވަރަށް ރީއްޗޭ. މިކަހަލަ ފިލްމެއް ހެދޭނީ ވަރަށް ބޮޑު ކޮންފިޑެންސެއް އޮވެގެން."
ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމު ޑައިރެކްޓްކުރަނީ ނަހުލާ އާއި އަހުމަދު ޝިނާން އެވެ. ޝިނާންގެ ނަން ކުރިން ބެލުންތެރިންނާ ހަމަ އަށް އައިސްފައިވާނީ ޑާކް ރެއިންގެ ފިލްމުތަކުންނެވެ.