ހަބަރު

ކުނަހަންދޫ މައުރޫފް: ކިތަންމެ ނުރައްކާތެރިއޭ ބުންޏަސް ރަށުގައި އެއީ ބަތަލެއް!

  • ފިކުރަށް ބަދަލުތަކެއް އައީ ވަރަށް ފަހުން
  • މިއީ ކުދިންނާ ހިތްހެޔޮ މަޑުމައިތިރި ޓީޗަރެއް
  • އާއިލާއިން ބުނަނީ މިއީ ޒާތީ ސިޔާސީ ކަމެއްކަމަށް

އެހެން ދުވަސްތަކެކޭ އެއްގޮތަށް މިދިޔަ ހޯމަ ދުވަހު ވެސް ލ.ކުނަހަންދޫ ސްކޫލްގެ ލީޑިން ޓީޗަރު އަބުދުﷲ މައުރޫފް ސްކޫލަށް ދިޔައީ އޭނާގެ ދަރިވަރުންނަށް މުޅިން އާ ފިލާވަޅެއް ނަގައިދީ މުޅިން އާ އެއްޗެއް ދަރިވަރުންނަށް ދަސްކޮށްދޭށެވެ. ދަރިވަރުން ލޯބިވާ އަދި ދަރިވަރުންދެކެ އިންތިހާއަށް ލޯބިވާ މި މުދައްރިސަކީ ޕްރައިމަރީ ގްރޭޑްތަކަށް ހިސާބު ކިޔަވައިދޭ މުދައްރިސެކެވެ.

މީހުންނާ ގުޅޭ ހިތްހެޔޮ ކަމާއެކު މީހުންނާ މުހާތަބްކޮށް މީހުންނާ ގުޅިގެން އުޅޭ ބުނާ މި މުދައްރިސަކީ ސްކޫލްގެވެސް ފަހުރެެއް ކަމަށް ރަށު މީހުން ބުނެ އެވެ. އޭނާ އަށް ރަށު ރައްޔިތުންގެ މެދުގައި ލިބިފައިވާ ލޯތްބާއި ގަދަރު ވެސް ވަރަށް ބޮޑެވެ. "މައުރޫފް ސޯ" އޭ ބުނެފިނަމަ ސްކޫލްގެ ކޮންމެ ދަރިވަރެއްގެ އިހްތިރާމާއި ތައުރީފު ވެސް މި މުދައްރިސަކަށް އޮހެ އެވެ.

އެހެން ނަމަވެސް ކުއްލިއަކަށް އެންމެންނަށްވެސް ޝޮކެއް ލިބުނީ އެދުވަހު މައުރޫފް ކުއްލި ގޮތަކަށް ވަޒީފާއިން ވަކި ކުރީމަ އެވެ. އެއީ އެެއްވެސް މައްސަލައެއްގައި މީގެކުރިން ސްކޫލް އިދާރާއަށް ހާޒިރުކޮށް އެއްވެސް އިންޒާރެއްވެސް ދީފައިވާ މުވައްޒަފެއް ނޫނެވެ.

އެހިސާބުން ލ. ކުނަހަންދޫ އެކުގައި ރޮއްވާލީ އެވެ.

"މައުރޫފް ސްކޫލްްގެ ވަޒީފާއިން ވަކިކުރި ސަބަބާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫން" އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ސްކޫލްގެ ޕްރިންސިޕަލް ރަތީޝް ބާބޫ އަވަސް އަށް ދިން ޖަވާބަކީ މިއީ އެވެ.

އެހެން ނަމަވެސް ސްކޫލްގެ ފަރާތުން އަވަސްއާ ވާހަކަ ދެއްކެވި އެހެން އޮފިޝަލަކުވަނީ އެ ވާހަކަ ހިއްސާކުރައްވައިފަ އެވެ.

"މައުރޫފް ވަކިކުރަން ޖެހުނު ސީދާ ސަބަބެއް އަޅުގަނޑުމެންނަކަށް ނޭނގެ. އޭގައި މެންޝަންކޮށްފައި އިންނަނީ ސިވިލް ސާވިސްގެ ގާނޫނުގެ ކޮންމެސް މާއްދާއަކާ ހަވާލާ ދީފައި މި އިންނަނީ، އަޅުގަނޑުމެން އެ މާއްދާއަށް ބަލާލިއިރު މި އިންނަނީ މިތަނަށާއި، މިތަނުގެ ވަޒީފާ އަދާކުރާ ފަރާތަށާއި ވަޒީފާ ދޭ ފަރާތަށް ކޮންމެހެން ފެނިއްޖެ ހާލަތޭ ކިޔާފައި ކޮންމެސް އެއްޗެއ.ް ސީދާ މާއްދާގައި ބުނާ އެއްޗެއް މިވަގުތު އެ އިބާރާތުން ދަންނަވާލާކަށް ނޭނގެ،" އޮފިޝަލް ވިދާޅުވި އެވެ.

މައުރޫފް ވަޒީފާއިން ވަކިކުރި ސަބަބެއް އަދި މިވަނީ ސާފުވާގޮތް ނުވެފަ އެވެ. އެ ލިޔުމުގައިވެސް ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން ހުރި ކަމަށް ބުނެފައެއް ނެތެވެ. އެހެން ނަމަވެސް އެފަދަ ތުހުމަތުތަކެއް ކުރެވިގެން މިދިޔަ ހޯމަ ދުވަހުގެރޭ މައުރޫފް މިވަނީ ހައްޔަރުކޮށްފަ އެވެ. މައުރޫފްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވުނު އިރު އެކުގައި މަސައްކަތް ކުރަން އުޅުނު މުވައްޒަފުންނަށް އަދި ރަހުމަތްތެރިންނަށް އެކަމުގެ ޝައްކެއްވެސް ކުރެވިފައެއް ނެތެވެ. ކުޑަ ލިސާނެއްވެސް ވެފައެއް ނެތެވެ.

އެކަމަކު އޭގެ މަހެއް ނުވަތަ ދެ މަހެއް ކުރިން ފުލުހުންވަނީ ސްކޫލްގައި މައުރޫފް މަސައްކަތް ކުރަން ބޭނުންކުރާ ކޮމްޕިއުޓަރުގެ ހާޑް ޑިސްކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މައުރޫފްގެ އަމިއްލަ ލެޕްޓޮޕަކާއި ޕެން ޑްރައިވްއެއްވެސް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ސްކޫލުން މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި އެވެ. އެތަކެތި އަދިވެސް ހުރީ ފުލުހުން ބެލުމުގެ ދަށުގަ އެވެ. އެކަމަކު ފުލުހުން މިކަން ކަށަވަރުކޮށެއް ނުދެ އެވެ.

"ފުލުހުން ތަހުގީގަށް ބޭނުންވާ ހުރިހާ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާނެ. އެއީ ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރުމުގެ ކުރިންވެސް އަދި ފަހުންވެސް، ސީދާ ތި ކޭސްގައި ވަކި އެއްޗެއް ދެންނެވޭކަަށް މިވަގުތަކު ނެތް"، އަވަސް އާ ވާހަކަ ދައްކަމުން ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއިލް އަލީ ވިދާޅުވި އެވެ.

"ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަކަމެއް އެކަަހަލަ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް، އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ ތިއީ ހަގީގަތާއި ހިލާފު، ބައެއްގެ މަސްލަހަތަށްޓަކައި ކޮށްފައި އޮތް ކަމެއްހެން ނުވަތަ ދައްކައިގެން އުޅޭ ވާހަކައެއްހެން. އަޅުގަނޑަކީ މިތަނުގައި އޭނާ އާ އެންމެ ގާތުން މަސައްކަތް ކުރާ މީހެއް. އަޅުގަނޑަކަށް ފާހަގަކުރެވިފައެއް ނެތް އެއްވެސް ކަހަލަ ދީނީ ހަރުކަށި ކަމެއް ނުވަތަ އެފަދަ ކަމަކަށް އެއްވެސް ދަރިވަރަކަށް އިރުޝާދު ދީފައިވާ ކަމަކަށް، އަޅުގަނޑެއް ހަމަގައިމުވެސް އަޑެއް ނާހަން ނުވެސް އެނގޭ" ނަން ނުޖެހުމަށް އެދި، ކުރިންވެސް ސްކޫލްގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.

މިއީ ހަމައެކަނި އެކުގައި މަސައްކަތް ކުރި އެހެން ޓީޗަރަކު ބުނި އެއްޗެއް ނޫނެވެ. ރަށުގެ އާންމު ރައްޔިތުންވެސް ބުނަނީ ހަމަ މިހެެންނެވެ. މައުރޫފްގެ ފަރާތުން މިފަދަ އެއްވެސް ހެއްކެއް ފެނިފައެއް ނެތެވެ. މައުރޫފްގެ އާއިލާ އާ ހަވާލާދީ ވާހަކަ ދެއްކި އެރަށު މީހަކުވެސް ބުނީ މިހެންނެވެ. މީހަކު ރުޅި އައިސްގެން އެެއްޗެއް ބުނެފި ނަމަ އެއަށް ރައްދެއްވެސް މައުރޫފް ނުދޭ ކަމަށްވެ އެވެ. މިހެން ވެއްޖެޔާ މައުރޫފްގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވުމަކީ ސުވާލުއުފެދޭ ކަމެކެވެ. ސްކޫލްގެ އޮފިޝަލް ވިދާޅުވިގޮތަށް މިއީ ބައެއްގެ މަސްލަހަތު ހިފަހައްޓަން ކޮށްގެން އުޅޭ ކަމެއް ހެއްޔެވެ؟

"މައުރޫފަކީ ވަރަށް މަޑުމައިތިރި އެކަމަކު މީހުންނާ ގުޅޭ މީހެއް، ތިބުނާ ކަހަލަ އެއްވެސް ކަމެއް މައުރޫފްގެ ފަރާތުން ފެނިފައެއް ނެތް، މައުރޫފާ ގުޅިގެން އެއްވެސް ކަހަލަ މައްސަލައެއް ކައުންސިލަކަށްވެސް ހުށަހެޅިފައެއް ނެތް. މީހުންނާ ގުޅޭ މީހުންނާ އެއްވެސް މައްސަލައެއް ޖެހޭ ބޭފުޅެއްނޫން މައުރޫފަކީ. އެތަނުގައިވެސް އެންމެ ހިންގުތެރި ހީވަކީ އެއް މުވައްޒަފު އެއީ، ހުރިހާ ކަމެއްގައިވެސް ހަރަކާތްތެރިވާ މުވައްޒަފެއް،" ކައުންސިލްގެ ރައީސް އަސްމާއު އަބޫބަކުރު ވިދާޅުވި އެވެ.

"ތީގަ ތިމައްސަލަ ޖެއްސެވި ބޭފުޅަކަށް އެނގިލައްވާނީ، ކައުންސިލް ބަދުނާމުކުރަން އެދައްކާ ވާހަކަތައް ވާހަކަ ދައްކާ ބޭފުޅަކަށް އެނގޭނީ. މިކަހަލަ ކަންތައްތައް ކުރަނީ ކައުންސިލުން ކަމަށް ބުނެ އެލްޖީއޭ އަށް ރިޕޯޓުކުރާ ބޭފުޅުންނަށް އެނގިލައްވާނީ ތީގަ އެމައްސަަލައަކީ ކޮބައިކަން އަދި އެމައްސަލަ ކުރިއަށް ގެންދަނީ ކިހިނެއްކަން، އަޅުގަނޑުމެންނަކަށް ނޭނގެ،" އަސްމާއު ވިދާޅުވި އެވެ.

މިހުރިހާ ވާހަަކަތަކަށް ބަލާއިރު މިއީ ބައެއްގެ މަސްލަހަތަށްޓަކައި ކޮށްގެން އުޅޭ ކަމެއް ކަމަށް ސްކޫލްގެ އޮފިޝަލް މިވަނީ ލަފާކޮށްފަ އެވެ. މިކަމަށް ބާރުދޭ އެހެން ވާހަކައެއް ރަށުގެ ރައްޔިތެއްވެސް ވަނީ އަވަސް އާ ހިއްސާކޮށްފަ އެވެ.

"މައުރޫފްގެ ކިބައިން އެކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވޭ. ތަންކޮޅެއް ކުރީގައި އެއީ އެމީހުން ސްކޫލަށް ވަންތާ ކައިރީގައި ހަތަރު ޓީޗަރަކާއި ބެހޭގޮތުން އެމީހުން، ދަރިވަރުންނަށް ނަމާދުކުރަން ބުނުމާއި، ކުދިން ކައިރީ ނަމާދުކުރަން ޖެހޭނެ ގަޑިން ގަޑިއަށް އެކަހަލަ ވާހަކަ ދައްކާތީ ބައެއް މީހުން ދޭތެރެއަކުން އުޅުނު. އެކަމަކު ފަހުން އަނެއްކާ އެމީހުން ހަމަޖެހިއްޖެ. އެއީ މީގެ ހަ ވަރަކަށް އަހަރު ކުރިން، 2008ގެ ކުރިން،" މައުރޫފާއެކު ކުރިން މަސައްކަތް ކުރި އަދި މިހާރުވެސް އޭނާގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ހުރި މީހަކު ކިޔައިދިނެވެ.

"މީހަކު ރުޅި އައިސްގެން އެއްޗެހި ކިޔަސް ނުރުހުންތެރިކަމެއް ފާޅެއް ނުކުރާނެ، ވަރަށް ހަމަޖެހިލާފައި މަޑުމައިތިރި ކަމާއެކު އެއްޗެއް ބުންޏަސް ބުނާނީ. ބިހޭވިއާއަށް ބަލަންޏާ އެވަރުގެ މީހަކު ހަމަ ނުލިބޭނެ، ފަހުން މިދެކެވުނީ އައިއެސް އާ ގުޅުން އޮވެޔޭ، އެކަހަލަ ވާހަކަ ނުވެސް ދައްކާ، އެކުގައި ޖަމިއްޔާގެ މަސައްކަތް ކުރަންވެސް ވަރަށް ދަންވަންދެންވެސް އެކުގައި އުޅެން، ނުދައްކާ ތިކަހަލަ އެއްވެސް ވާހަކައެއް، ފޭސްބުކް އެއްޗެހީގައިވެސް ނުހުރޭ ލިޔެފައެއްވެސް އެކަހަލަ އެއްވެސް ކަމެއް. ބޮޑަށް ހަމަ ބެލެވެނީ ބަޔަކު ކޮށްގެން އުޅޭ ކަމެއްހެން. އެކަހަލަ ކަމެއް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، މިހާރު މިސްކިތުގައި މުދިމަކަށް ހުންނަ މީހާ އާ ދޭތެރޭގައި، ޕޮލިހަށްވެސް މައްސަލަ ހުށަހަޅާފައި އެބުހުރި. ރުގިޔާއަށް ކިޔަވާތީވެސް އަދި އޭނާގެ މާމަ ނިޔަވީމަވެސް މީހުން ކިޔައިގެން މައްސަލަ ޖައްސާ، އެގޮތަށް މީހުންނާ ޖައްސާލައިގެން މީހެއް. ބޮޑަށް ބެލެވެނީ އެކަހަލަ ކަމަކަށް، އަޅުގަނޑަކަށްވެސް މާބޮޑަކަށް ނޭނގެ،" ރަހުމަތްތެރިޔާ ބުންޏެވެ.

ކަން މިހެން ހުރި ކަމުގައި ވަންޏާ އެއީ ފަހަރުގައި މިހާރު މައުރޫފް ތުނބުޅި ދިގުކޮށް ސުންނަތަށް އުޅެ ނަމަދުކުރުމާ ބެހޭގޮތުން މީހުންނަށް ނަސޭހަތްދީ ހަދާތީ ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށް ރަހުމަތްތެރިޔާވެސް ގަބޫލުކުރެ އެވެ. އެއްވެސް މީހަކާ މައުރޫފާ ދެމެދު މައްސަލައެއް ޖެހިފައިވާކަން އެނގިފައި ނުވާ ކަމަށް ވަންޏާ މިއީ މައުރޫފަށް ގަސްތުގައި ދިން ލަނޑެއް ކަމަށް އޭނާގެ އެކުވެރިން ގަބޫލުކުރެ އެވެ.

ނަމަވެސް އުފެދޭ ސުވާލަކީ މިއީ އެވެ. އެއީ ކާކު ނުވަތަ ކޮންބައެއްތޯ އެވެ؟ އެއްވެސް މީހަކަށް ނޭނގި ކަމުގައި ވިޔަސް މައުރޫފާއި ޓެރަރިސްޓު ޖަމާއަތަކާ ގުޅުން އޮތީތޯ އެވެ؟

މިފަދަ ސުވާލުތަކެއް އުފެދި ގިނަވަމުން އަންނައިރު ކްރިމިނަލް ކޯޓުން އެ ވަނީ މައުރޫފްގެ ބަންދަށް 10 ދުވަސް ޖަހައިފަ އެވެ.