ހޮލީވުޑް

ރާއްޖޭގައި ޝޫޓްކުރި ސްޓާ ވޯޒްގެ ފިލްމު ޑިޒްނީ އަށް ކަމުނުދިޔަ

Jun 1, 2016
1

ކަމުނުދިޔައީ ރާއްޖޭގެ ހިތްގައިމު ލ. އޮތޮޅުގައި ޝޫޓްކޮށްފައިވާ މަންޒަރުތައް އެކަންޏެއް ނޫނެވެ. ޑިޒްނީ އަށް މުޅި ފިލްމު ވެސް ކަމުނުދަނީ އެވެ.

އެހެންކަމުން، މި އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ނެރުމަށް ހަމަޖައްސާފައިވާ، މި ފިލްމު، "ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީ" ގެ ބޮޑު ބައެއް މި ޖެހެނީ އަލުން ޝޫޓްކުރާށެވެ. ޑައިރެކްޓަރު ގެރެތު އެޑްވަޑްސްގެ "ފަސްޓް ކަޓާ" މެދު ޑިޒްނީ ހިތްހަމަނުޖެހިފައިވާއިރު މި އަންނަ ޖުލައި މަހު ފިލްމުގެ މަންޒަރުތަކެއް އަލުން ޝޫޓްކުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ހަތަރު ހަފުތާ އަށް ދިގުދެމިގެންދާނެ ކަމަށް ބެލެވޭ މި ރީޝޫޓްތަކަށް އެތައް މިލިއަން ޑޮލަރެއް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

ފެލިސިޓީ ޖޯންސް އާއި މެޑްސް މިކެލްސަން އަދި ފޮރެސްޓް ވިޓެކާ ފަދަ ތަރިން ލީޑް ރޯލު ކުޅެފައިވާ މި ފިލްމަކީ "ސްޓާ ވޯޒް" ގެ ސްޕިންއޮފް އެކެވެ. ފިލްމުގައި ދައްކުވައި ދޭނީ އެފަދަ ދެ ވަނައެއް ނެތް ނުރައްކާތެރި ހަތިޔާރު ޑެތު ސްޓާގެ ޕްލޭންތައް ނުވަތަ ކުރެހުންތައް ވަގަށް ނެގުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖާސޫސުންތަކެއް ގެލެކްޓިކް އެމްޕަޔާއާ ދެކޮޅަށް ހަރަކާތްތެރިވާ ގޮތެވެ.

ފިލްމުގައި ދައްކުވައިދޭ މި ހާދިސާތަކަކީ "އަ ނިއު ހޯޕް" އިން ފެނިގެން ދިޔަ ހާދިސާތައް ނިމުމަކަށް އަންނަތާ މާ ގިނަ ދުވަސްތަކެއް ނުވެ ހިނގާ ކުރިމަތިލުންތަކެކެވެ.

މި ފިލްމުގެ މަންޒަރުތަކެއް ނެގުމަށް ރާއްޖެ އައި ޓީމުން ވަނީ ފިލްމުގެ ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ލ. ބަރެސްދޫގައި ޝޫޓްކޮށްފަ އެވެ. އެއީ މުޅިން ވެސް ހަނގުރާމައިގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާ މަންޒަރުތަކެކެވެ. މި މަންޒަރުތަކުގައި ގިނަ އަދަދަކަށް ސްޓޯމްޓްރޫޕާސް ފެނިގެންދާއިރު އޭގެ ތެރޭގައި ދިވެހި ސިފައިން ވެސް ހިމެނޭ ކަމަށް ބުނެވެ އެވެ.

ޑިޒްނީ އިން މި ފިލްމުގެ ބައެއް މަންޒަރުތައް އަލުން ރީޝޫޓްކުރަން ނިންމާފައިވާއިރު ފިލްމުގެ ޓެސްޓް ސްކްރީންތަކުގައި ލިބުނު ފީޑްބެކް އެހާ ރަނގަޅު ނޫން ކަމުގެ ރިޕޯޓްލިބެއެވެ. ފިލްމުތައް ކޮމާޝަލް މާކެޓަށް ނެރުމުގެ ކުރިން ސްކްރީން ޓެސްޓްކުރުމަކީ ހޮލީވުޑްގައި އާންމު ކަމެކެވެ.

މި ސްކްރީން ޓެސްޓްތަކުގައި ލިބުނު ތަރުހީބު ކުޑަ ކަމުގައިވިޔަސް "ރޯގް ވަން" ގެ ޓްރެއިލާ އަށް ލިބުނު ތަރުހީބު ވަރަށް ވެސް ބޮޑެވެ.

"ރޯގް ވަން" ޝޫޓްކޮށްފައި ވަނީ ރާއްޖެ އާއި އައިސްލޭންޑް އަދި އުރުދުންގެ އިތުރުން އިނގިރޭސި ވިލާތުގެ އެލްސްޓްރީ ސްޓޫޑިއޯސްގަ އެވެ.