ހޮލީވުޑް

ޖޭމްސް ބޮންޑްގެ ޓައިޓްލް ރޯލު އަންހެނަކަށް ދީފާނެތަ؟

Jun 1, 2016
1

ޖޭމްސް ބޮންޑަކީ އިނގިރޭސި ސިނަމާގެ އެންމެ ކުޅަދާނަ އަދި އެންމެ ނުރައްކާތެރި ޖާސޫސެވެ. ބަލައިލާ ގޮތަކުން ވެސް މީހަކު ކަތިލަފާނެ އެވެ.

މިހާތަނަށް އެ ވަނީ މި ސިލްސިލާއެއްގެ 24 ފިލްމު ބެލުންތެރިންނާ ހަމަ އަށް ގެނެސްދީފަ އެވެ. މިހާރު ދިމާވެގެން މި އުޅޭ މައްސަލަ އަކީ ކުރިއަށް އޮތް، 25 ވަނަ ބޮންޑް ފިލްމުގައި ލީޑް ރޯލު ކުޅޭނެ ތަރިއަކު ނެތީ އެވެ. ނުވަތަ އަދި ހަމަނުޖެހެނީ އެވެ.

ފާއިތުވި ދެ ތިން ފިލްމުގައި ޖޭމްސް ބޮންޑްގެ ރޯލު ކުޅުނު ޑެނިއެލް ކްރެއިގް އެ ރޯލު ނުކުޅެން ނިންމި ހިސާބުން އަދި އެ ރޯލަކަށް އެކްޓަރަކު ނުލިބެ އެވެ. ކޮންމެއަކަސް މި އެކްޓަރެއް ނުވަތަ ނެކްސްޓް ޖޭމްސް ބޮންޑް، ހޯދުމުގެ ރޭސް ފެށިފައި ވަނިކޮށް މި ރޭހަކަށް ހޮލީވުޑްގެ ނުފޫޒުގަދަ އަންހެން ނަންތަކެއް މި ވަނީ ވައްދައިފަ އެވެ.

ވަކިން ހާއްސަކޮށް، ޖޭމްސް ބޮންޑްގެ ފޭނުން މިހާރު ދަނީ އޭގެ ޓައިޓްލް ރޯލަށް އަންހެނަކު ހަމަޖެއްސުމަށެވެ. މި ފޯރިއެއް ގަދަވެފައި ވަނިކޮށް، "ގޭމް އޮފް ތްރޯންސް" ގެ ބަތަލާ، އެމީލިއާ ކްލާކް، ނުވަތަ މަދާ އޮފް ޑްރެގަންސް އެ ވަނީ މި ރޯލަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ސަމާސާއަކަށްވިޔަސް، އެންމެން ވެސް ބުނަނީ، ޖޭން ބޮންޑްގެ ގޮތުގައި 29 އަހަރުގެ މި ބަތަލާ ވަރަށް ވެސް ރަނގަޅުވާނެ ކަމަށެވެ. އެހެންވީމަ، ބޮންޑް ގާލްގެ ބަދަލުގައި އެފަދަ ފިލްމަކުން ފެނިގެންދާނެ، ބޮންޑް ބޯއިގެ ގޮތުގައި އެމީލިއާ ބޭނުންވަނީ ކާކުކަން އެނގޭ ހެއްޔެވެ؟ -- ލިއަނާޑީ ޑިކެޕްރިއޯ އެވެ.

އަންހެން "ޖޭމްސް ބޮންޑެއް" ގެ ރޯލަށް އެމީލިއާ ކްލާކް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ފޭނުން ބުނަމުން ދަނީ ޖޭން ބޮންޑްގެ ރޯލަށް ގިލިއަން އެންޑާސަން ވެސް ވަރަށް ރަނގަޅުވާނެ ކަމަށެވެ.

އެކަމަކު ޖޭމްސް ބޮންޑްގެ ރޯލު އަންހެން ކެރެކްޓާއަކަށް ބަދަލުކޮށް ޖޭން ބޮންޑް އަންނަނީކީއެއް ނޫނެވެ.