ހޮލީވުޑް

އެމްބާ ހާޑް ބޭނުންވަނީ ޖޮނީ ޑެޕްގެ ފައިސާ

Jun 2, 2016

ހޮލީވުޑްގެ މަޝްހޫރު އަދި އަގުބޮޑު އެކްޓަރު ޖޮނީ ޑެޕްގެ ހަޔާތަށް މި ވަނީ އޭނާގެ އެކްޓިން ކެރިއަރުގައި ވެސް ނާރާ ވަރުގެ ބޮޑު ނަގޫރޯޅިއެއް އަރައިފަ އެވެ. ކައިވެނިކޮށްގެން އުޅުނު ބަތަލާ، އެމްބާ ހާޑް އޭނާގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އަޅުވައި ޖޮނީ ޑެޕްގެ އަގު މުޅި ދުނިޔޭގައި ވައްޓާލީ އެވެ.

އުމުރުން 52 އަހަރުގެ ޖޮނީ ޑެޕް ގާތުން ވަރިވުމަށް އެދި 30 އަހަރުގެ ބަތަލާ، ކޯޓަށް މައްސަލަ ވައްދާފައިވާއިރު، އޭނާގެ ވަކީލުންގެ ޓީމުން ބުނަނީ ޖޮނީ ޑެޕް އެމްބާ އަށް އަނިޔާކުރަނީ ކަމަށެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށް އެމްބާ ވެފައިވާ ކަމަށައި ޖޮނީ ޑެޕާއެކު ހޭދަކުރި ދުވަސްތަކުގައި އުޅެން ޖެހިފައި ވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

މި ވާހަކައެއް މީޑިއާގައި އާންމު ހިސާބުން ޖޮނީ ޑެޕްގެ ކުރީގެ އަންހެނުންނާއި އާއިލާ މީހުންނާއި ރައްޓެހިން ވެސް މިހާރު އެތިބީ ޖޮނީ ޑެޕްގެ ދިފާއުގައި ނުކުމެފަ އެވެ. އެމްބާ ފަތުރާލައިގެން އުޅޭ ވާހަކަ އަކީ ޖޮނީ ޑެޕްގެ ކެރިއަރު ނިމުމަކަށް ގެނެސްފާނެ ކަހަލަ ވާހަކަ އެކެވެ.

ކޮންމެއަކަސް މި މައްސަލަގަނޑު މި ވަނީ އިތުރަށް ހިލިގެން ގޮސްފަ އެވެ. އެމްބާ ހާޑަށް އަނިޔާ ނުކުރާ ކަމަށް ޑެޕް ބުނެފައިވާއިރު އޭނާގެ ދިފާއީ ޓީމުން ތުހުމަތުކުރާ ގޮތުން އެމްބާ އުޅެނީ ފައިސާގެ ދަހިވެތިކަމުގަ އެވެ. ޖޮނީ ޑެޕްގެ ނިކަން ގާތް އެކުވެރިން ބުނާ ގޮތުން ނަމަ އަނިޔާކުރާ ވާހަކަ އެމްބާ މީޑިއާގައި ފެތުރީ ޖޮނީ ޑެޕް ބްލެކްމެއިލްކުރުމުގެ ގޮތުންނެވެ. އެއީ އެމްބާ ބޭނުންވާ ގޮތަށް ވަރީގެ ކަންކަން ގެންގޮސްނުދީގެންނެވެ.

އެމްބާ އުޅެނީ ޖޮނީ ޑެޕްގެ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ޑެޕްގެ އެކުވެރިން ތުހުމަތުކުރާއިރު އެމީހުން ދައްކާ މި ވާހަކައިގައި ބުރަދަނެއް ވެސް އެބަހުއްޓެވެ. އާމްދަނީގެ ގޮތުން ބަލާއިރު އެމްބާ އާއި ޑެޕްގެ ތަފާތު ވަރަށް ވެސް ބޮޑެވެ. ކޯޓުން މި ހަފުތާގައި އާންމުކޮށްފައިވާ އެމްބާގެ އާމްދަނީގެ ތަފްސީލު ދައްކާ ގޮތުން އެމްބާ އަށް ވަނީ ވަރަށް ބޮޑަށް ފައިސާގެ އެހީތެރިކަން ބޭނުންވެފަ އެވެ.

އެމްބާ އަކީ ޖޮނީ ޑެޕް ފަދައިން ހޮލީވުޑްގައި އެހާ މަޝްހޫރު ނުވަތަ އޭ ލިސްޓަށް އަރާ ފެންވަރުގެ އެކްޓަރެއް ނޫނެވެ. މާ ގިނަ ފިލްމުތަކެއް ނުލިބޭއިރު މިދިޔަ އަހަރު ކުޅުނު ފިލްމުތަކާއި އިޝްތިހާރުތަކުން އޭނާ އަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 259،876 އެމެރިކާ ޑޮލަރެވެ. އެޖެންޓުންނާއި ޚަރަދަށް ކަނޑާލުމުން އެމްބާ އަށް މިދިޔަ އަހަރު ޖެހުނީ 51،461 ޑޮލަރެވެ.

އެމްބާ މިހާލެއްގައި އުޅޭއިރު ޖޮނީ ޑެޕް ގާތުން ވަރިވުމަށް ވެއްދި މައްސަލައާ އެކު އެދެމަފިރިންގެ ގޭގެ ފުރިހަމަ ކޮންޓްރޯލް އެމްބާ އަތުލާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ޑެޕްގެ އާމްދަނީ އަށް ބަލާއިރު 30 މިލިއަން ޑޮލަރު މިދިޔަ އަހަރު ލިބުނެވެ. "ބްލެކް މާސް" އޭނާ ކުޅެދިނީ 20 މިލިއަން ޑޮލަރަށެވެ.

ކޮންމެއަކަސް މި ހިސާބުތަކަށް ބަލާއިރު ޖޮނީ ޑެޕްގެ ފައިސާގެ ދަހިވެތިކަމުގައި އެމްބާ އުޅޭ ކަމަށް ބުނާ ވާހަކަ އަށް ބާރު ލިބެ އެވެ. އަނެއްކޮޅުން ގެވެށި އަނިޔާގެ ބޮޑު މައްސަލައެއްގައި ޖޮނީ ޑެޕް ގާތުން ވަރިވާން އުޅޭއިރު އޭނާގެ ފައިސާ އިން ބައެއް ލިބޭ ގޮތަށް މައްސަލަ ނިންމަން އެމްބާގެ ގާނޫނީ ޓީމުން ހިފުމަކީ ވެސް ސުވާލު އުފެދިފައިވާ ކަމެކެވެ.

މީގެ އިތުރުން އެމްބާގެ އެހެން ވާހަކައެއް ވެސް އެބައޮތެވެ. ބުނެވޭ ގޮތުގައި ޖޮނީ ޑެޕް ދޫކޮށް އެމްބާ ދާން އުޅެނީ އަންހެން ލޯބިވެރިއެއްގެ ޖާދޫގައި ޖެހިގެންނެވެ. ޖޮނީ ޑެޕާ ލޯބީގެ ގޮތުން ގުޅިގެން، ކައިވެނިކުރުމުގެ ކުރިން ވެސް އެމްބާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އަންހެނަކާ އެވެ.