ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

"ފިނިފެންމާ" މައްސަލާގެ އަޑުއެހުން މިއަދު ވެސް ކެންސަލް

"ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީ ގާޑުންގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އަޑުއެހުން ތާވަލުކޮށްފައި އޮތީ، މިއަދު ހެނދުނު 10 ޖަހާއިރަށެވެ. އިއްޔެ ވެސް މި މައްސަލާގެ އަޑުއެހުން ތާވަލްކޮށް ކެންސަލްކޮށްފައިވެ އެވެ.

އިއްޔެ މި މައްސަލަ ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ ސައީދު އިބްރާހިމް ސަލާން ނެންގެވުމާ ގުޅިގެންނެވެ. މިއަދަށް މި މައްސަލާގެ އަޑުއެހުން ތާވަލްކުރީ ސެކްޝަން ބަދަލުކުރުމަށްފަހު އެވެ. ނަމަވެސް މިއަދު ވެސް އަޑުއެހުން ބޭއްވޭ ގޮތެއް ނުވި އެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު ވިދާޅުވީ، އަދީބުގެ ބޮޑީގާޑު ރިކާޒުގެ ވަކީލް ހާޒިރުވެ ނެތުމުން މައްސަލާގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

އަދީބުގެ މި މައްސަލާގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު މިއަދަށް އަދީބުގެ އިތުރު ތިން މައްސަލައެއްގެ އަޑުއެހުން ވަނީ ތާވަލްކޮށްފަ އެވެ. އެއީ، މޭޑޭގައި ފިސްތޯލައެއް ގެންގެޅުނު ކަމަށް ބުނާ މައްސަލައާއި ލޯންޗްކޮޅުގެ މައްސަލާގައި އަދީބަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާގެ އަޑުއެހުމާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބާއި ޒިޔަތު އަދި ހާމިދުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ އަޑުއެހުމެވެ.