ވިޔަފާރި

އިންޑިޔާއިން ރާއްޖެއަށް އައި ޓޫރިސްޓުން ވަރަށް ބޮޑުތަން އިތުރުވެއްޖެ

Jun 1, 2016
  • މި އަހަރު 18،750 ޓޫރިސްޓުން އައި
  • މިދިޔަ އަހަރު އައީ 15،561 މީހުން
  • އެޕްރީލް މަހު އައީ 4،619 މީހުން

އިންޑިޔާ އިން މި އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 18،750 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް އައިސްފައިވަނީ 15،561 ޓޫރިސްޓުންނެވެ. މިއީ 20.8 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރުގެ އެޕްރީލް މަހު 3،750 މީހުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މި އަހަރު ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިވަނީ 4،619 މީހުން ޒިޔާރަތް ކޮށްފަ އެވެ. މިއީ 23.9 ޕަސެންޓް އިތުރު އަދަދެކެވެ.

އިންޑިޔާ ޓޫރިސްޓުން އިތުރުވަމުންދާއިރު، އެ ގައުމުގެ ފިލްމީތަރިންގެ މެދުގައި މިހާރު ރާއްޖެއަކީ ވަރަށް މަގުބޫލު މަންޒިލެކެވެ. އަދި އިންޑިޔާ ޓޫރިސްޓުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މި ގޮތުން ދާދިފަހުން ވަނީ އެ ގައުމުގެ ހަތަރު ސިޓީއެއްގައި ރޯޑް ޝޯތަކެއް ކުރިއަށް ގެންދަން ނިންމާފަ އެވެ. އެގޮތުން މި ހަރަކާތް އިންޑިޔާގެ ޗަންދިގަޅް ސިޓީ އާއި ލެކްނޯ އަދި ޕޫނާގެ އިތުރުން ހައިދަރްއާބާދުގައި ބާއްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 447،659 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތްކުރި 432،210 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.6 ޕަސެންޓުގެ އިތުރު އަދަދެކެވެ.