ވިޔަފާރި

ޓޫރިޒަމަށް ނަޒަރެއް: އެމެރިކާ އާއި ސައޫދީ މާކެޓުން ބޮޑު ކުރިއެރުމެއް!

  • ޔޫރަޕުގެ ގިނަ މާކެޓުތަކުން ކުރިއެރުން
  • ޗައިނާ މާކެޓު ރަނގަޅުވާތަނެއް ނުފެނޭ
  • އާ ބައެއް މާކެޓުތައް ވަނީ "އުފަންވެފަ"

މިދިޔަ އަހަރަކީ ޔޫރަޕުގައި ހާޖާނު ބޮޑު އަހަރެވެ. ހާއްސަކޮށް ޔޫރަޕު ގައުމުތަކަށް އަމާޒުކޮށް ދިން، ޓެރެރިޒަމްގެ ހަމަލާތައްވީ މުޅި ޔޫރަޕު "ސިހުން" ގެނުވި ކަމަށެވެ. މިއާއެކު ރާއްޖެ އަށް އެންމެ ގިނައިން ޔޫރަޕުން ޓޫރިސްޓުން އަންނަ ފްރާންސު ފަދަ ގައުމުތައް ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޓޫރިޒަމް ހިސާބުތަކުން ދައްކާ ގޮތުގައި ސައޫދީ އަރަބިއްޔާ އާއި އެމެރިކާ މާކެޓު ވަނީ ވަރަށް ބޮޑުތަން ރަނގަޅު ވެފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު މެދުއިރުމަތިން 51،330 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ އޭގެކުރީ އަހަރު ޒިޔާރަތް ކުރި 41،976 ޓޫރިސްޓުންނާ އަޅާބަލާއިރު، 22 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މެދު އިރުމަތިން އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ސައޫދީ އަރަބިއްޔާއިންނެވެ. ދިވެހިންގެ އިގްތިސާދީ ކުރިއެރުމަށް ގިނަ އެހީތަކެއް ދެމުން ގެންދާ އެ ގައުމުން މިދިޔަ އަހަރު 21،964 މީހުން ޒިޔާރަތް ކުރި އެވެ. މިއީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 15،749 މީހުންނާ އަޅާބަލާއިރު 39 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަށް އާ މާކެޓެއް ކަމަށްވާ އެމެރިކާ ހިމެނޭ ސަރަހައްދުވެސް ވަނީ ރަނގަޅު ވާން ފަށާފަ އެވެ. މި ސަރަހައްދުން މިދިޔަ އަހަރު 50،459 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ 46،630 މީހުންނާ އަޅާބަލާއިރު 46،630 މީހުންނެވެ. އަދި މިއީ 8.2 ޕަސެންޓް އިތުރުވުމެކެވެ. އަދި މި ސަރަހައްދުން އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ އެމެރިކާ އެވެ. އެ ގައުމުން 32،558 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި މިއީ އޭގެ ކުރީ އަހަރު ޒިޔާރަތްކުރި 29،309 އާ އަޅާބަލާއިރު 11.2 ޕަސެންޓް އިތުރު ވުމެކެވެ.

ޔޫރަޕުން 7.5 ޕަސެންޓް އިތުރު، ޗައިނާ ދަށް!

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޔޫރަޕުން 575،176 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި 532،965 ޓޫރިސްޓުންނާ އަޅާބަލާއިރު 7.5 ޕަސެންޓް އިތުރުވުމެކެވެ. އަދި މިދިޔަ އަހަރު އިނގިރޭސިވިލާތުން ޒިޔާރަތް ކުރީ 101،863 ޓޫރިސްޓުންނެވެ. މި އަދަދަކީ އޭގެކުރީ އަހަރު ޒިޔާރަތްކުރި 92،775 ޓޫރިސްޓުންނާ އަޅާބަލާއިރު 9.8 ޕަސެންޓް އިތުރުވުމެކެވެ. މީގެ އިތުރުން އިޓަލީވިލާތުން މިދިޔަ އަހަރު 71،202 މީހުން ޒިޔާރަތްކުރި އެވެ. މިއީ އޭގެކުރީ އަހަރު ޒިޔާރަތް ކުރި 65،616 މީހުންނާ އަޅާބަލާއިރު 8.5 ޕަސެންޓް އިތުރު ވުމެކެވެ. އަދި ޖަރުމަނުން މިދިޔަ އަހަރު 106،381 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.

މުހިންމު ގައުމުތައް

  • އިނގިރޭސިވިލާތް 9.8 ޕަސެންޓް އިތުރު
  • އިޓަލީވިލާތް 8.5 ޕަސެންޓް އިތުރު
  • ޖަރުމަނުވިލާތް 1.2 ޕަސެންޓް އިތުރު
  • ޕްރާންސް ތިން ޕަސެންޓް ދަށަށް

މި އަދަދަކީ މިދި އަހަރު ޒިޔާރަތްކުރި 105،132 ޓޫރިސްޓުންނާ އަޅާ ބަލާއިރު 1.2 ޕަސެންޓް އިތުރު ވުމެކެވެ. އަދި ރަޝިޔާ އިން 46،522 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 44،323 ޓޫރިސްޓުންނެވެ. މިއީ ފަސް ޕަސެންޓް އިތުރު ވުމެކެވެ. އަދި މިދިޔަ އަހަރު ޕްރާންސުން 40،487 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 42،024 ޓޫރިސްޓުންނާ އަޅާބަލާއިރު 3.5 ޕަސެންޓް ދަށްވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖެ އަށް ޖުމްލަ 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ 4.2 ޕަސެންޓުގެ ކުރިއެރުމެކެވެ.