ވިޔަފާރި

މި އަހަރުގެ މިހާތަނަށް ބައި މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފި

  • ޔޫރަޕުން މީހުން އިތުރުވެފައިވޭ
  • އެންމެ ގިނައީ ރަޝިޔާ މީހުން
  • ބައެއް މާކެޓުތައް ވަނީ ދަށްވެފަ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މެއި މަހުގެ ނިޔަލަށް 572,318 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މި އަދަދަކީ މިދިޔަ އަހަރު އައި 540,887 ޓޫރިސްޓުންނާ އަޅާބަލާއިރު 5.8 ޕަސެންޓް އިތުރުވުމެކެވެ.

އެ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ޔޫރަޕުން 290,968 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 263,573 ޓޫރިސްޓުންނާ އަޅާބަލާއިރު 10.4 ޕަސެންޓް އިތުރުވުމެކެވެ. އަދި މި މުއްދަތުގައި ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ރަޝިޔާއިން 27,364 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި މިދިޔަ އަހަރު އައީ 19,447 ޓޫރިސްޓުންނެވެ. މި އަދަދަކީ 40.7 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި އިނގިރޭސިވިލާތުން 45,656 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިޓަލީވިލާތުން މި އަހަރު 44,926 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، މިދިޔަ އަހަރު އައީ 35,403 ޓޫރިސްޓުންނެވެ. މި އަދަދަކީ 26.2 ޕަސެންޓް އިތުރުވުމެކެވެ. އަދި ފްރާންސުން މި އަހަރު 23,944 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރު އައީ 23,464 ޓޫރިސްޓުންނެވެ. މިއީ ދެ ޕަސެންޓުގެ އިތުރުވުމެކެވެ.

ޔޫރަޕުގެ ގައުމުތަކަށް ބަލާއިރު ޓޫރިސްޓުން މަދުވެފައިވަނީ ޖަރުމަނު ވިލާތުންނެވެ. އެ ގައުމުން މިދިޔަ އަހަރު 46,807 ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރު އައީ 49,303 ޓޫރިސްޓުންނެވެ. މިއީ 5.1 ޕަސެންޓުގެ ދަށްވުމެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ދެކުނު ދެކުނު އިރުމަތީ އޭޝިޔާއިން މި އަހަރު 29,522 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތްކުރި 24,415 ޓޫރިސްޓުންނާ އަޅާބަލާއިރު 20.9 ޕަސެންޓް އިތުރުވުމެކެވެ. އޭޝިޔާ އިން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިޔާއިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 30,610 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 25,441 ޓޫރިސްޓުންނާ އަޅާބަލާއިރު 20.2 ޕަސެންޓް އިތުރުވުމެކެވެ.