ހަބަރު

ރޯދަމަހު ގާދިއްފުށީގައި ކޭބަލް ޓީވީ ބިލްވެސް ހިލޭ!

ރޯދަމަސް އައިސް ބައްދަލުކުރާއިރު އަނެއްކާވެސް މިއޮތީ ރާއްޖޭގައި މުޅިން އާ ސަފުހާއެއް ފެށިފައެވެ. މިދުވަސްކޮޅު އެންމެ ބާރަށް ދެކެވޭނެ އެއްވާހަކަޔަކަށް ވާނީ ޔަގީނުންވެސް ރޯދަ އިނާޔަތްތަކުގެ ވާހަކައެވެ. އެހެން އަހަރުތަކާ އަޅާ ބަލާއިރު ހަމަ ޔަގީނުންވެސް މިއަހަރުގެ ރަމަޟާން މަސް ބައެއް ރަށްރަށުގެ ރައްޔިތުންނަށް މިއަންނަނީ އިތުރު އުފާވެރި ކަމަކާއި ހިތްހަމަޖެހުމަކާ އެކު އެވެ. މި އުފާވެރިކަމެއް ފެށިގެން އައިކަން އެނގުނީ އއ. މާޅޮހު ކައުންސިލުން އެރަށުގެ ރައްޔިތުންނަށް ރޯދަ އިނާޔަތެއްގެ ގޮތުގައި ރޯދަ މަހުގެ ކަރަންޓު ބިލުގެ 50 ޕަސެންޓް ކައުންސިލުގެ ހަރަދުގައި ދައްކާގޮތަށް ނިންމައި އެކަން މީޑިއާތަކާ ހިއްސާކުރި ހިސާބުންނެވެ.

މާޅޮހުގެ ރައްޔިތުންނަށް ލިބުނު ރޯދަ ހަދިޔާއާ އެކު އެނގިގެން ދިޔައީ މިފަދަ އިނާޔަތްތަކެއް އެހެން ރަށްތަކުގެ ކައުންސިލުތަކުން ވެސް ރައްޔިތުންނަށް ދޭން ނިންމާފައި އޮތް ކަމެވެ. އެގޮތުން އއ. އަތޮޅު ބޮޑުފޮޅޫދޫއިންވެސް ވަނީ އެރަށުގެ ޔައްޔިތުންނަށް ރޯދަމަހުގެ ކަރަންޓު ބިލުގެ 50 ޕަސެންޓް ހަރަދު ކައުންސިލުން ދޭގޮތަށް ހަމަޖައްސާފަ އެވެ. އަނެއްކާވެސް މިއޮތީ މުޅިން އާ ހަބަރެކެވެ.

ތ. ގާދިއްފުށީ ކައުންސިލުންވެސް މިވަނީ އެރަށުގެ ރައްޔިތުންނަށް ރޯދަ އިނާޔަތެއްގެ ގޮތުގައި ހުރިހާ ގެއެއްގެ ކަރަންޓުބިލުން 50 ޕަސެންޓް ކައުންސިލުން ދައްކާ ގޮތަށް ނިންމާފަ އެވެ. އަދި ރޯދަމަހުގެ ކޭބަލް ޓީވީގެ ބިލުވެސް މުޅިން ހިލޭ ކޮށްދޭގޮތަށް ނިންމާ އެކަން ވެސް އިއުލާނު ކޮށްފަ އެވެ. މި އުފާވެރި ހަބަރުން ތ. ގާދިއްފުށީ ރައްޔިތުން ތިބީ ހެވި ދިއްލިފައެވެ.

ބަރަކާތްތެރި ރޯދަމަހާ ގުޅިގެން މި އިނާޔަތްތައް ދިނުމުގައި ހުރިހާ ކައުންސިލެއްގެ ވެސް މަގުސަދަކީ އެކައްޗެކެވެ. އެއީ ރޯދަމަހަކީ ގިނަ ހަރަދު ކުރަންޖެހޭ މަހަކަށް ވުމުން ރައްޔިތުންގެ އަތުން ދާ ހަރަދު ކުޑަކުރުމަށް އެހީވެދިނުމެވެ. އަދި ރައްޔިތުންނަށް ރޯދަމަހުގެ އުފާ އިތުރުކޮށްދިނުމެވެ.

ރޯދަ މަހަކީ އަހަރުގެ އެހެން މަސްތަކާ ހިލާފަށް ދިވެހިންނަށް ހަރަދު ބޮޑު މަހެކެވެ. ރޯދަމަހު ކުރާ ހުރިހާ ކަމަކާ އެންމެ ބޮޑަށް ގުޅިފައި އޮންނަ އެކައްޗަކީ ކަރަންޓަށް ވުމުން ރޯދަމަހު އެންމެ ބޮޑު ހޭދައެއް ކުރަންޖެހިފައި އޮންނަނީ ވެސް ކަރަންޓަށެވެ. ހަމަ އެއާއެކު ޒަމާނަށް އައި ބަދަލާ އެކު، ރޯދަމަހުގެ މުނިފޫހި ފިލުވުންވެސް މިއޮތީ މުޅިންވެސް ރިއަލިޓީ ޝޯތަކާ ގުޅިފައެވެ. ގިނަ މީހުންނަކީ ރޯދަ މަހަށް ހާއްސަކޮށް ކޭބަލް ޓީވީގެ ހިދުމަތްވެސް ހޯދާ ބައެކެވެ. ވީމާ ރޯދަމަހަށް މި ރަށްރަށުގެ ކައުންސިލުތަކުން ރައްޔިތުންނަށް ދީފައި މިވަނީ ހަގީގަތުގައިވެސް ރައްޔިތުން އުފާވުން ހައްގު އިނާޔަތްތަކެއް ނޫން ހެއްޔެވެ!