ވިޔަފާރި

ލަފާކުރި ވަރަށް ވުރެ އިގްތިސާދީ ދުވެލި ދަށްވާނެ: އެމްއެމްއޭ

Jun 1, 2016

މިއަހަރު އަންދާޒާ ކުރިވަރާ އެއް ވަރަށް ރާއްޖޭގެ އިގްތިސާދު ކުރިނާރާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފި އެވެ.

އެ ބޭންކުން މަހަކު އެއްފަހަރު އާންމު ކުރާ އިގްތިސާދި ރިވިއުގެ، މިދިޔަ މަހުގެ އަދަދުގައި ބުނެފައި ވަނީ 6.4 ޕަސެންޓްގައި މިއަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރެވުނީ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ. އެހެން ނަމަވެސް މިއަހަރުގެ މިހާތަނަށް ޓޫރިޒަމްގެ ދާއިރާއަށް އަންދާޒާ ކުރި ވަރުގެ ކުރިއެރުމެއް އައިސްފައި ނުވާތީ އިގްތިސާދި ދުވެލި ލަފާކުރި ވަރަށް ވުރެ ދަށްވުން އެކަށީގެންވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެންމެފަހުން އައިއެމްއެފް އިން ރާއްޖޭގެ އިގްތިސާދު ރިވިއު ކުރުމަށް ފަހު ބުނެފައި ވަނީ، އިގްތިސާދު ކުރިއަރާނީ 3.5 ޕަސެންޓްގައި ކަމަށެވެ.

އެމްއެމްއޭ އިން ބުނީ އެޕްރީލް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވީ އެންމެ ޕަސެންޓެއް ކަމަށެވެ. އަދި އެއީ މިއަހަރުގެ މާޗް މަހާ އަޅާ ބަލާއިރު 10 ޕަސެންޓްގެ ދަށްވުމެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އަދި އޮކިއުޕަންސީ ރޭތް ވެސް ވަނީ 73 ޕަސެންޓުން 70 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރި ރޭގެ އަދަދު ވެސް އެއް ޕަސެންޓް އިތުރުވި އިރު، ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކުރި މުއްދަތު ވެސް ވަނީ 5.9 ޕަސެންޓްގައި ހިފެހެއްޓިފަ އެވެ.