ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބާ ގާތް ތިން މީހަކު އޭނާއާ ދެކޮޅަށް ހެކިބަސް ދީފި

  • ހެކިން ބުނެފައި ވަނީ އަދީބު ދެ ފިސްތޯލަ ގެންގުޅުއްވި ކަމަށް
  • ގޮވާ ޒާތުގެ އެއްޗެއް ވެސް އަދީބު ގެންގުޅުއްވި
  • އެމްޑީޕީއަށް އޭނާއާ ކައިރި ނުވެވޭނެ ކަމަށް އަދީބު ވިދާޅުވި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ދައުލަތުން އުފުލާވާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނަގައިފި އެވެ. މިއަދު ހެކި ބަސް ނަގާފައިވަނީ ތިން ސިއްރު ހެއްކެއްގެ ހެކި ބަހެވެ.

މި މައްސަލާގައި ދިފާއުގައި ހެއްކެއް ހުށަހަޅާފައިނުވާއިރު، ދައުލަތުން ހުށަހުޅެނީ ދެ ސިއްރު ހެއްކެކެވެ. އެއީ، މޭޑޭގެ ކުރީ ރޭ "ސްޓޮޕް އެންޑް ޝޮޕް" ހުންނަ އިމާރާތުގައި އަދީބު ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައަކާއި ގޮވާތަކެތި ފެނުނު ކަމަށް ބުނާ ދެ މީހެކެވެ. އެ ދެ މީހުން މިއަދު ހެކި ބަސް ދެމުން ބުނެފައިވަނީ، އަދީބަކީ ވަރަށް ކުޑައިރުންސުރެވެސް ދަންނަ އެކުވެރިއެއް ކަމަށެވެ.

އެ ރޭ އަދީބު ދިރިއުޅުއްވާ އެޕާޓްމެންޓަށް އެ ދެ މީހުން ދިޔައީ އަދީބު ގުޅުމުން ކަމަށާއި، އަދީބު އެމީހުންނަށް އެންގީ މޭޑޭގައި ހިނގާ ކަންކަން ކޮންޓްރޯލްކޮށް ވާނުވާ އެންގުމަށް ކަމަށެވެ. ހެކިވެރިން ބުނި ގޮތުގައި އަދީބު ވަނީ ކަޅު ކުލައިގެ ދަބަހެއް ތެރެއިން ދެ ފިސްތޯލަ ނަގާ އެމީހުންނަށް ދައްކާފަ އެވެ. ފިސްތޯލައިގެ އިތުރުން ވަޒަނާއި ރަތް ކުލައިގެ ޓޭޕް އަޅާފައި ޑިވައިޒަކާއި ޑިސްޕްލޭއެއް ހުރި އެއްޗެއް ވެސް ދެއްކި ކަމަށެވެ. އެއީ، ގޮވާޒާތުގެ އެއްޗެއް ކަމަށް އަދީބު ވިދާޅުވި ކަމަށް ހެކިވެރިން ބުންޏެވެ.

ހެކިވެރިން ބުނީ، ފިސްތޯލަ ދެއްކުމަށްފަހު ރައީސް އަބްދުﷲ ޔާމީނާއި އަދީބާއާ ހަމައަށް އެމްޑީޕީއަށް ނާދެވޭނެ ކަމަށް އަދީބު ވިދާޅުވި ކަމަށެވެ.

އަދީބު ފިސްތޯލަ ގެންގުޅު މައްސަލަ ފުލުހުންނަށް ކުރިން ހުށަނޭޅީ އަދީބަކީ ސަރުކާރުގެ ވެރިއަކަށްވެފައި އެއީ އަމިއްލަ ދިފާއުގައި ގެންގުޅުއްވާ އެއްޗެއް ކަމަށް ގަބޫލުކުރެވިގެން ކަމަށް ހެކިވެރިން ބުންޏެވެ. އަދި އަދީބުގެ ބާރު އޮތް މިންވަރުން އޭރު އެ މައްސަލަ ޖައްސައިފިނަމަ ހެކިންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އެމީހުން ބުންޏެވެ.

މި މައްސަލާގައި ހެކި ހުށަހަޅަން ލިބުނު ފުރުސަތު ދައުލަތުން ދެ ހެކި ވެރިން ހުށަހެޅި ނަމަވެސް މިއަދު މި މައްސަލަ ބެއްލުވުމާ ހަވާލުވެލެއްވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ އިތުރު ހެއްކެއްގެ ހެކި ބަސް ނަގަން ނިންމާފަ އެވެ. އެކަން އެގޮތަށް ކުރައްވަން ނިންމުމުން އަދީބުގެ ވަކީލް މޫސާ ސިރާޖް ސުވާލު އުފެއްދުމުން ގާޒީ ބާރީ ވިދާޅުވީ، ހެކިން ބަލައިގަނެފައިވާ ކަމަށެވެ.

ތިންވަނަ ހެކިވެރިޔާއަކީ ވެސް އަދީބާ ގާތް މީހެކެވެ. އޭނާ ބުނި ގޮތުގައި އަދީބު ދިރިއުޅުއްވާ ރެހެންދި ފްލެޓުން އޭނާ ވަނީ ފިސްތޯލަކާއި ވަޒަން ފެނިފަ އެވެ. އެތަކެތި އޭނާއަށް އަދީބު ދެއްކީ ނޫން ކަމަށާއި އަދީބުގެ މޭޒުމަތީ ހުއްޓާ ފެނުނީ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އަދީބަށް ނޭނގި އެ ފިސްތޯލައިގެ ފޮޓޯއެއް ވެސް ވަނީ ނަގާފަ އެވެ.

އެ ފޮޓޯއާ ގުޅޭ ގޮތުން ފުލުހުން ހެދި ރިޕޯޓެއް މިއަދު ވަނީ ދައުލަތުން ހުށަހަޅާފަ އެވެ. އެތަކެތި ވެސް ގާޒީ ބާރީ ވަނީ ބަލައިގެންފަ އެވެ. އެ ރިޕޯޓާ ގުޅޭ ގޮތުން މޫސާ ސިރާޖު ވިދާޅުވީ، އެ ރިޕޯޓުގައި ފޮޓޯ ނަގާފައިވަނީ އަދީބުގެ އެޕާޓްމެންޓު ތެރެއިން ކަމެއް ނޭނގޭ ކަމަށާއި އަދި އެއީ އޭނާގެ ފޯނުން ނަގާފައިވާ ފޮޓޯއެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ.

މި މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ ހަަތަރުވަނަ ދުވަހު އެވެ. އެ ދުވަހު އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ.