ހަބަރު

ހެކިން ހާޒިރުކުރަން އަދީބަށް އެންމެ ގަޑިއިރެއް

ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ"ގެ މައްސަލާގައި ދިފާއީ ހެކިން ހާޒިރުކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެންމެ ގަޑިއިރެއްގެ ފުރުސަތެއް ދީފި އެވެ.

"ފިނިފެންމާ" ގައި ބޮމެއް ހަރުކުރަން އެ ލޯންޗްކޮޅު ބޭނުންކުރި ކަމަށް ތުހުމަތުކޮށް އަދީބުގެ މައްޗަށްކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރެއްވި މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެއްކެއްގެ ހެކި ބަސް ނަގާފަ އެވެ.

ދައުލަތުން ހުށަހެޅި ހެކި ބަސް ނެގުމަށްފަހު ދިފާއީ ހެކި ހާޒިރުކުރުމަށް އެއް ގަޑިއިރުގެ ފުރުސަތެއް އަދީބުގެ ވަކީލް މޫސާ ސިރާޖަށް ވަނީ ދީފަ އެވެ. އެއް ގަޑިއިރު ތެރޭގައި ހެކިން ހާޒިރުނުކުރެވިއްޖެނަމަ ދިފާއީ ހެކި ނުނަގާ މައްސަލަ ބައްލަވާ ނިންމާލާނެ ކަމަށް ގާޒީ ބާރީ ވަނީ ވިދާޅުވެފަ އެވެ. މި މައްސަލަ ކުރިން ބައްލަވަމުންދިޔަ ބެންޗް އުވާލައްވާ މައްސަލަ ބެއްލެވުމާ ގާޒީ ބާރީ ހަވާލުވެވަޑައިގެންނެވީ މިއަދު އެވެ.

މި މައްސަލާގެ އިތުރުން ވެސް އަދީބުގެ އެހެން ބައެއް މައްސަލަތައް ބެއްލެވުމަށް ވެސް ގާޒީ ބާރީ ވަނީ ހަވާލުވެވަޑައިގަންނަވާފަ އެވެ.