ހަބަރު

ނަޝީދު އަނބުރާ ރާއްޖެ އަންނަން ސަރުކާރުން އަންގަނީ

Jun 1, 2016
16

އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާއަށް ދީފައިވާ މުއްދަތު ދެން އިތުރުކޮށް ނުދެއްވާނެ ކަމަށާއި ނަޝީދު މާލެ އަންނަން އަންގަވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވެސް އިސްވެ ހުންނަވައި، ޔުނިއިޓެޑް އޮޕޮޒިޝަންގެ ނަމުގައި އިދިކޮޅު ހަރަކާތެއް އިނގިރޭސިވިލާތުގައި މިއަދު ފަށައި މަސައްކަތް ފަށައިގެންފައިވާ އިރު ހޯމް މިނިސްޓަރު އުމަރު މިއަދު، "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ނަޝީދު ބޭސްފަރުވާއަށް ދިން މުއްދަތު ވަރަށް ގިނަ ފަހަރަށް އިތުރުކޮށް ދީފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ، ނަޝީދު އެ ގައުމުގައި ހުންނަވައިގެން، ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދިޔުމަކީ، ގައިދީން ބޭސްފަރުވާއަށް ބޭރަށް ފޮނުވުމުގެ ގަވާއިދާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

"އިތުރު ކުރަން އަޅުގަނޑުމެން ދެން ގަސްތެއް ނުކުރަން. ވަރަށް ގިނަ އިތުރު ކުރުން އިތުރު ކުރެވިއްޖެ. ދެން އަޅުގަނޑު ގަސްތުކޮށްފައި އޮތީ އެބޭފުޅާ އަށް ދަންނަވަން އެނބުރި މާލެ ވަޑައިގަންނަވަން. މާލެ ވަޑައިނުގެންފި ނަމަ، ގަވާއިދާ ހިލާފަށް ހުންނެވި ބޭފުޅަކަށް ވާނީ،" އުމަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށާއި އެނބުރި ރާއްޖެ އައުމުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ގަވާއިދުތަކާ ހިލާފުވުމަކީ އެބޭފުޅަކު އެއް ކުރައްވާ ކަމަކާ މެދު ސީރިއަސްކޮށް ވިސްނަން ޖެހޭނެ ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު މީގެ ކުރިން ދެތިން ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްދީފަ އެވެ. ނަޝީދު ވަނީ އެމަނިކުފާނު އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯދިކަން ކަށަަވަރުކޮށްދެއްވައިފަ އެވެ.