ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަނަކީ މާ ޗެލެންޖިންގ ބައެއް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ ކޯލިޝަނެއް އެކުލަވާލާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ސަރުކާރަށް އޮތް ޗެލެންޖެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކޯލިޝަނެއް ހެދުމަކީ ސިޔާސީ އާދައެއް ކަމަށާއި އެއީ ސަރުކާރުން އެންޓިސިޕޭޓް ކުރި ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ތާރީހުން ވެސް އަދި އެހެން ގައުމުތަކުންވެސް ފެންނަ ކަންކަން. މިއީ އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމެއް ނޫން،"
ކޯލިޝަނުން ސަރުކާރާއެކު މަޝްވަރާކުރުމަށް ސަރުކާރުން ތައްޔާރުތޯ ކުރެވުނު ސުވާލަށް މިނިސްޓަރ ދުންޔާ ވިދާޅުވީ މިހާރު ފަށާފައިވާ އޯލް ޕާޓީ ޓޯކްސް ސަރުކާރުން ކުރިއަށް ގެންދިޔުމަށް ސަރުކާރުން ބާރުއަޅުއްވާ ކަމަށާއި އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ގައުމުގައި ހުރި މައްސަލަތައް ހައްލުވާނީ މަޝްވަރާގެ މަތިން ކަމަށްވެސް މިނިސްޓަރ ދުންޔާ ފާހަގަކުރެއްވި އެވެ. އިދިކޮޅު ފަރާތްތަކުގެ ފަރާތްތަކުން މިހާތަނަށްވެސް ފެނިގެންގޮސްފައި ވަނީ ގޮތް ދޫނުުކުރުމުގެ އުސޫލެއް ކަމަށާއި އެކަން ދޫކޮށްލަންވެއްޖެ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.
ިމިނިސްޓަރ ދުންޔާ ވިދާޅުވީ އިގިރޭސިވިލާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހިމާޔަތްދިންކަން ޔަގީންކޮށްދިނުމަށް އެދެފައިވާ ކަމަށެވެ. ނަމަވެސް ފޮރިން އެންޑް ކޮމަންވެލްތް އެފެއަރޒްގެ ސްޓޭޓް މިނިސްޓަަރ ހޫގޯ ސްވަޔަރ އެކަމާއި މެދު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމްގެ މައްސަލައިގައި ސަރުކާރުން ވަކި ފިޔަވަޅެއް އެޅުމާއި މެދު ވިސްނަވާތޯ ކުރި ސުވާލަށް މިނިސްޓަރ ދުންޔާ ވިދާޅުވީ އެކަމާއި ބެހޭ ގޮތުން އަދި ވަކި ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އަދި، ސަރުކާރުން މިހާތަނަށް ސްޓޭޓަސް ހޯދުމަށް އެދިފައިވަނީ ހަމައެކަނި ރައީސް މުހައްމަދު ނަޝީދުގެ ކަމަށް އެކަމަނާ ވިދާޅުވި އެވެ. ދިވެހި ރައްޔިތުންނަށް އިގިރޭސިވިލާތަކީ ހުޅުވާލެވިފައިވާ ގައުމެއް ކަމަށާއި އެގައުމަށް އެތެރެވުމަށް ހުރަސްތަކެއް ނެތް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.