އުމަރު ނަސީރު

ކޯލިޝަން ފެއިލްވާނެ، ޖަމީލަކީ ގުރުބާން ކުރާ ބަކަރިއެއް: އުމަރު

  • ނަޝީދު އަދި ލީޑަރުކަން ޖަހައިގަންނާނެ
  • ނަޝީދަކީ ޑިމޮކްރަސީގެ ނަމުގައި ހުރި ހުތުމުހުތާރު ބޭފުޅެއް
  • ނަޝީދު ވެރިއެއްގެ ގޮތުގައި ދިވެހިން ގަބޫލެއް ނުކުރޭ

އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާ ކޯލިޝަނަކީ ކާމިޔާބު ނުވެ ފެއިލްވާނެ ކޯލިޝަނެއް ކަމަށާއި އެކަން މާ ކުރިން ވެސް އެނގޭ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އުމަރު ނަސީރު އިދިކޮޅު ލީޑަރުންގެ އިއްތިހާދު، ޔުނައިޑެޓް އޮޕޮޒިޝަންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

"އަވަސް"އަށް މިއަދު ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ، އިދިކޮޅު ކޯލިޝަން ކާމިޔާބުނުވާނެ ސަބަބަކީ އެ ކޯލިޝަން ލީޑްކުރަން އެހެން މީހެއްގެ އަތް މައްޗަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫނުކުރައްވާނެތީ ކަމަށެވެ. ކޯލިޝަނެއްގެ ލީޑަރެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ފުރަތަމަ ނެރުނަސް ފަހުން ލީޑަރުކަން ރައީސް ނަޝީދު "ޖަހައިގަންނާނެ" ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ޖަމީލަކީ ކަތިލަން ތައްޔާރުކޮށްފައިވާ ބަކަރިއެއް ކަމަށެވެ.

"ކޯލިޝަން ވޯކެއް ނުކުރާނެ. އެއީ 100 ޕަސެންޓް ޔަގީން ކަމެއް، ސަބަބަކީ ފުރަތަމަ ކަމަކަށް ކޯލިޝަން ލީޑްކުރައްވާނީ ކާކު ހެއްޔޭ، ކޯލިޝަން ލީޑްކުރުން ނަޝީދު ދުލެއް ނުކުރައްވާނެ، ޖަމީލަކީ އެއީ ހަމަ ކަތިލަން ބަހައްޓާފައިވާ ބަކަރިއެއް، ޖަމީލުގެ ބޭނުން ހިފާފަ، ޖަމީލު ކުރީ ސަފަށް ނެރެ ގަން ހިންގުވާފައި. ކޯލިޝަންގެ ލީޑަރުކަން ދަމައިގަންނާނީ ހަމަ ނަޝީދު،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ރައީސް ނަޝީދަކީ އެއްވެސް އިރެއްގައި ޑިމޮކްރަޓިކް އުސޫލުތައް ގެންގުޅުއްވި ބޭފުޅެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތްތާ ވެސް ގެންގުޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. މިހާރު ވެސް ރައީސް ނަޝީދު އިސްކޮށް ހުންނަވާ އެމްޑީޕީއަކީ ކަލްޓެއް ކަމަށް އުމަރު ވިދާޅުވި އެވެ. ރައީސް ނަޝީދަށް އެނގިލައްވާނީ ހަމައެކަނި ކަލްޓެއް ހިންގަވަން ކަމަށް ވިދާޅުވި އެވެ.

"ނަޝީދު ގަޔަކު ނުހުންނާނެ ޑިމޮކްރަޓިކްގެ ހަމަ އެއްވެސް ހަމައެއް، ނަޝީދަށް ހިންގަން އެނގޭނީ ކަލްޓް، ކަލްޓެއްގެ އަސާސީ ސިފަތައް އެމްޑީޕީއިން ފެނޭ، އެ ޕާޓީގެ ޖަލްސާ ފަށާނީ ނަޝީދަށް ހުށާމަދުކުރަމުން ނިންމާނީ، މެދު ތެރެއިން ވެސް ހުޝާމަދުކުރާނެ، އެއީ ކަލްޓެއް ފުރަތަމަ ސިފައަކީ ދެވަނަ ސިފައަކީ ކަލްޓެއްގެ ވެރިމީހާގެ ނަމުން ތަންތަނަށް މަގުތަކަށް ނަން ދޭނެ، ނަޝީދުގެ ނަމުން އޮންނާނެ ބ. ތުޅާދޫގެ މަގުތަކަށް ނަން ދީފައި،" އުމަރު ވިދާޅުވި އެވެ.

މާޒީގައި ވެސް ނަޝީދު ވަނީ ޑިމޮކްރަޓިކް އުސޫލުތަކާ ބީރަށްޓެރި ކަންތައްތަކެއް ކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން 2007 ވަނަ އަހަރު އިސްލާހީ ހަރަކާތުގައި އުޅުނު ކޯލިޝަނުގައި ރައީސް ނަޝީދާއެކު މަސައްކަތްކުރަން ފުރުސަތު ލިބުމުން ރައީސް ނަޝީދުގެ ގޮތް ވަރަށް ރަނގަޅު އެނގިލައްވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަންޒަރު ދުށިން 2007 ވަނަ އަހަރު، އޭރުގެ ކޯލިޝަނުގައި އަޅުގަނޑު މަސައްކަތްކުރިން، ނަޝީދު އުޅުއްވި، ވިދާޅުވަމުން ގެންދެވީ ތިމަންނަ ކުރިމައްޗެއް ނުލައްވާނަމޭ، އެއީ ފުރަތަމަ ވިދާޅުވި އެއްޗަކީ، ހަނދުމަފުޅު މިއަދު ހުރި މީހަކު ހުރީ ނެތް މީހަކު ނެތީ، ތިމަންނަ ހުންނާނީ ޕާޓީގެ ޗެއާ މަން، ޗެއާ ޕާސަންގެ މަގާމުގައި ތިމަންނަ ކުރިމަތިލާކަށް ގަސްދެއް ނުކުރައްވަމޭ، އެކަމަކު އެންމެ ފުރަތަމަ އެކަމަށް ހިނގައިގަތީ ވެސް އޭނަ، ކުރިމަތިލާން، މުނައްވަރުމެން އެމްޑީޕީއިން ބޭރުކޮށްލި ގޮތް އަޅުގަނޑުމެންނަށް އެނގޭ ވަރަށް ރަނގަޅަށް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމެރީ 2008 ވަނަ އަހަރު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ ވެސް މަކަރު ހައްދަވައިގެން ކަމަށާއި އެ އިންތިހާބުގައި ހަރަކާތްތެރިވި މީހުންނަށް ރައީސް ނަޝީދު ނުފޫޒު ފޯރުވި ކަމަށެވެ. ރައީސް ނަޝީދު ކަންކަމުގައި އަމަލުކުރައްވާ ގޮތާއި މަގުސަދު ވަރަށް ބޮޑަށް އެނގޭ ކަމަށާއި ކުރިއަށް ނެރޭނީ އަމިއްލަ ފައިދާ ކަމަށް ވިދާޅުވި އެވެ. އެއީ، ކުރިން ވެސް ފެނި ބާވެފައިވާ ފިލްމެއް ކަމަށް އުމަރު ވިދާޅުވި އެވެ.

"މި ފިލްމް މިއީ އަޅުގަނޑުމެން ބަލާ ނިންމާފައިވާ ފިލްމެއް، 2007 ގައި މި ފިލްމް އަޅުގަނޑުމެން ބެލިން، ޖަމީލުމެންނަށް އަލީ ވަހީދުމެންނަށް މި ފިލްމް ނުފެނި އޮވެދާނެ، ތި ކޯލިޝަނުގައި މިހާރު ތި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެ ފިލްމް ފެނުނު މީހެއް ނެތް، އަދާލަތު ޕާޓީގެ އިސް ބޭފުޅުންނަށް ވެސް އެ ފިލްމް ފެނިފައި އޮންނާނީ އަދި އަލީ ޒާހިރުމެންނަށް ފެނިފައި ނެތް ނަމަވެސް، އެހެންކަމުން މިއަދު އެ ދައްކާ ފިލްމު ނިމޭއިރު އަންނި މީގެ ކުރި ހޯދާނީ، އޭގެން އެންމެން ބޭރުކޮށްފައި ފޮނި މީރުކަން ދަމައިގަންނާނީ، މި ކޯލިޝަނެއް ވޯކެއް ނުކުރާނެ،" އުމަރު ވިދާޅުވި އެވެ.

ސަރުކާރަށް ޗެލެންޖްކޮށް އުފައްދާފައިވާ އަދި ހިޔަނި ކެބިނެޓެއް ވެސް އެކުލަވާލާފައިވާ "މޯލްޑިވްސް ޔުނައިޑެޓް އޮޕްސިޝަން"ގެ ނަމުގައި މިއަދު އެކުލަވާލި އިދިކޮޅު އިއްތިހާދު އުމަރު ސިފަކުރެއްވީ "ކޮސްމެޓިކެއް"ގެ ގޮތުގަ އެވެ. ނުވަތަ ބޭރުފުށަށް ދައްކާލާ ދަޅައެއްގެ ގޮތުގަ އެވެ.

އުމަރު ވިދާޅުވީ، ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ރައީސް ނަޝީދަށް ދެން ރާއްޖޭގެ ވެރިކަމަށް ނާދެވޭނެ ކަމަށެވެ. ރައްޔިތުންނަށް ރައީސް ނަޝީދުގެ އަސްލު ސިފަ މިހާރު ފެނިފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، ރައީސް ނަޝީދު ފަހަތުން އެއްވެސް އިހުލާސްތެރިޔަކު ނުދާނެ ކަމަށާއި ރައީސް ނަޝީދު ފެއިލްވާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.