ހަބަރު

ތިނަދުއަށް ސިޓީއެއްގެ ދަރަޖަދީ އެ ރަށް ތަރައްގީ ކުރަނީ

  • މިހާރުވެސް އެރަށުގެ އާބާދީގައި 10،000 މީހުން
  • އެ ރަށުގެ ބިން ހިއްކަނީ އިތުރު މީހުން އާބާދު ކުރަން
  • ބޮޑެތި ޕްރޮޖެކްޓްތައް އޮގަސްޓްގެ ކުރިން ނިންމާލަނީ

-- ގދ. ތިނަދޫ އިން އައިޝަތު މާހާ --

ވެރިރަށް މާލެއިން ފެށިގެން އާބާދީ ބޮޑެތި ރަށްތައް ސިޓީއަކަށް ބަދަލުކުރަން މީގެ ހައެއްކަ އަހަރު ކުރިން އޭރުގެ ސަރުކާރުން ކުރަން ފެށި ކަމެކެވެ. ތޮއްޖެހިގެން ބަންޑުންދާން ކައިރިވެފައި އޮތް މާލެ ސިޓީއަކަށް ބަދަލުކުރުމަށްފަހު އައްޑޫވެސް މިވަނީ ސިޓީއަކަށް ބަދަލުކޮށްފަ އެވެ. މިހާރު ސަރުކާރުގެ އަމާޒަކީ ގދ. ތިނަދޫވެސް ސިޓީއަކަށް ބަދަލުކޮށްލުމެވެ.

ތިނަދޫގައި 55 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހްކޮށްދެއްވަމުން ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވީ ތިނަދޫއަކީ ސިޓީއަކަށް ހެދޭނެ ރަށެއް ކަމަށާއި ތިނަދޫ ސިޓީއަކަށް ވުމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މޯލްޑިވްސް ގޭސްއިން މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ގޭސް ސްޓޮކޮށްފައި ބެހެއްޓުމަށް، ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ. ތިނަދޫގައި ވެސް ގޭސް ޕްލާންޓް އަޅަން ހަމަޖެހިފައިވާ ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް މިނިސްޓަރުވަނީ އެވާހަކަ ތަކުރާރު ކުރައްވާފަ އެވެ.

މިކަމާ ބެހޭގޮތުން މިނިސްޓަރު މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ތިނަދޫގައި އެހާބޮޑު ސަރަހައްދެއް ހިއްކުމުގެ ބޭނުމަކީވެސް ސިޓީއަކަށް މީހުން ހަމަވާންޖެހޭ ވަރަށް މީހުން އަބާދު ކުރަން ކަމަށެވެ.

"މިވަގުތަށް ބަލާއިރުވެސް ތިނަދޫގައި 10،000 ހާސް މީހުން އެބަ ދިރިއުޅޭ، އަރާފައިބާ މީހުންގެ އަދަދުވެސް ދެހާސް ތިންހާހަށް އަރާ، މިހާރުވެސް 10،000 މީހުން އެބައުޅޭ، ތިނަދޫ މިހާރަށްވުރެ ބޮޑު ކުރީމަ އާބާދީވެސް އިތުރުވާނެ. އޭރުން އަޅުގަނޑުމެންނަށް އެ ރަށް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

ތިނަދޫ ސިޓީއަކަށް ހަދަން މަސައްކަތް ކުރަމުންދާއިރު ބޮޑެތި އެތައް މެގަ ޕްރޮޖެކްޓްތަކެއް މި ރަށުގައި އެބަ ކުރިއަށް ގެންދަމުންނެވެ. ގޭސް ޕްލާންޓް އަޅަން ބިން ހަވާލުކޮށްފައިވާއިރު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ އެވެ. އަދި މީގެ އިތުރުން 120 ފްލެޓްގެ މަސައްކަތްވެސް ހަލުވި ސްޕީޑެއްގައި ކުރިއަށް އެބަގެންދެ އެވެ. އެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. މަގުތަކުގައި ތާރު އެޅުމުގެ ޕްރޮޖެކްޓްވެސް ކުރިއަށް ދަނީ އެވެ. އަދިވެސް އިތުރު އެތައް ޕްރޮޖެކްޓެއް ފަށއިގެން ހަލުވި ދުވެއްޔެއްގައި ދަނީ ކުރިއަށެވެ.

ޖިހާދު ވިދާޅުވީ ތިނަދޫ ސިޓީއަކަށް ހަދަން ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްފައި އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ނިސްބަތުން ބޮޑު ބަނދަރެއް އެބައޮތެވެ. ތިން ސްކޫލްގައި ކިޔަވައިދެމުންދާއިރު ޔުނިވާސިޓީގެ ބްރާންޗްތައް އެބަހުއްޓެވެ. ހިއްކާ ސަރަހައްދުގައިވެސް އިތުރު ސްކޫލްތައް އަޅަން ވަނީ ޕްލޭންގައި ހިމަނައިފަ އެވެ. ބޮޑެތި ބޭންކުތަކުގެ ބްރާންޗްތައްވެސް އެބަހުރި ކަމަށެވެ. އިތުރު ފުޓުބޯޅަ ދަނޑަކާއި ސްޕޯޓްސް ކޮމްޕްލެކްސް އަޅަންވެސް ވަނީ ނިންމާފަ ކަމަށް ޖިހާދު ވިދާޅުވި އެވެ. އިސްލާމިކް ސެންޓަރެއް ގާއިމްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. ހެރިޓޭޖް ޕާކެއްގެ މަސައްކަތް ވެސް މި ރަށުގައި ކުރިއަށް އެބަދެ އެވެ. ކަޅުވަކަރު މިސްކިތް ވެސް ތިނަދޫއަށް ގެނައުމުގެ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ވެސް ގިނަ ޕްރޮޖެކްޓްތަކެއް ތިނަދުއަށް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހުރިހާ ދިމާއަކުން ބެލިޔަސް ރާއްޖޭގެ ނިސްބަތުން ސިޓީއަކަށް ހަދަން ބޭނުންވާ ވަސީލަތްތައް ގާއިމްވެފައި އެބަހުރި. 2018 އަށް ހުރިހާ ޕްރޮޖެކްޓެއް ނިމޭނެ، މިހާރު ފަށާފައި ހުރި ޕްރޮޖެކްޓްތަކަށް ރައީސް ދެއްވާފައި އޮތް ޑެޑްލައިނަކީ 22 އޮގަސްޓަށް ހުރިހާ ޕްރޮޖެކްޓެއް ނިންމުން. ނިމިއްޖެ ކަމަށް ވަންޏާ ސިޓީއަކަށް ބޭނުންވާ ހުރިހާ ވަސީލްތަތައް ގާއިމްކުރެވުނީ. ތިނަދޫގައި އެދަނީ ސިޓީއެއްގެ ސިފަ ޖެހެމުން،" ޖިހާދު ވިދާޅުވި އެވެ.

މިހުރިހާ ވަސީލަތެއް ހުއްޓަސް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިއީ މި ރަށުގެ ރައްޔިތުން ކުރާ ބޮޑު ސުވާލެކެވެ. މި ސުވާލުގެ ޖަވާބުގައި ޖިހާދު ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ދިނުމުން އެ ރަށުގެ ތަރައްގީ އިތުރަށް މެކުހަށް ޖެހޭނެ ކަމަށެވެ. އަދި އެ ރަށަށް ބަލައިލުމުން ވެސް ސިޓީއެއްގެ ނަލަކަން ފެންނަން ފަށާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޖިހާދު ވިދާޅުވީ ތިނަދޫގައި ފަށާފައި ހުރި އަދި ފަށަން ނިންމާފައި ހުރި ޕްރޮޖެކްޓްތަކަކީ ތިނަދޫ ސިޓީއަކަށް ހަދަން އަމާޒުކޮށްގެން ރާވާފައި ހުރި ޕްރޮޖެކްޓްތަކެއް ކަމަށެވެ.

ރަށު ކައުންސިލުންވެސް މަސައްކަތް ކުރަނީ ސަރުކާރަށް އެއްބާރުލުން ދީގެން ތަރައްގީގެ ވީހާވެސް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށް މިނިސްޓަރު ފާހަގަ ކުރައްވަ އެވެ.

"އަޅުގަނޑުމެން ތަރައްގީގެ އެއްވެސް މަޝްރޫއަކަށް ހުރަހެއް ނާޅަން. އަބަދުވެސް މަސައްކަތް ކުރަނީ ރަށުގެ ތަރައްގީއަށް އިތުރު ޕްރޮޖެކްޓްތައް ގެންނަން. ސަރުކާރުން ބޭނުންވާ ގޮތަށް އަޅުގަނޑުމެން ކަންތައްތައް ކުރިއަށް ގެންދާނީ. އަޅުގަނޑުމެންވެސް ބޭނުންވަނީ ތިނަދޫ އަކީ ސިޓީއަކަށް ހަދަން" ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އައްސަދު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްތައް ނިމި 2018 ގެ ކުރިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދޭނެ އެވެ. މި ރަށުގެ ރައްޔިތުންނަށް މިއީ އަނެއްކާ ވެސް އުފަލުގެ ކޮޅެއްނެތް ރަނގަޅު ހަދިޔާއެކެވެ.