ބޮލީވުޑް

ކަރީނާ ކަޕޫރު ވެސް ބަނޑުބޮޑު؟

Jun 2, 2016
1

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާ، ކަރީނާ ކަޕޫރު ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ދެ ހާސް ބާރަ ވަނަ އަހަރު އެކްޓަރު ސައިފް އަލީ ޚާން އާއި ކައިވެނިކުރި ކަރީނާގެ ބަނޑަށް މިހާރު ތިން މަހާއި ބައި ވެފައިވާ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެ އެވެ.

މި ހަބަރުތައް ގެނެސްދީފައިވާ ބޮލީވުޑްގެ ނޫސްތަކުގައިވާ ގޮތުން ކަރީނާގެ ގާތް ފަރާތްތަކުން ވަނީ އޭނާ ބަނޑުބޮޑުކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ކަރީނާ ބަނޑުބޮޑު ކަމަށް ދެކޭ ވާހަކަތަކާ ގުޅޭގޮތުން އެއާއިލާގެ ފަރާތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަހުން ފެށިގެން ލަންޑަނުގައި ޗުއްޓީ ހޭދަކުރުމަށްފަހު އަންގާރަ ދުވަހު ސައިފް އާއި ކަރީނާ އެނބުރި އިންޑިއާއަށް އައިސްފައިވާއިރު، ބުނެވޭ ގޮތުގައި މިދެތަރިން ލަންޑަނަށް ގޮސްފައިވަނީ ކަރީނާ ބަނޑުބޮޑުވުމުން ހިތްހަމަޖައްސާލައި އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ.

ސައިފް އާއި ކައިވެނިކުރި ފަހުން ކަރީނާ ވަނީ އެކި މަޖައްލާތަކަށް އިންޓަވިއު ދެމުން، ކައިވެންޏަށް ދެތިން އަހަރުވުމުން ދަރިއަކު ހޯދުމާ މެދު ވިސްނާނެ ކަމަށް ބުނެފަ އެވެ. އަދި މި އަހަރުގެ އެޕްރީލް އެކެއް ގައި ރިލީޒްވި "ކީ އެންޑް ކާ" އަށް ފަހު ކަރީނާ އަށް ފިލްމުތަކުން ހުށަހެޅުން ލިބެމުން އައި ނަމަވެސް އެއްވެސް ފިލްމެއް ކުޅެން އަދި އެއްބަސްވެފައި ނުވާ ކަމަށްވެ އެވެ.

މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވެސް ކަރީނާ ވަނީ ދަރިން ހޯދަން ބޭނުންވާ ކަމަށާއި ކުއްޖަކު ލިބޭ ފަހުން ވެސް އޭނާ ފިލްމު ކުޅުން ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ.

ކަރީނާ ބަނޑުބޮޑު ކަމުގެ ވާހަކަތައް ގަދަޔަށް ދެކެވެމުން އަންނައިރު، ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތް ވެސް އިނީ ބަލިވެ އެވެ.

ސައިފް މީގެކުރިން ކައިވެންޏެއްކޮށް ދެ ކުދިން ވަނީ ލިބިފަ އެވެ. އެއީ ސާރާ އާއި އިބްރާހީމް އެވެ.