އުމަރު ނަސީރު

އަދީބުގެ ކޮރަޕްޝަންގެ ތަހުގީގުތައް ހުއްޓުވީ އޭރުގެ ކޮމިޝަނަރު ވަހީދު: އުމަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނެވިއިރު ހިންގެވި ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުއްވި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އެހެން ނަމަވެސް އެ ތަހުގީގުތައް ހުއްޓުވީ، ސީދާ އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު ކަމަށް އުމަރު ވިދާޅުވި އެވެ.

"އަވަސް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ވިދާޅުވީ، ސަރުކާރާއި ޝަރުއީ ދާއިރާގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް އެބަ ހުރި ކަމަށެވެ. ހަމަ އެގޮތަށް މީޑިއާ އާއި އެހެން ވެސް ދާއިރާތަކުގައި ކޮރަޕްޝަން އެބަ އޮތް ކަމަށެވެ. ސަރުކާރުން މިހާރު ކުރާ މަސައްކަތްތަކީ ކޮރަޕްޝަން އޮތް މިންވަރު ކުޑަކުރުން ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތުތަކެއް އެންމެ ބޮޑަށް ސަރުކާރަށް އަމާޒުވީ އަދީބާ ގުޅިގެން ކަމަށެވެ.

އުމަރު ވިދާޅުވީ، އަދީބު ސަރުކާރުން ވަކިކޮށް އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފެށުމުން ކޮރަޕްޝަން މަދުވެފައިވާ ކަމަށެވެ.

"އެންމެ ބޮޑަށް ސަރުކާރާމެދު ކޮރަޕްޝަންގެ އެލިގޭޝަން އައީ އަދީބާ ބެހޭ ގޮތުން، އޭނާ މިހާރު އެހުރީ ހައްޔަރުކުރެވިފައި، އޭނާގެ ކޮރަޕްޝަން މައްސަލަތައް ބަލަމުން މިދަނީ، އޭނާގެ ކޮރަޕްޝަން މައްސަލަތަކެއް ހުރި އެއީ އެއްވެސް ސުވާލެއް ނެތް ކަމެއް، އެކަމަކު މިހާރު އޭރަށްވުރެ ރަނގަޅުވާނެ،" އުމަރު ވިދާޅުވި އެވެ. ކޮރަޕްޝަނާ ދެކޮޅަށްކުރާ މަސައްކަތުގައި ބޭނުންވާ ހިސާބަށް އަދި ނުދެވޭ ކަމަށާއި ބޭނުންވަނީ ވަކި މީހަކަށް ނުބަލާ ކޮރަޕްޝަނާ ދެކޮޅަށްކުރާ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މިނިސްޓަރަކު މިނިސްޓަރެއްގެ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރު!

އުމަރު ވިދާޅުވީ، ކޮރަޕްޝަނަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ކޮރަޕްޝަންގެ އަމަލު ހިންގާ ކޮންމެ ފަރާތެއް ވެސް މައްސަލަ ވެސް ބެލުމަށް ފަސް ނުޖެހޭނެ ކަމަށެވެ. އެއްވެސް މީހެއްގެ މައްސަލަ ބެލުމަށް ޖެހިލުންނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އަދީބު، ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނެވިއިރު އޭނާގެ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުއްވި ކަމަށެވެ. އެކަން އެންގީ ލިޔުމަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އުމަރު ވިދާޅުވީ، އެއްވެސް މިނިސްޓަރަކު އަނެއް މިނިސްޓަރެއްގެ މައްސަލަ ތަހުގީގުކުރުމަށް މީގެކުރިން ރާއްޖޭގައި އަންގާފައިނުވާ ކަމަށެވެ.

"އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު އަޅުގަނޑު އެންގިން ފުލުހުންނަށް އޭނާގެ މައްސަލަ ތަހުގީގުކުރަން، ލިޔުމަކުން އަޅުގަނޑު އެންގީ ތަހުގީގުކުރާށޭ، އެއްވެސް ވަޒީރަކަށް ނުކުރެވޭނެ މީގެކުރިން ރާއްޖޭގެ ތާރީހުގައި ވެސް ނެތް އެއް ވަޒީރަކު އަނެއް ވަޒީރަކު ތަހުގީގުކުރުމަށް އަންގާފައެއް، އެންޑް އައިއޭމް ދަ ފަސްޓް ޕާސަން، އެންޑް އައި ހޭވް ޑިޓާމިން ޓު ފައިޓް، އަޅުގަނޑާ ހަމައަށް މައްސަލައެއް އައިސްފިނަމަ އެ މައްސަލައެއް ތަހުގީގުކުރާނަން،" އުމަރު ވިދާޅުވި އެވެ.

މައްސަލަ ހުއްޓުވީ ހުސެއިން ވަހީދު!

ތަހުގީގުކުރުމަށް ފުލުހުންނަށް އުމަރު އެންގެވި އަދީބުގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރެވިފައެއް ނުވެ އެވެ. އުމަރު ވިދާޅުވީ، އެ މައްސަލަ ތަހުގީގު ނުކޮށް ދޫކޮށްލުމަށް އެންގީ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ކަމަށެވެ.

ހުސެއިން ވަހީދަކީ ފުލުހުންގެ ތެރެއަށް އިންތިހާއަށް އަދީބުގެ ނުފޫޒު ފޯރާފައިވާއިރު ސީޕީކަމުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ލޯންޗުކޮޅުގައި އެއްޗެއް ގޮވުމަށްފަހު "ފަޅާއެރި" ކަންތައްތަކަށްފަހު ހުސެއިން ވަހީދު ވަނީ މަގާމުން ދުރުކޮށްފަ އެވެ.

އަދީބާ ޒާތީ ކަމެއް ނެތް!

އަދީބާއި އުމަރު ފެނިގެން ދިޔައީ ވަރަށް ވެސް ވާދަވެރި ދެ ބޭފުޅުންގެ ގޮތުގަ އެވެ. އަދީބާ ކިތަންމެ ވާދަވެރި ނަމަވެސް އަދީބާ އެއްވެސް ގުޅުމެއް އަދި ޒާތީ ކަމެއް ވެސް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، އަދީބަކީ އެއް އިރެއްގައި ވެސް ރަހުމަތްތެރި ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރަކަށް އެންމެ ފުރަތަމަ އަދީބު ގެންނަން މަސައްކަތްކުރުމުން އެކަމާ ވެސް އުމަރު ދެކޮޅު ހައްދަވާފައިވެ އެވެ. އުމަރު ވިދާޅުވީ، އެ މަގާމަށް އަދީބު އުމުރުން ޅަ ކަމަށް އޭރު ވިދާޅުވެ، އެ މައްސަލައިގައި ވަރަށް ވަރުގަދަ ޕީޕީއެމްގެ ތެރޭގައި ވަކާލާތުކޮށް ބޮޑެތި ބަހުސްތައް ވެސް ހިނގި ކަމަށެވެ. އަދި އަދީބު ޕީޕީއެމްގެ ނައިބު ރައީސްކަމަށް އަންނަން ވެސް މަސައްކަތް ކުރެއްވި އިރު އެކަމަށް ތާއީދު ނުކުރެއްވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދީބު ހިތްޕުޅު ހަމަޖެހިވަޑައި ނުގަތީ އެކަމާ ގުޅިގެން ކަމަށް ވެސް އުމަރު ހާމަކުރެއްވި އެވެ.

"ވަހީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި އޭނާ ގެންނަން މަސައްކަތްކުރުމުން އަޅުގަނޑު ދެކޮޅު ހެދިން، ޕީޕީއެމްގައި އަޅުގަނޑު ދެންނެވިން އޭނާއަކީ އެ މަގާމަށް މާ ޅަ ކުއްޖެކޭ، އެހެންވީމަ އަޅުގަނޑު އެކަމާ ދެކޮޅު ހަދާ ވަރަށް ބޮޑެތި ބަހުސްތައް ވެސް ކުރެވުނު،" އުމަރު ވިދާޅުވި އެވެ.