ހަބަރު

އިދިކޮޅު އިއްތިހާދު ބަލައެއް ނުގަންނަން: ޕީޕީއެމް

Jun 2, 2016
10
  • އެއީ ގާނޫނުން ބޭރުން އުފެއްދި ހަރަކާތެއް
  • މަގުސަދަކީ ޒާތީ ކަންތައްތަކެއް ހާސިލް ކުރުން
  • ޅީޑަރުން އެނބުރި ގައުމަށް އައުމަށް ގޮވާލި

އިދިކޮޅު ސިޔާސީ ލީޑަރުން އެކުވެގެން އުފައްދާފައިވާ އިދިކޮޅު އިއްތިހާދު، ޔުނައިޓެޑް އޮޕޮޒިޝަން ބަލައިނުގަންނަ ކަމަށާއި އެ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ވެރިކަން ކުރާ، ޕީޕީއެމް އިން މިއަދު ގޮވާލައިފި އެވެ.

އިނގިރޭސިވިލާތުގައި އިއްޔެ އިއުލާން ކުރި ޔުނައިޓެޑް އޮޕޮޒިޝަނާ ގުޅޭ ގޮތުން ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒިންމާދާރު ކަމާ އެކު އިދިކޮޅު ހަރަކާތްތައް ހިންގުމަށް އެ ޕާޓީ އިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އެހެން ނަމަވެސް ބޭރުގެ އެކި ފަރާތްތަކުގެ އެހީ އާއި މަދަދު ހޯދައިގެން ރާއްޖޭގެ މަސްލަހަތު ނަގާލުމަށް ގާނޫނާއި ގަވާއިދުތަކުގެ ބޭރުން އިދިކޮޅު އިއްތިހާދެއް އުފައްދައި، ހަރަކާތްތަކެއް ހިންގުމަކީ ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އިގްތިސާދަށާއި އިސްތިގުލާލަށް ވެސް އެކި ކަހަލަ ގެއްލުންތައް ލިބި، އާންމުންނަށް އޭގެ ނިކަމެތިކަން ފޯރަފާނެތީ އެ ޕާޓީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"... ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީ އާއި މަދަދު ހޯދައިގެން، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް، ރާއްޖޭގެ މަސްލަހަތު ނަގާލުމުގެ މަގްސަދުގައި އިދިކޮޅު އިއްތިހާދެއް އުފައްދަވައިގެން ހަރަކާތްތެރިވުމަކީ މިޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ލީޑަރަކަށް އިސްހުންނަވައިގެން އުފެއްދެވި ޔުނައިޓެޑް އޮޕޮޒިޝަންގެ ނައިބު ލީޑަރަކީ އެމްޑީޕީގެ ޗެއާޕާސަން އަލީވަހީދެވެ. ދެން އެޑްވައިޒަރުންގެ ގޮތުގައި ހިމެނެނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. އެ ކޯލިޝަންގެ ކުރީގެ ނައިބު ރައީސް އަދީބުގެ ފަރާތުން ވެސް މަންދޫބެއް ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމް އިން ބުނީ، މިއީ ވަކި ބައެއްގެ ޒާތީ މަގުސަދުތަކެއް ހާސިލް ކުރުމަށް ހިންގޭ ޑިމޮކްރަސީގެ ރޫހާ މުޅިން ހިލާފުކަމެއް ކަމަށެވެ. އަދި ގައުމުން ބޭރުގައި ތިއްބެވި އިދިކޮޅު ލީޑަރުން އެނބުރި ގައުމަށް ވަޑައިގެން ޒިންމާދާރު ކަމާ އެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް ދައުވަތު ދޭ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.

ޔުނައިޓެޑް އޮޕޮޒިޝަން އިން އިއްޔެ ވަނީ ރިޔާސީ އިންތިހާބުގެ ކުރިން އިންތިގާލީ ސަރުކާރަކަށް ގޮވާލައި، އެ ސަރުކާރުގެ ހިޔަނި ކެބިނެޓް ވެސް އިއުލާންކޮށްފަ އެވެ.