ވިޔަފާރި

20 އަށްވުރެ ގިނަ ސްޓޯލާއެކު އެފްއެންބީ ޝޯ ފަށައިފި

Jun 2, 2016
  • ފެއާ ނިމޭނީ ހޮނިހިރު ދުވަހު
  • އާއްމުންނަށް ވަނީ ހުޅުވާލާފަ
  • ފެއާ ރޭގަނޑު 11 އަށް ހުޅުވިފައި ހުންނާނެ

ކެއުމުގައި ބޭނުންކުރާ ސާމާނާއި އާލާތްތައް ވިއްކާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖް (އެފްއެންބީ) ޝޯ ވިއްސަށް ވުރެ ގިނަ ސްޓޯލާއެކު މިއަދު ފަށައިފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގައި ކެއިން ބުއިމުގެ ހިދުމަތް ދޭ 20 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެފައިވެ އެވެ. މީގެ ތެރޭގައި ރާއްޖެ އަށް މުދާ އެތެރެކުރާ ގިނަ ކުންފުނިތަކެއް ހިމެނެ އެވެ.

"އެފްއެންބީ ޝޯ 2016" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖެ ފަދަ ފްރީމާކެޓް އިކޮނޮމީއެއް އޮންނަ ގައުމެއްގައި މިފަދަ ފެއާތައް މުހިންމު ކަމަށެވެ.

"ރާއްޖެ ފަދަ ޓޫރިޒަމް މާކެޓަކަށް މިއީ ވަރަށް މުހިންމު ފެއާއެއް،" އުމަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ ފެއާތަކެއް އިންތިޒާމު ކުރަމުން ގެންދާ ހައިރައިޒް އިން ބުނީ މިފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތެއް ނަގައި ގިނަ އިނާމު ތަކެއް ލިބޭނެ ކަމަށެވެ. މި ފެއާއަށް ޒިޔާރަތް ކުރުމުގެ ލިބޭ އިނާމުތަކުގެ ތެރޭގައި އުނދުން، މިކްސްޗަރު އަދި ފެއާގެ ޕާޓްނަރު ކޮކާކޯލާގެ ފަރާތުން ކޮންމެ ދުވަހު ފަސް ކޭސް ކޮކާކޯލާ ލިބޭނެ އެވެ.

"އެފްއެންބީ ޝޯވް" ހުޅުވިފައި ހުންނާނީ ދެވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު މެންދުރު ފަހު ދޭކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން 11 އަށެވެ. އަދި ތިންވަނަ ދުވަހު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން 11 އަށެވެ.