ވިޔަފާރި

އިންޝްއަރެންސްގެ ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ހުއްދަ ދީފި

Jun 2, 2016

އިންޝްއަރެންސްގެ ހިދުމަތުގެ ވިޔަފާރި ކުރުމުގެ ހުއްދަ ދިވެހި އިތުރު ކުންފުންޏަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދީފި އެވެ. މިފަހުން ވެސް ވަނީ ސޮލަރެލް ކިޔާ ކުންފުންޏަކަށް ވެސް އިންޝްއަރެންސްގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފަ އެވެ.

އެމްއެމްއޭ އިން ބުނީ އިންޝްއަރެންސްގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ދިވެހި އިންޝްއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. އަދި އެ ކުންފުނިން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ދޭން ޖެހޭނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނި ގޮތުގައި، އިތުރު ކުންފުންޏަކަށް އިންޝްއަރެންސް ހިދުމަތް ދިނުުމުގެ ހުއްދަ ދޫކުރަން އެމްއެމްއޭ އިން ނިންމީ، އެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކޮށް އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޭނުންވާ އިންޝްއަރެންސް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ދިނުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އަދި އިތުރު އިންޝްއަރެންސް ކުންފުނިތަކަށް ފުރުސަތު ދިނުމުގެ ސަބަބުން އެ ވިޔަފާރި ފުޅާވެ ތަރައްގީ ވެގެން އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މިހާރުވެސް ރާއްޖޭގައި ފަސް ކުންފުންޏަކުން އިންޝްއަރެންސްގެ ހިދުމަތް ދެމުން އާދެ އެވެ. ޗަމްޕާ އާއިލާގެ ހިއްސާ އޮންނަ ޓްރީޓޮޕް އިންވެސްޓްމަންޓާއި ސްރީލަންކާގެ ބޭންކެއް ގުޅިގެން ރާއްޖޭގައި ބޭންކެއް އުފެއްދުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.