ރައީސް އަބްދުﷲ ޔާމީން

ރައީސް ހައްޔަރުކުރަން ސީޕީ އަރީފް އުޅުއްވިކަމުގެ ތުހުމަތު!

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް ކްރިމިނަލް ކޯޓުގައި މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އެދެނު ކަމަށް ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

ފޭކް ކޯޓު އަމުރެއް ނެރެ ރައީސް ހައްޔަރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހުތާޒު މިރޭ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ސީޕީ އަރީފް، ރައީސް ހައްޔަރުކުރުމަށް އެދި ކޯޓު އަމުރަކަށް އެދިފައިވާ ކަމަށެވެ. އެއީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހުންނެވިއިރު ކަމަށް މުހުތާޒު ވިދާޅުވި އެވެ.

މުހުތާޒު ވިދާޅުވީ، އެ އަމުރަށް އެދިފައިވަނީ ވެސް އަދި އަމުރު އަނބުރާ ގެންދިޔުމަށް އެދިފައިވަނީ ވެސް އަބްދުﷲ ގާޒީއަށް ސީޕީ އަރީފް ގުޅުއްވައިގެން ކަމަށެވެ. އޭރު އަރީފް ހުންނެވީ ޑެޕިއުޓީ ސީޕީގެ މަގާމުގަ އެވެ.

މުހުތާޒު ވިދާޅުވީ، ކުރިން އެނގިފައި އޮތް ގޮތުގައި އެ އަމުރު ނެރުމަށް މަސައްކަތްކުރީ ޑެޕިއުޓީ ސީޕީ އަހުމަދު ސައުދީ ކަމަށެވެ. އެކަން ސާފުކުރުމަށް ސައުދީގެ ނަން ހެއްކެއްގެ ގޮތުގައި ވެސް މުހުތާޒު ހުށަހަޅާފައިވެ އެވެ. ނަމަވެސް ސައުދީ ވަނީ ހެކި ބަސް ދިނުމަށް އިންކާރުކޮށްފަ އެވެ.

މުހުތާޒު މިރޭ އިތުރަށް ވިދާޅުވީ، ކުރިން އެނގިފައި ނެތް ނަމަވެސް މިހާރު މައުލޫމާތު ލިބޭ ގޮތުގައި ރައީސް ހައްޔަރުކުރަން ކޯޓު އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ސީޕީ އަރީފް ކަމަށެވެ. ހެއްކެއްގެ ގޮތުގައި ސީޕީ އަރީފްގެ ނަން ހުށަނޭޅީ އޭރު އެކަން ނޭނގޭތީ ކަމަށެވެ.

މުހުތާޒު މިހެން ވިދާޅުވެފައިވާއިރު، މިރޭ ހެކި ބަސް ދިން ސިއްރު ހެކިވެރިޔަކު ވަނީ ރައީސް ހައްޔަރުކުރަން މާލޭ ކޯޓަކުން ކޯޓު އަމުރެއް ނެރުމަށް މަސައްކަތްކުރި ކަމަށް ބުނެ ހެކި ބަސް ދީފަ އެވެ. މާލޭ ކޯޓުތަކޭ ހެކިވެރިޔާ ބުނެފައިވަނީ ކްރިމިނަލް ކޯޓު ވެސް ހިމެނޭ ގޮތަށްތޯ ގާޒީ ސުވާލުކުރުމުން ހެކިވެރިޔާ ބުނީ "އާދެ" މިހެންނެވެ. ގާޒީ ބާރީ ވިދާޅުވީ، އެފަދަ ކަމެއްގެ މައުލޫމާތު އެބޭފުޅާއަށް ލިބިފައިނުވާ ކަމަށެވެ.

މީގެއިތުރުން ޕީޖީ މުހުތާޒާއެކު ކޯޓު އަމުރެއް ނެގުމަށް މާމިގިއްޔަށް ދިޔައީ ސީޕީ އަރީފް އަންގަވައިގެން ކަމަށް ފުލުހަކު މިރޭ ވަނީ ބުނެފަ އެވެ. އެ ފުލުސް މީހާގެ ހެކި ބަސް ނެގީ ސިއްރުންނެވެ. މުހުތާޒާއެކު މާމިގިއްޔަށް ދިޔައީ ކާކު އަންގައިގެންތޯ ހެކިވެރިޔާއާ ސުވާލުކުރެއްވުމުން އޭނާ ބުނެފައިވަނީ ސުވާލު ސާފުނުވާ ކަމަށެވެ. ނަމަވެސް އެ ދަތުރުގައި ދިޔައީ ސީޕީ އަރީފް އަންގަވައިގެން އެހުމުން އޭނާ ބުނީ "އާދެ" މިހެންނެވެ.

މުހުތާޒާއެކު މާމިގިއްޔަށް ދެ ފުލުހަކާއި އާންމު މީހަކު ގޮސްފައިވެ އެވެ. އެ ތިން މީހުން ވެސް މިރޭ ހެކި ބަސް ދީފައިވެ އެވެ. ދެ ފުލުސް މީހާ ބުނީ، މުހުތާޒުގެ ހަރަކާތްތައް ވަގުތުން ވަގުތަށް ފުލުހުންގެ އިދާރާއަށް އަންގަމުން ދިޔަ ކަމަށެވެ. އަދި މުހުތާޒާއި ނިހާން މާމިނގިލީ ކޯޓު ތެރޭގައި ލެޕްޓޮޕްކުން މަސައްކަތްތަކެއް ކުރައްވަން ތިއްބެވި ކަމަށް އެ ފުލުހުން ބުންޏެވެ.

ސްޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު މިރޭ ހެކި ބަސް ދެމުން ވިދާޅުވީ، މުހުތާޒާއެކު ފުލުހުން ދިޔައީ ރައީސް ހައްޔަރުކުރުމުގެ އޮޕަރޭޝަނެއްގައި ނޫން ކަމަށާއި، ފުލުހުން ދިޔައީ ސީޕީ އަރީފް އަންގަވައިގެން ފޭކް ކޯޓު އަމުރު ނެރެން މަސައްކަތްކުރާ ބައެއް ބެލުމަށް ކަމަށެވެ.

އެސްއޯ ފުލުހުންގެ ކޮމާންޑަރު އަހުމަދު މުސްލިމް މިރޭ ހެކިބަސް ދެމުން ވިދާޅުވީ، މުހުތާޒާއެކު މާމިގިނޔަށް ދިޔަ ފުލުހުން ފުރީ އޭނާއަށް ނޭނގި ކަމަށާއި، އޭނާ އެކަމަށް އަންގައިގެން ވެސް ނޫން ކަމަށެވެ. ނަމަވެސް ކަނޑުމަތީގައި ތިބެ މުސްލިމަށް ގުޅާ، އެކަމުގެ މައުލޫމާތު ދިން ކަމަށާއި އެ އޮޕަރޭޝަން ފެށީ ސީޕީ އަންގައިގެން ކަމަށް ފުލުހުން ބުނި ކަމަށް މުސްލިމް ވިދާޅުވި އެވެ. މުސްލިމް ވިދާޅުވީ، އެއަށްފަހުން އޭނާއަށް ވެސް އަޕްޑޭޓްތައް ލިބެމުން ދިޔަ ކަމަށެވެ.