ހަބަރު

ޔުނައިޓެޑް އޮޕޮޒިޝަންގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން މިއަދު

Jun 3, 2016
15

އިދިކޮޅު ލީޑަރުން އެކުވެ އުފައްދާފައިވާ، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ހިޔަނި ކެބިނެޓްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާނެ ކަމަށް އެ އިއްތިހާދުގެ ސްޕޯކްސްޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް އޮޕޮޒިޝަން އިއުލާންކުރުމަށް އިނގިރޭސިވިލާތުގައި ބޭއްވި ބައްދަލުވުމަށް ފަހު، އެނބުރި މާލެ ވަޑައިގެން މިއަދު އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ ޔުނައިޓެޑް އޮޕޮޒިޝަންގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން މިއަދު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ ބައްދަލުވުން އޮންނާނެ ތަނެއް އަދި ވަގުތެއް އޭނާ ވިދާޅެއް ނުވެ އެވެ.

މަހުލޫފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޔުނައިޓެޑް އޮޕޮޒިޝަނުން ވާދަކުރުމާ މެދު މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ގޮތްތަކެއް ނިންމާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުނައިޓެޑް އޮޕޮޒިޝަންގެ ކަންކަން ނިންމާނީ ކެބިނެޓަށް ހުށަހަޅައި މަޝްވަރާކޮށްގެން އަގުލަބިއްޔަތުން ކަމަށެވެ.

"އަޅުގަނޑުމެން ކެބިނެޓް ބައްދަލުވުމުގައި ކަންކަން ނިންމާނީ. އޭގެ ފުރަތަމަ ބައްދަލުވުން އޮންނާނެ މިއަދު. އޭގައި އަޅުގަނޑުމެން މަޝްވަރާ ކުރާނެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދުގައި. އެ މައުލޫމާތުތައް އަޅުގަނޑު ވަރަށް އަވަހަށް ހާމަ ކުރާނަން،" މަހުލޫފް ވިދާޅުވި އެވެ.

އިއްތިހާދުގެ ހިޔަނި ކެބިނެޓް:

  • މިނިސްޓަރ އޮފް ހޯމް އެފެއާޒް- އަޙްމަދު ތަސްމީން ޢަލީ
  • މިނިސްޓަރ އޮފް ޓްރޭޑް އެންޑް ޓްރާންސްޕޯޓު- އާދަމް އާޒިމް
  • މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ވޭސްޓް މެނޭޖްމަންޓް އެންޑް ކްލީން އެނަރޖީ- މުޙައްމަދު އަސްލަމް
  • މިނިސްޓަރ އޮފް ޖޫޑީޝަލް ރިފޯމް- އަލްއުސްތާޛާ ހިސާން ހުސައިން
  • މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ- އަަޙްމަދު ނަޝީދު
  • މިނިސްޓާ އޮފް އެޑިއުކޭޝަން- ޝިފާ މުޙައްމަދު
  • މިނިސްޓާރ އޮފް ފައިނޭންސް އެންޑް ޓެރެޜަރީ- މުޙައްމަދު ޝިހާބު
  • ޑިފެންސް މިނިސްޓަރު- ޢަބްދުﷲ އަމީން
  • މިނިސްޓާރ އޮފް ހަޔާ އެޑިއުކޭޝަން- މުސްތަފާ ލުތުފީ
  • ޔޫތު އެންްޑް ސްޕޯޓްސް މިނިސްޓަރު- މުހައްމަދު ޝިފާޒް
  • އިސްލާމިކް މިނިސްޓަރު- ޑރ. އަބްދުލް ޖަމީލް އަބްދުލް ބާރީ
  • ސިވިލް ރައިޓްސް މިނިސްޓަރު- ހަސަން ލަތީފް
  • ލޯކަލް ގަވަމަންޓް އެންޑް ޑީސެންޓްރަލައިޒޭޝަން މިނިސްޓަރު- ގައިސް ނަސީރު
  • ހެލްތު އެންޑް ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑާ- ސިދާތާ ޝަރީފް
  • ރިސޯޓް އެންޑް ގެސްޓްހައުސް ޓޫރިޒަމް މިނިސްޓަރު- މުހައްމަދު މަލީހް ޖަމާލް
  • އިލެކްޝަން ކޮމިޝަން އެންޑް އިންޑިޕެންޑަންޓް ކޮމިޝަނާ- އަލީ ނިޔާޒް
  • ކޮންސްޓިޓިއުޝަނަލް ރީފޯމް މިނިސްޓަރު- ހުސެން ޝަމީމް
  • ގުޅިފައިވާ އިއްތިހާދު ސްޕޯކްސް ޕާސަން- އަހުމަދު މަހުލޫފް

ޖުމްލަ 18 މިނިސްޓަރަކު ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވަ އެވެ. މަހުލޫފް ވިދާޅުވީ ޔުނައިޓެޑް އޮޕޮޒިޝަންގެ އެންމެ މުހިންމު ބޭނުމަކަށް ވާނީ، އިންސާފުވެރި އެންމެންނަށް ވެސް ބައިވެރިވެވޭނެ ރިޔާސީ އިންތިހާބަކަށް މަގުފަހި ކުރުން ކަމަށެވެ. މަހުލޫފް ވިދާޅުވީ މިފަަރުގެ ހަރަކާތަކީ ވަރަށް ރޭވިގެން ތަފާތުގޮތަކަށް މި ސަރުކާރު ވައްޓާލުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އޭނާ ވިދާޅުވީ އިއްތިހާދުގައި ތިއްބެވި ބައެއް ބޭފުޅުންގެ މެދުގައި މީގެ ކުރިން ހިޔާލުތަފާތު ވުމާއި ރުޅިވެރިކަން ހުއްޓަސް، އެންމެން އެއްގަލަކަށް އަރައި އެއް ރޫހެއްގައި މަސައްކަތް ފެށީ ރައީސް ޔާމީން އަކީ އެންމެންގެ ހަތުރަކަށް ވާތީ އެ ކަމުން މި ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އިދިކޮޅު އިއްތިހާދުން ބޭނުން ވަނީ އިންތިގާލީ ސަރުކާރެއް އިންތިހާބުގެ ކުރިން އެކުލަވާލައި އެ ސަރުކާރުގެ ލީޑަރަކަށް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ހެދުން ކަމަށެވެ.

"އަޅުގަނޑުމެން އާ ހިތްވަރެއްގައި މި މަސައްކަތް މި ފެށީ. އަޅުގަނޑުމެންގެ މެދުގައި ހުރި ވެރިކަމާއި ހިޔާލުތަފާތުވުންތައް ނައްތާލައި އެކުގައި މި މަސައްކަތް މި ފަށައިގަތީ. އަޅުގަނޑުމެން މިތިބީ ވަރަށް އެކަތިގަނޑެއްގެ ގޮތުގައި. އަޅުގަނޑުމެންގެ އެންމެންގެ ކޮމަން އެނަމީ އަކީ ރައީސް ޔާމީން. އެބޭފުޅާއާ މައްސަލަ މި އޮތީ. އެހެންވެ ކޮމަން އެނަމީ ދުއްވާލަން އަޅުގަނޑުމެން މަސައްކަތް މި ފެށީ. މި ސަރުކާރު ބަދަލު ކުރަން މަސައްކަތް މި ފެށީ،" މަހުލޫފް ވިދާޅުވި އެވެ.