ހަބަރު

އިއްތިހާދުން ރައީސް ޔާމީންގެ ދުވަސްދުއްވާލާނަން: މަހުލޫފް

Jun 3, 2016
20

އިދިކޮޅު އިއްތިހާދު، ޔުނައިޓެޑް އޮޕޮޒިޝަންގެ "ކޮމަންއެނަމީ" އަކީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ކޯލިޝަނުން އެމަނިކުފާނުގެ ދުވަސް ދުއްވާލެ ކަމަށް އެ އިއްތިހާދުގެ ސްޕޯކްސްޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް އޮޕޮޒިޝަން އިއުލާން ކުރުމަށް ލަންޑަންގައި ބޭއްވި ބައްދަލުވުމަށް ފަހު މިއަދު އެނބުރި ވަޑައިގެން، އެއާޕޯޓްގައި ނޫސްވެރިނާ ވާހަކަދައްކަވަމުން ވިދާޅުވީ، އިއްތިހާދުގެ ތެރޭގައި ތިބި ހުރިހާ އެންމެން ވެސް މައްސަލަތައް ޖެހިފައި ވަނީ ރައީސް އަބްދުﷲ ޔާމީންއާ ކަމަށެވެ. އަދި އިއްތިހާދުގައި ތިބި ބޭފުންނަކީ މީގެ ކުރިން ހަތުރުންނަށްވީ ނަމަވެސް، މިތުރުންގެ ގޮތުގައި ނިކުތީ ރައީސް ޔާމީންގެ ސަރުކާރު ބަދަލުކޮށް އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"ކޮންމެ މީހަކަށް ދިމާވެފައި ހުރި މައްސަލަތަކަށް ވުރެ މުޅި ރާއްޖޭގެ މައްސަލަ އާއި ދިވެހި ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތައް މާ މުހިއްމު، އެހެންވެ އަޅުގަނޑުމެން މަސައްކަތް މި ފެށީ،" މަހްލޫފް ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެންގެ ވެސް ކޮމަންއެނަމީ އަކީ ރައީސް ޔާމީން. އެބޭފުޅާއާ މައްސަލަތައް މި އޮތީ. އެހެންވެ، އެ އެނަމީގެ ދުވަސް ދުއްވާލަން އަޅުގަނޑުމެން މި ނިކުތީ،"

މަހުލޫފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަަށް މިފަހަރު ކަންކަން ރާވާފައި އޮތީ ވަރަށް މޮޅަށް ކަމަށެވެ. އަދި މިފަހަރު މި ނިކުންނަނީ ކުރީގެ ފަހަރުތަކުން އިބުރަތް ލިބިގެން މުޅިން އާ މަސައްކަތްތަކެއްގެ ތެރެއިން ވެރިކަން ބަދަލު ކުރުމުގެ އުންމީދުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިއްތިހާދުގެ ހަރަކާތްތަކުން ވަރަށް ގިނަ އާ ކަންކަން ފެންނަމުން ދާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ފަހު، އިންތިގާލީ ސަރުކާރެއް އެކުލަވާލައި އެއަށް ފަހު އިންތިހާބެއް ބޭއްވުމަށް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި އިންތިގާލީ ސަރުކާރުގެ ރައީސްއަކަށް ވާނީ އެ ކޯލިޝަންގެ މިހާރުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި މިކަން ކުރަން ޖެހެނީ މަހުލޫފް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ބަހައްޓައިގެން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެތީ އެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ގޮތަށް ކަންކަން ރާވައި ކުރިއަށް ގެންދާނީ އެކުލަވާލާ އިންތިގާލީ ސަރުކާރުން ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"މި ނިކުންނަނީ އެންމެ އާދައިގެ މީހާއަށް ވެސް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ވޯޓްލެވޭނެ ފަދަ މާހައުލެއް އުފައްދަން. އެކަން ކުރެވޭނީ ރައީސް ޔާމީންގެ މި ސަރުކާރު ވައްޓާލައިގެން. އެކަމަށް ރައްޔިތުން އެއްބާރުލުން ދޭން އެބަ ޖެހޭ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް އަދި ވިދާޅުވީ އެ ހުރިހާ ކަމަކަށް ފަހު ގައުމަށް ހަމަޖެހޭ އުފާވެރި އަދި ޑިމޮކްރަޓިކް ވެއްޓެއް ދިވެހިރާއްޖެ އެއް ހޯދައިދެވޭނެ އެވެ.