ހަބަރު

ފައިލޭރިޔާ މުޅިން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފި

Jun 3, 2016

މަދިރިން ޖެހޭ ބައްޔެއް ކަމަށްވާ، ފައިލޭރިޔާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ، ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެ ކަނޑައަޅައިފި އެވެ.

ފައިލޭރިޔާ އަކީ ފަޔާއި ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ނާރުތައް ދުޅަވެ، ރިއްސާގޮތް ދިމާވެ އެވެ.

އެކަން އިއުލާން ކުރުމަށް ޑަބްލިއުއެޗްއޯއިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުގައި، ރާއްޖޭގެ އިތުރުން ސްރީލަންކާ އިން ވެސް އެބަލި ވަނީ ނައްތާލެވިފަ އެވެ. ރާއްޖެ އަދި ލަންކާ އަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެެރެއިން އެ ބަލިން މުޅިން ސަލާމަތްވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން އެންމެ ފުރަތަމަ އާންމު ކުރި ދެ ގައުމެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް މުޅިން ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ. އަދި މިކަމުން ވެސް ދައްކައިދެނީ އެކަމުގެ ފުރިހަމަ ހެކި ކަމެއް ވެސް އެ ޖަމާއަތުން ބުންޏެވެ. އަދި އެކަމުގައި ރާއްޖެ އާއި ލަންކާ އިން ކުރި މަސައްކަތްތަކަށް ޑަބްލިއުއެޗްއޯ އިން ވަނީ ތައުރީފްކޮށްފަ އެވެ.

އެ ކާމިޔާބާ ގުޅިގެން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ އާންމުންގެ ދުޅަހެޔޮ ކަމަށްޓަކައި ރާއްޖެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ އެކަމުގައި ލިބުނު އިތުރު ކާމިޔާބެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެތައް ހެލްތްވޯކަރުންނެއްގެ މިންނެތް މަސައްކަތެވެ.

ރާއްޖޭގައި އެންމެ ބޮޑަށް ފައިލޭރިޔާ އާންމުވެ ވަބާއަކަށްވީ، 13 ވަނަ ގަރުނު ހިސާބުގަ އެވެ. އަދި އެއަށް ފަހު ރާއްޖެއިން ފައިލޭރިޔާ ފެނިފައި ވަނީ 2014 ވަނަ އަހަރު އެވެ.