އައްޑޫ ސިޓީ

މަތިކިޅިއަށް ވަންނަން ފީއެއް ނަގަން ފަށައިފި

އައްޑޫ ސިޓީ މީދޫގެ މަތިކިޅި އިކޯ ގާޑަންއަށް ވަންނަން ފީއެއް ނަގަން ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިދިޔަ މަހު ފާސްކުރި އުސޫލުގެ ދަށުން މަތިކިޅިއަށް ވަނުމަށް ޓިކެޓް ވިއްކަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ.

އެ ގޮތުން 45 މިނެޓަށް ދިވެހިންގެ އަތުން 10 ރުފިޔާ ނަގާއިރު ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ އަތުން 15 ރުފިޔާ އަދި ޓޫރިސްޓުންގެ އަތުން 50 ރުފިޔާ ނަގަން ވަނީ ނިންމާފަ އެވެ.

އުސޫލުގައިވާ ގޮތުން މަތިކިޅި އަށް ވަނުމަށް ނަގާ ފީ ބޭނުންކުރާނީ އެތަން މަރާމާތުކޮށް ބެލެހެއްޓުމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ފާސްކުރި އުސޫލުގެ ދަށުން ހަފުލާތަކާއި ޕާޓީތައް ބޭއްވުމަށްވެސް މަތިކިޅި އިކޯ ގާޑަން ކުއްޔަށް ދޫކުރެވޭނެ އެވެ.

އެގޮތުން ކުއްޔަށް ދޫކުރެވޭނީ މަދުވެގެން ތިން ގަޑިއިރަށް ކަމަށާއި އިން ގަޑިއިރަށް މަތިކިޅި ކުއްޔަށް ދޫކުރެވޭނީ 800 ރުފިޔާއަށް ކަމަށް އުސޫލުގައިވެ އެވެ. ތިން ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 100 ރުފިޔާ ނެގޭނެ ކަމަށްވެސް އުސޫލުގައިވެ އެވެ.