ލައިފްސްޓައިލް

ކުނީގެ ގޮނޑުން ދިވެހިން ހޭލައްވާލި ވީޑިއޯ: ދަސްވީ ކޮން ކަމެއް؟

Jun 3, 2016
1

ސޯޝަލް މީޑިއާ އަށް، އިއްޔެ އިރުއޮއްސުނު ވަގުތު ބޯކޮށްޕާލިއިރު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގެންފައި ވަނީ ކުނި ކޮތަޅެކެވެ. އަމީނީ މަގުގައި އެހެރަ ފިނޭންސް ބިލްޑިންގް ކައިރިއަށް ވެއްޓިފައި އޮތް ކުނިކޮތަޅެކެވެ. ބައިސިކަލުގައި ކުނި އުފުލާ "ބަންގާޅީ" މީހަކު ފުލް ގިޔަރުގައި ދަނިކޮށް ވެއްޓުނު ކުނި ކޮތަޅަށް މާ ބޮޑު ސަމާލުކަމެއް ނުދީ ދިޔައީ އެވެ.

ކޮންމެއަކަސް މި މަންޒަރެއްވީ ވަރަށް ގިނަ ދިވެހިންގެ ބަޔަކު ރުޅިގަދަކުރުވި މަންޒަރަކަށެވެ. މަގު މައްޗަށް ކުނިއަޅައި މަގު ހަޑިކޮށްލާ މަންޒަރު ބަލައި އެތައް ސަތޭކަ ބަޔަކު ހިތާމާ ފާޅުކޮށް ސޭޑް ފޭސް ފޮނުވައި ހެދި އެވެ. އެކަމަކު އެފަދަ ހާލަތެއްގެ ހަގީގީ މަންޒަރު ނުވަތަ ބޮޑު މަންޒަރު ދައްކުވައި ދިނީ ހަގީގަތުގައި، އަމީނީ މަގަށް ވެއްޓުނު އެ ކުނިކޮތަޅެވެ.

މިއީ ސާފު މުޖުތަމައަކަށް އަދި ކުނިން ރައްކާތެރިވެފައިވާ މުޖުތަމައަކަށް މާލެ ހެދުމަށް އާންމުން ދޭ ސަމާލުކަމާއި އެއްބާރުލުން ދެނެގަތުމަށް ހިންގާފައިވާ އިޖުތިމާއީ ތަހުލީލެކެވެ. މި އެކްސްޕެރިމެންޓެއްގެ ފަހަތުގައި އޮތީ، މާލެ އާއި މާލެ ސަރަހައްދުގައި ކުނި މެނޭޖުކުރުމަށް އުފައްދާފައިވާ ކުންފުނި، ވެމްކޯ އެވެ.

އެމީހުންގެ މި ވީޑިއޯގައި އެ ފެންނަނީ، ކުނިން ފުރެމުންދާ މި މުޖުތަމައުގެ ހަގީގީ މަންޒަރެވެ. ހަގީގަތަކީ މި ބޮޑު މައްސަލައާ މެދު ކަންބޮޑުވަނީ ކޮންމެ 100 މީހަކުން އެކަކު ކަމެވެ. ވީޑިއޯގައި ފެނިގެންދާ މަންޒަރު ވެސް އެކަން ވަރަށް ބޮޑަށް ހާމަވެ އެވެ.

އެކަމަކު އެ މަންޒަރު ވީޑިއޯކޮށް، ވެމްކޯ އިން ސޯޝަލް މީޑިއާގައި އާންމުކޮށްލުމުން އޮހެން ފެށި ހިޔާލުތަކަށް ބަލާއިރު ވީޑިއޯ އިން ފެންނަ ދިވެހިންގެ އަމަލަކާ ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ބަހެއް ދިމައެއް ނުވެ އެވެ. އެންމެނަށް ވެސް އެނގެނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށް ހިތާމަފާޅުކުރާށެވެ.

ހަގީގީ ދުނިޔެ އަށް ނުކުމެ ގައުމު ނުވަތަ ތިމާވެށީގެ ހިމާޔަތުގައި ނުވަތަ ދިފާއުގައި ނުކުންނަން ބޭނުންވާ ނުވަތަ ނުކުންނަން ކެރޭ މީހުން ވަރަށް ވެސް މަދެވެ.

އެކަމަކުވެސް މި ވީޑިއޯއެއް މި ވަނީ ނިކަން ބޮޑަށް ވައިރަލްވެފަ އެވެ. ވައިރަލްވެގެން އޭގެ ވާހަކަ ދައްކަމުންދިޔައިރު ފާހަގަކޮށްލެވުނު އެހެން ކަމެއްވެސް އެބައޮތެވެ. ވީޑިއޯ އަށް ހިޔާލު ފާޅުކުރި މީހަކު ބުނެފައި ވަނީ، ކުނި އަޅައިގެން ނުވަތަ ކުނި އަޅާތީ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުނި ނަގައި މަގު ސާފު ކުރި މީހާ އަށް ތައުރީފުކޮށްލާނެ މީހަކު ވެސް ނެތް ކަމަށެވެ. އެއީ ތެދެކެވެ. އެމީހާގެ އަގު އަހަރެމެން ވަޒަންކުރާނީ ކިހިނެތް ހެއްޔެވެ؟

ހަގީގަތަކީ މިއީ އެވެ. ގައުމު މަތިން ހަނދާންކޮށް، ގައުމަށް ވަގުތުކޮޅެއް ދެވޭކަށް މިއަދުގެ ދުނިޔޭގައި އަހަރެމެންނަށް ނެތެވެ. އެކަމަކު ގައުމަށް އެ ވަގުތު ނުދީފި ނަމަ ފަހުން ގައުމުގައި ވަގުތެއް ނޯންނާނެކަން ވެސް އަހަރެމެން ހަނދާން ކުރަން ޖެހޭނެ އެވެ.

އެކަމަކު ހަގީގަތަކީ، މި ވީޑިއޯ އަށް ލިބިގެން ދިޔަ ވަރުގެ ސަމާލުކަމެއް، ރާއްޖޭގެ ކުނިބުނީގެ މައްސަލަ އަށް ހަގީގީ ދުނިޔޭގައި ނުލިބޭނެ ކަމެވެ. ވެމްކޯ އިން ފޭސްބުކްގައި ޝާއިއުކޮށްފައިވާ މި ވިޑިއޯ އަށް މިހާތަނަށް 34 ހާސް ވިއުސް ލިބިފައިވާއިރު 800 އަށް ވުރެ ގިނަ މީހުން ވީޑިއޯ ޝެއާކޮށްފައިވެ އެވެ.

އެކަމަކު ވެސް އުފެދޭ ސުވާލަކީ މިއީ އެވެ. ކުނީގެ ގޮނޑުން ދިވެހިންނަށް ހޭލެވިދާނެތޯއެވެ؟