ހަބަރު

އެމްޑީޕީގެ މާހެފުމަށް ފުލުހުން ހުރަސް އަޅައި ހުއްޓުވައިފި

Jun 3, 2016
3

އެމްޑީޕީގެ އޮފީސް ކުރިމަތީގައި ބާއްވަން އުޅުނު މާހެފުމަށް ފުލުހުން ހުރަސް އަޅައި ހުއްޓުވައިފި އެވެ.

ސޯސަންމަގު އެމްޑީޕީ އޮފީސް ކުރިމަތިން، ޕޭމަންޓް މަތީގައި މިރޭ 9:00 ގައި މޭޒުތައް އަތުރައި މާހެފުން ފެށިތަނާހެން އެސްއޯފުލުހުން އެ ސަރަހައްދަށް އައިސް އެތަނުގައި އެކަން ނުބޭއްވުމަށް ވަނީ އެދިފަ އެވެ. އެހެން ނަމަވެސް އެކަން ކުރިއަށް ގެންދަން ފެށުމުން ފުލުހުން ވަނީ އެ ސަރަހައްދަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށް މާހެފުމަށް ހުރަސް އަޅައިފަ އެވެ. އެގޮތުން ފުލުހުން ވަނީ ޕޭމަންޓް މަތީގައި ހުރި މޭޒުތައް ވެސް ފުލުހުން ގެންގޮސްފަ އެވެ.ލ ފުލުހުން ވަނީ އެސަރަހައްދުގައި ތިބި މީހުން މަޑުމަޑުން ފަހަތައް ޖައްސަން ފަށައިފަ އެވެ. އެ ސަރަހައްދުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ އިސް ލީޑަޝިޕްގެ ބޭފުޅުން ތިއްބެވި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ މާހެފުން ބޭއްވުމަށް އެހެން ތަނެއް ލިބޭތޯ ވެސް ވަރަށް ބޮޑަށް ޕާޓީ އިން މަސައްކަތް ކުރި ކަމަށެވެ. އަދި ހައުސިންއަށް ދަންވައިގެން ވެސް ދަރުބާރުގެ ވެސް ނުލިބުނު ކަމަށް އެ ޕާޓީ އިން ބުންޏެވެ. އަދި އޮފީސް ކުރިމަތީގައި މާހެފުން ބާއްވާނެކަން ފުލުހުންނަށް އެންގި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ހުރަސްއެޅުންތަކާ އެކުވެސް މާހެފުން ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އެދެނީ މިރޭ 11:00 ވަންދެން މި ހަރަކާތް ހިންގުމަށް އަޅުގަނޑުމެންނަށް ހުއްދަ ދެއްވާށޭ. އެހެން މީހުން ވެސް މަގުމަތީގައި މާހެފުން ބާއްވާ،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންނަށް އެންގުމެއް ނެތި މާލޭގެ މަގުތަކަށް އެއްވުން ވަނީ މަނާކޮށްފަ އެވެ. އަދި މަގުމަތީގައި މުޒާހަރާ ކުރާ ނަމަ ވަގުތުން ރޫޅާލާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.