މިހާރު ރައްޓެހިވެގެން އުޅޭތާ ތިން އަހަރުވީ އެވެ. ކައިވެނިކޮށް ބީޗު ވެޑިން ޕާޓީއެއް ބާއްވަންވީ އެވެ؛ ކައިވެނި ކުރަން ނިންމާ ހިސާބުން ފެށިގެން ދައްކާނީ މުޅިން ވެސް މިކަހަލަ ވާހަކަތަކެކެވެ. ޕާޓީ ބާއްވާނެ ގޮތެކެވެ. ޕާޓީގެ ކުލަ އެވެ. ކައިވެނި ކޮށްގެން އުޅޭ އެޕާޓްމަންޓުގައި ލާނެ ކުލަ އެވެ. ފަރުނީޗަރު ގަންނާނެ ތަނާއި ކުލަ އެވެ.
ހަގީގަތުގައި މިއަށްވުރެ ދެއްކުން މުހިންމު ވާހަކަ އެބަހުއްޓެވެ. މިއީވެސް ދައްކަން ޖެހޭ ވާހަކަ އެކެވެ. ނަމަވެސް ކައިވެނި ކުރެވެންދެން ހުރިހާ ވަގުތެއް މިވާހަކަތަށް ހައްޔަރުކޮށްގެން ވާކަށް ނެތެވެ. އެތައް ހުވަފެންތަކާއެކު ފެށި ދަތުރު މަދު ދުވަސްކޮޅެއް ތެރޭ ކޮޅިގަނޑެއްގައި ޖެހި ބެހިގެން ދަނީވެސް ދައްކަންޖެހޭ މުހިންމު ވާހަކަތައް ކައިވެނީގެ ކުރިން ނުދައްކާތީ އެވެ. އެއީ ފަހުން ދައްކަންޖެހޭ ވާހަކައެއް ކަމަށް ގަބޫލުކޮށްގެން ތިބީމަ އެވެ.
ފައިސާ މެނޭޖް ކުރާނީ ކިހިނެއް؟
މިއީ ގިނަ ފަހަރަށް އެންމެ ނުދެއްކޭ ވާހަކަތަކުގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ގިނަ ކައިވެނިތައް ރޫޅެނީ ފައިސާގެ މައްސަލައެއްގައި ނޫން ނަމަވެސް ފައިސާގެ މައްސަލަތަކުގައި ރޫޅޭ ކައިވެނީގެ އަދަދު މަދެއް ނޫނެވެ. ރަނގަޅަށް ފައިސާ މެނޭޖް ނުކުރެވުމުން ދެ މީހުންގެ މެދުގައި މައްސަލަ ޖެހެ އެވެ. އެންމެ ފަހުން ދެމީހުން ވަކިވާ ހިސާބަށް ދަނީ އެވެ. އެކަމަކު މިވާހަކަ ކައިވެނީގެ ކުރިން ދެކެވި ވަކި ގޮތެއް ނިންމާފައިވާނަމަ ދެބަސްވުމަކަށް ނުގޮސް ކައިވެނީގެ ސިއްހަތ ދުޅަހެޔޮކަންމަތީ ދެމި ހުރެ އެވެ. ފައިސާ ރައްކާކޮށް ހަރަދުކުރަން ވަކި ވަރެއް ކަނޑައަޅާފައިވާނަމަ އެއްވެސް މައްސަލައެއް އެކަމުގެ ސަބަބުން ކުރިމައްޗެއް ނުވާނެ އެވެ.
ކައިވެނިކޮށް ދިިރިއުޅުމެއް ފެށީމަ ކުރިން ތިއުޅޭހެން ފައިސާ ބޭކާރުކޮށެއް ނޫޅެވޭނެ އެވެ. ދެ މީހުންނަށް ލިބޭ ފައިސާ ދެމީހުން އަމިއްލަ އަށް ހަރަދުކުރާނެ ކަމަށް ބަލައި ހަމަޖެހިގެން ހުންނާނެ ކަމެއް ނެތެވެ. ތިއީ ފިރިހެނެއް ނަމަ އިތުރަށް ވިސްނަން ޖެހެ އެވެ. އަނބި މީހާ ވަޒީފާއަށް ދިޔަ ކަމުގައިވިޔަސް އޭނައަށް ހަރަދުކުރުމަކީ ތިމާވެ ޒިންމާއެކެވެ. އެކަމަކު ދެމީހުން ވާހަކަ ދައްކައިގެންވެސް ގޮތެއް ނިންމިދާނެ އެވެ. އެހެން ވީމަ ކައިވެނީގެ ކުރިން ފައިސާ މެނޭޖްކޮށް ހަރަދުކުރާނެ ގޮތެއް ނިންމާފައި އިނުން މުހިންމެވެ. ކައިވެންޏަށް ކުރާ އިތުބާރުވެސް އިތުރުވާނެ އެވެ.
"މިއީކުރަން ޖެހޭ ކަމެއް ނޫން"
މިއީ ދެމފިރިއަކު މައްސަލަ ޖެހިގެން ދެބަސްވާއިރު އިވޭ ޖުމްލަ އެކެވެ. އެވެނި ކަމެއް ކުރަން ޖެހެނީ މަށަށޭ އެކަމަކު އެއީ މަ ކުރަން ޖެހޭ ކަމެއް ނޫނޭ އެވެ. ހާއްސަކޮށް އަންހެނެއް ނަމަ އެއީ ފިރިހެނުން ކުރާ ކަމެކޭ އެކަމަކު އެކަންވެސް ކުރަން ޖެހުނީ މަށަށޭ ބުނާނެ އެވެ. ފިރިހެނުންވެސް ހަމަ މިފަދަ އެވެ. ކައިވެނި ކޮށްގެން ދެމީހުން އުޅެން ފަށާއިރު ތިމާގެ ޒިންމާ އަކީ ކޮބައިކަމެއް ގިނަ ފަހަރަށް ނޭނގެ އެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކައިވެންޏަށް ފަހު އަންހެނުންނާ ފިރިހެނުން ބައިވެރިޔާގެ ފަރާތުން އުންމީދުކުރާ ކަންތައްތައް އުޑާ ބިމާހާ ތަފާތެވެ. ކައިވެނީގެ ކުރިން މިކަމާ ވިސްނުން މުހިންމެވެ. ކައިވެނި ކޮށްގެން އުޅޭ މީހުންގެ ކައިރިން އަހާލާ ހިޔާލު ހޯދާލުމަކީވެސް ބުއްދިވެރި ގޮތެކެވެ. ކައިވެންޏަށްފަހު އެމީހެއްގެ ޒިންމާ އަކީ ކޮބައިކަން ކުރިން މަޝްވަރާކޮށް ނިންމާފައި އޮންނަނަމަ ތިޖެހޭ ކޫސަނި މައްސަލަތަކެއް ނުޖެހޭނެ އެވެ.
ދަރިޔަކު ލިބުމުން ދެން ވާނީ ކިހިނެއް؟
މިއީ ކައިވެނީގެ ކުރިން ބައެއް ފަހަރު ވަރަށް ގިނައިން ދެއްކ ވާހަކަ އެކެވެ. "މަ ބޭނުނީ ދެ ކުދިން. އަންހެން އަދި ފިރިހެން. އޭރަށް ނިމުނީ" މިކަހަލަ އެތައް ވާހަކައެއް ހުންނާނީ ދައްކާފަ އެވެ. މިކަމާ ބައިވެރިޔާ އެންމެ ގަބޫލުނުވިއަސް އެ ދުވަސްވަރު ގިނަ ފަހަރަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އެއީ މާ ފަހުގެ ކަމަކަށްވީމަ އެވެ. އެކަމަކު މިމައްސަލައިގެ ސަބަބުންވެސް ކައިވެނިތައް ރޫޅިފައި އެބަހުއްޓެވެ.
ބައެއް ފަހަރު އެއްވެސް ވަރަކަށް މި ވާހަކަތައް އެއްވެސް ވަރަކަށް ނުދައްކާ ކައިވެންޏާ ހިސާބަށް ގޮސްވެސް އެބަހުއްޓެވެ. ބައިވެރިޔާ ދަރިޔަކު ބޭނުންނުވާކަން އެނގެނީ ކައިވެންޏަށް އެތައް ދުވަހެއްވާ ފަހުންނެވެ. އެހެންކަމުން ދަރިޔަކު ބޭނުންވާތީ އެތައް ދުވަހަކަށްފަހު ބައިވެރިޔާ އާ ވަކިވާން ޖެހޭތީ ބައެއް މީހުން ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެސް ވެފައި އެބަހުއްޓެވެ.
އަދި ދަރިޔަކު ލިބުމުން ދެމީހުންގެ ގުޅުމަށް އަންނާނެ ބަދަލާ މެދުވެސް ވާހަކަ ދައްކަން ޖެހޭނެ އެވެ. ކުރިން ދިން ވަރަށް ވަގުތު ނުދެވޭނެކަން ދެ މީހުންވެސް ދެ މީހުންނަށް ވިސްނައިދީފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.
ކައިވެނީގެ ކުރިން ދައްކަންވީ މިވާހަކަތަކެވެ. ފަސް އަހަރު ރައްޓެހިވެގެން އެއްވެސް މައްސަލައެއް ނުޖެހި ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނިކޮށް ހަ މަސް ތެރޭ ވަރި އާ ހަމައަށް ދާން ޖެހެނީ މިވާހަކަތައް އެންމެ ރަނގަޅަށް ނުދެއްކޭތީ އެވެ.