އުމަރު ނަސީރު

ގޭންގްތަކުގައި އުޅޭ ކުޑަކުދިން ވާނީއަށް ގެންގޮސް އިސްލާހުކުރަނީ

  • މައިންބަފައިން ނުރުހުނަސް އެ ރަށަށް ގެންދާނެ
  • ކަނުލޯބީގައި ކުދިން ހަލާކުވިޔަކަ ނުދޭނަން
  • ރޯދައިގެ ކުރިން ޕްރޮގްރާމް ފަށާނަން

އެކި ގޭންގްތަކުގައި ހަރަކާތްތެރިވަމުން އަންނަ ކުޑަކުދިން ހޯދައި، ދ. ވާނީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް އެ ކުދިން ގެންގޮސް އެފަދަ ކުދިން އަނބުރާ މުޖުތަމައަށް ގެންނަން ހާއްސަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގަން ހޯމް މިނިސްޓްރީ އިން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، "އަވަސް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ވިދާޅުވީ، ގޭންގްތަކުގެ ލީޑަރުންގެ ފައިގައި މިހާރު ޓެގް އަޅުވަމުންދާއިރު، ކުރިއަށް އޮތްތާ ގޭންގްތަކުގެ މެންބަރުންނަށް ކަންކަން ހަނިކޮށް، ގޭންގްތަކުގައި އުޅޭ ކުޑަކުދިން އިސްލާހުކުރުމަށް ދ. ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒަކަށް ފޮނުވާނެ ކަމަށެވެ. އެގޮތުން ގޭންގްތަކުގައި އުޅޭ ކުޑަކުދިން މި މަހުގެ ކުރީކޮޅު ވާނީގައި ހުންނަ ފުލުހުންގެ މަރުކަޒަށް ފޮނުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރޯދައިގެ ކުރިން އެ ޕްރޮގްރާމް ފެށޭނެ ކަމަށް މިނިސްޓަރު އުންމީދު ކުރައްވަ އެވެ.

ދ. ވާނީއަކީ މީހުން ބަދަލުކޮށްފައިވާ ރަށެކެވެ. މިހާރު އެރަށުގައި އުޅެނީ ފުލުހުންނެވެ.

"ގޭންގަށް ނިސްބަތްވާ ހުރިހާ ކުޑަކުދިން އަޅުގަނޑުމެން މިނަގަނީ، ނަގައިގެން އެ ކުދިން މި ގެންދަނީ ދ. އަތޮޅު ވާނީއަށް، މިހާރު އެ މައްސަކަތް އެބަ ހިނގާ، ދ އަތޮޅު ވާނީއަށް ހުރިހާ ކުދިން ގެންދެވޭނެ ގާތްގަނޑަކަށް މި މަހުގެ ކުރީކޮޅު، ކުށުގެ ވެށީގައި އެ ކުއްޖެއް ހުރި ކަމަށްވާނަމަ އެ ކުއްޖެއް ނަގާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ތަމްރީނު މަރުކަޒުގައި ގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމަކީ، ސިފައިންނާއި ޖެންޑާ މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިނިސްޓަރު ވިދާޅުވީ، ކުށުގެ ވެށީގައި އެ ކުއްޖެއް އުޅޭނަމަ މައިބަފައިންގެ ރުހުން އޮތަސް ނުވަތަ ނުރުހުމުގައި ވެސް އެ ކުދިން ވާނީއަށް ގެންދާނެ ކަމަށެވެ.

ކަނު ލޯބި ދިނުމުން ކުދިން ހަލާކުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މިހާރު ދޭން މިއުޅެނީ "ޓަފް ލަވް" ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. އެގޮތުން އެ ކުއްޖާ ރުހުނަސް ނުވަތަ ނުރުހުނަސް ކުއްޖާއަށް ރަނގަޅަށްޓަކައި ދައުލަތުން އަޅަންޖެހޭ ފިޔަވަޅެއް ދައުލަތުން އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ސަބަބުން ގޭންގްތަކުގައި ގެންގުޅޭ ކުޑަ ކުދިން މުޖުތަމައުން ނެގިގެން އެ ކުދިން ދާނެ، ދިޔައީމަ ދެން ތިބެނީ ގޭންތަކުގައި އިސްކޮށް ތިބޭ ފަރާތްތައް، ލީޑަރުންގެ މައްޗަށް މޮނިކޮން އަމުރު ހިނގަމުން އެދަނީ، މެދު ތެރޭ ތިބޭ ކްރައުޑަށް އަޅުގަނޑު އަންގާނަން، އަޅުގަނޑުމެން ބުނާ ތަނެއްގައި މަޑުކޮށްގެން ނުވާނެ ކަމަށް، މަޑުކޮށްފިއްޔާ ކުށްވެރިވާނެ، އެހިސާބަށް ގެންނާނަން އަދި،" އުމަރު ވިދާޅުވި އެވެ.

މިހާރު މޮނިކޮން އަމުރު ތަންފީޒު ކުރަނީ އޭގެ ފުރަަތަމަ ސްޓޭޖްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މޮނިކޮން އަމުރާ ގުޅިގެން ކުރަން ޖެހޭ ކަންކަން ވަރުގަދަ ކުރައްވައި އެ ނިޒާމަކީ ކުށްކުރާ މީހުން ބިރުގަންނަ ވަރުގެ ނިޒާމަކަށް ހަދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތްތާންގައި މޮނިކޮން ނިޒާމްގެ ދަށުން ވަކި ތަނެއްގައި ހުއްޓުން ވެސް ގޭންގްތަކުގެ މީހުންނަށް މަނާކުރާނެ ކަމަށެވެ. އެއީ، ދެވަނަ ފޭސްގެ ތެރެއިން މިނިސްޓަރު އަޅުއްވާ ފިޔަވަޅެކެވެ. އެ ފިޔަވަޅުގެ ދަށުން މިނިސްޓަރު ލިސްޓުކުރާ ބަޔަކަށް ވަކި ތަންތަނެއްގައި މަޑުކުރުން މަނާވާނެ ކަމަށާއި ހުއްޓިއްޖެ ނަމަ ނޫނީ ވަކި ސަރަހައްދަކަށް ގޮސްފި ނަމަ ކުށްވެރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދެވަނަ ފޭސް ގެނައީމަ މިސާލަކަށް ގޭންގަކަށް ނިސްބަތްވާ ކަމަށްވާނަމަ ގޭންގެއް ޖަމާވަނީ ވަކި ކަންމައްޗަކަށް ކަމަށް ވަންޏާ، ނިޒާމް މަނާކުރާނެ އެ ކަންމައްޗަކަށް މަޑުކުރަން، އެއްވެސް ހާލެއްގައި އަޅުގަނޑު ލިސްޓްކުރާ މީހުން، އަޅުގަނޑު ލިސްޓްކުރާނެ މި ކަންމައްޗަށް މަޑު ނުކުރެވޭނެ މީހުން، ލިސްޓްކުރީމަ އޭގެން މީހަކަށް އެ ކަންމައްޗަކަށް މަޑެއް ނުކުރެވޭނެ، މަޑުކޮށްފިއްޔާ ކުށްވެރިވާނެ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ، މަހެއް ނުވަތަ ދެމަހެއް ތެރޭގައި މޮނިކޮން ނިޒާމްގެ ދެވަނަ ފޭސް ގެންނާނެ ކަމަށެވެ.