ދަރިފުޅުގެ އުމުރުން ތިން އަހަރު ވަނީ އެވެ. ހަލަނި ކަމުގެ އިންތިހާ އެވެ. ގަޑިން ހެނދުނު 10:00 ޖަހާއިރު ތިން ފަހަރަށް ގޭތެރެ ސާފުކުން ޖައްސަ އެވެ. ތަރުތީބު ކޮށްފައި ހަމަޖެހިލައިގެން ތަނެއްގައި އިށީނދެ ގަޑި ބަލައިލާފައި ކަޅިއެއް އެއްލާއިރު އަނެއްކާ ކުޅޭ އެއްޗެހިތައް މުޅި ތަނަށް އުކާލާފަ އެވެ. މުޅި ފާރުގައި ކުރަހާ ނިންމަނީ އެވެ. ފްރިޖުގައި ހުރި އެއްޗެހީގެ ދެބައިކޮށްފަ އެއްބައި މުޅި ތަނަށް އަޅާލާފަ އެވެ. މިފަހަރު ރުޅި އަށްވުރެ ވީ ދެރަ އެވެ.
މިވަގުތު ތިހުރީ ރުޅިވެސް އައިސްފަ އެވެ. މަޑުމަޑުން އަނެއްކާވެސް ހުރިހާ ތަނެއް ތަރުތީބު ކުރާށެވެ. ޗިލްޑްރެން މެޑިކަލް ސެންޓަރުގެ ކްލިނިކަލް ސައިކޮލޮޖިސްޓު އެލެކްސިލް ސީލައިޑް ވިދާޅުވަނީ މިހެންނެވެ. އެ އުމުރަކީ ވަށައިގެންވާ މާހައުލަށް ބަލައިގެން ކުދިން ކަންކަން ދަސްކުރާ އުމުރެވެ. އެހެން ވީމަ ރުޅި އިސްކުރުން ބުއްދިވެރިއެއް ނޫނެވެ. ކުދިންނަށް އެ އުމުރުގައި ރަނގަޅު ނަމޫނާއެއް ދައްކަންވާނެ އެވެ. އެއްވެސް ވަރުބަލިކަމެއް ނެތި އެވެ.
ދަރިފުޅު ކިތަންމެ ކުޑައަސް ވިސްނާނެ އެވެ. ދަރިފުޅު އެހެން ކަންތައް ކުރުމުން ރުޅި އިސްނުކޮށް އެކަން ރަނގަޅު ކުރަން މަސައްކަތް ކުރާނަމަ ދަރިފުޅުގެ ހިތަށް ކޮންމެވެސް އެއްޗެއް އަރާނެ އެވެ. އަދި އެކަމުގައި ދަރިފުޅު ބައިވެރި ވެސް ކުރަންވާނެ އެވެ. ދަރިފުޅު ދިމާލަށް ބާރަށް ބުނުމުގެ ބަދަލުައި މަޑުމަޑުން ލޯބިން ބުނާށެވެ. އޭނައަށް ވިސްނޭނެ ފަދަ ގޮތަކަށެވެ. ދަރިފުޅަކީ ބަސް ނާހާ ކުއްޖެއް ނޫނެވެ. ބަސް އަހާނެ އެވެ. އަދިވެސް ރުޅި މަޑު ނުވަނީ ހެއްޔެވެ؟ ލޯ މަރާލާފައި ދެތިން ފަހަރު ފުންކޮށް ނޭވާ ލާށެވެ. ނުވަތަ ކުޑަ ވަގުތުކޮޅަކަށް އިތުބާރުކުރެވޭ މީހަކާއި ދަރިފުޅު ހަވާލުކުރާށެވެ.
ތިއުމުރުގައި އެއްވެސް ވަރަކަށް ދަރިފުޅު މަޑުން ނުހުންނާނެ އެވެ. ތަންތަނަށް އަރައި ފުންމާ ހަދާނެ އެވެ. އެހެންވީމަ އިތުރަށް ދަރިފުޅަށ ސަމާލުކަން ދޭނެ އެވެ. ތިރީގައި ކަކޫ ޖަހާލާފައި ތިރިވެލާ ދަރިފުޅުގެ ޕާސްޕެކްޓިވް އިން ވިސްނާލާށެވެ. ވޭކް ފޮރެސްޓް ބެޕްޓިސްޓް މެޑިކަލް ސެންޓާގެ އެސޯސިއޭޓޤ ޕްރޮފެސާ އޮފް ބިހޭވިއަރަލް އެންޑް ޑިވެލޮޕްމެންޓް ޕީޑިއޭޓްރިކްސް ކާޓް ލިންޕީޓާ ވިދާޅުވަނީ މިހެންނެވެ. އޭރަށް ކަރަންޓު އައުޓްލެޓް ތަކާއި ނުރައްކާ ބޭސް ފަދަ ތަނެތި ބަހައްޓަން ޖެހޭ ހިސާބު ދެނެގަނެވޭނެ އެވެ. ޓީވީ ފަދަ ތަކެތި ދަރިފުޅު އަތް ނުފޯރާ ހިސާބުގައި ބެހެއްޓުން މުހިންމެވެ. ފަންސޫރު، ގަލަން އަދި ލިޕްސްޓިކް ފަދަ ތަކެތިވެސް އަތްނުފޯރާ ހިސާބުގައި ބަހައްޓާށެވެ. ފޯނު ޗާޖަރު ގަދަ ތަކެތިން ކަރަންޓ ކަނޑާލާފައ ބެހެއްޓުން މުހިންމެވެ. ވާގަނޑު ކަރުގައި އޮޅާލަންވެސް ކުޑަ މީހާ ހިތަށް އަރާފާނެ އެވެ. އަދި އެހެން ދިމާލަކަށް ހަމަ އެނބުރިލާ ގަޑީގައި އެފަދަ ކަމެއް ކޮށްފާނެ އެވެ.
ބައެއް ފަހަރު ހުރިހާ ސަމާލުކަމެއް ދަރިފުޅަށް ނުދޭށެވެ. ފޫހިވެގެން ސަމާލުކަން ހޯދަންވެސް ދަރިފުޅު އުޅޭނެ އެވެ. އެކަމަކު ބައެއް ފަހަރު ފޫހިކޮށްލަން ޖެހޭނެ އެވެ. އެގޮތަށް ސަމާލުކަން ހޯދަން އޭނަ އެއްޗެހި އުކާ ފަދަ ކަމެއް ކުރަންޏާ މަޑު މަޑުން ލޯބިން ނުކުރަން ވިސްނައިދޭށެވެ. އަދި އެ ކީއްވެކަންވެސް ބުނެދޭށެވެ. އަދި ނޫނީ އެހެން ކަމެއް ދަރިފުޅުގެ ސަމާލުކަމަށް ގެންނާށެވެ.
މިފަދަ ގަޑިއެއްގައި ހަޅޭއްލަވައި ބާރަށް އެއްޗެހި ބުނާނަމަ ކަންތައްކުރަން ޖެހެނީ އެގޮތަށް ކަމަށް ދަރިފުޅު ގަބޫލުކޮށް ބޮޑުވަމުން އަންނަ ވަރަކަށް އެކަން ކޮޕީ ކުރާނެ އެވެ. އަދި ރުޅި ގަދަ ގޮތް ދޫނުކުރާ ކުއްޖަކަށް އިސާހިތަކު ދަރިފުޅުވެގެން ހިނގައިދާނެ އެވެ.