ކުޅިވަރު

200 ކުދިންނާއެކު އުރީދޫ-ޕީއެސްޖީ ކޯޗިން ކްލިނިކް ފަށައިފި

Jun 4, 2016

ދުއިސައްތަ ކުދިންނާއެކު އުރީދޫ ގްރޫޕާއި ފުޓްބޯޅަ ކްލަބް ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) ގުޅިގެން ބާއްވާ ކޯޗިން ކްލިނިކް އިއްޔެ ފަށައިފި އެވެ.

ހެންވޭރު ދަނޑުގައި ކުރިއަށް ގެންދާ މި ކޯޗިން ކްލިނިކުގައި ތަމްރީން ދެނީ "ޕީއެސްޖީ އެކަޑަމީ" ގެ ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ ބެންޔަމިން ހޫރީ އަދި މެތިއު ޔީން-ބެޕްޓިސްޓެވެ. މިދެ ދެ ކޯޗުން ވަނީ ރާއްޖޭގެ ޔޫތު ޑިވެލޮޕްމަންޓުގައި މަސައްކަތްކުރާ ކޯޗުންނާ ބައްދަލުކޮށް ޕީއެސްޖީގެ އެކަޑަމީން ގެން އުޅޭ އުސޫލުތަކާއި ތަމްރީން ދެމުން އަންނަ ގޮތްތައް ވެސް ކިޔައިދީފަ އެވެ.

މި ކޯޗިން ކްލިނިކް މި ޕްރޮގްރާމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، ކުޅިވަރުގެ މައިދާނުގެތެރެއިން އަދި ބޭރުންވެސް ޒުވާން ކުދިންގެ އުންމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ ހުނަރުތައް ބިނާކޮށް ކުރިއެރުވުމަށްޓަކައި، އުރީދޫ އާއި ޕެރިސް ސެއިންޓް ޖަމެއިން އިން ހިންގާ ޕްރޮގްރާމެކެވެ.

ޕީއެސްޖީގެ ސްޕޮންސަރެއް ކަމަށްވާ އުރީދޫއާއެކު އެ ކްލަބުން 2013 ވަނަ އަހަރު ހެދި އެއްބަސްވުުގެ ދަށުން ޕީއެސްޖީން އަންނަނީ އުރީދޫ އިން ހިދުމަތްދެމުން އަންނަ ގައުމުތަކުގައި މި ޕްރޮގްރާމް ހިންގައި ދެމުންނެވެ.